01 ޖޫން 2017 - 07:33

ސަލްސާ އަކީ މާލޭގައި ވަރަށް މަޝްހޫރު ނަމެކެވެ. ސަލްސާއޭ ބުނާއިރަށް އެތަނުގެ ވެރިޔާ އިބްރާހިމް އާމިރު ވެސް ގިނަ ބަޔަކަށް އެނގޭނެ އެވެ. ހިތްހެޔޮކަމާ އެކު ކޮންމެ މީހަކާ ވެސް އޭނާ ވާހަކަ ދައްކާނެ އެވެ. އެކަމަކު އޭނާގެ މަސައްކަތުގެ ކަންކަން ގިނަ ފަހަރަށް އޮންނާނީ ނުދައްކާ ވާހަކައެއްގެ ގޮތުގަ އެވެ.

ސަލްސާ ރެސްޓޯރަންޓާއި ސަލްސާ ކޭޓަރިންގެ ރަހަތައް އެކުލަވާލުމުގެ އެންމެ އިސް މޭސްތިރިއަކީ އާމިރެވެ. ދިވެހިންނާ ގުޅޭ އެތައް ކެއުމެއް އާމިރު ތައްޔާރުކޮށްފައިވެ އެވެ.

"މީހުންނަށް ހީވެފައި އޮންނަނީ އަޅުގަނޑު ކުރާ ކަމަކީ ހަމައެކަނި މިތަން ހިންގުމޭ. އެކަމަކު އަޅުގަނޑު ހުންނާނެ ކިތަންމެ ފުޑެއް ދިވެހިންނާ ގުޅޭނެ ގޮތަށް ތައްޔާރުކުރާނެ ގޮތް ކިޔައިދީފައި. ބައެއް ފަހަރު އަލަށް އެއްޗެއް ކައްކާއިރު ހުންނަން ކައިރީގައި ބަލަން،" އާމިރު ބުންޏެވެ.

މިސާލެއްގެ ގޮތުން އޭނާ ދެއްކެވި ދެ ކެއުމަކީ މިކްސްޑް ފްރައިސް އާއި ސްވީޓް ޕޮޓޭޓޯ ޓްރަފްލް އެވެ.
"މި ތަނުގައި ތައްޔާރުކުރާ މިކްސްޑް ފްރައިޑް ރައިސްގައި ހުންނާނެ ސީފުޑްގެ ރަހަ ހިމަނައިގެން އިތުރު މީރު ކަމެއް ގެނެސްފައި ހުންނާނެ. އަދި މި ތަނުން ތައްޔާރުކުރާ ސްވީޓް ޕޮޓޭޓޯ ޓްރަފްލް އެއީ ކައްޓަލަ، ދިޔާ ހަކުރު އަދި ހުނި އަޅާފައި މޭޝް ކޮށްފައި ހުންނަ ދިވެހި ރަހައެއް،" އާމިރު ބުންޏެވެ.
އެ ރެސްޓޯރަންޓްގައި ބޭނުންކުރާ މެނޫ ތައްޔާރުކުރުމުގެ އިތުރުން އެތަކެތި ތައްޔާރުކުރާނެ ގޮތާއި ޑިޝްތައް މޮޑިފައިކުރާނެ ގޮތްތައް ވެސް އާމިރު ކިޔައިދެ އެވެ.
ހޮޓެލް މެނޭޖްމަންޓް ދާއިރާއިން މާތި ތައުލީމް ހާސިލްކުރި ނަމަވެސް ކާތަކެތި ތައްޔާރުކުރުމަކީ އާމިރު ކިޔެވި ދާއިރާއެއް ނޫނެވެ. ނަމަވެސް އާމިރުގެ މަންމަ އާއި އަންހެން ކޮއްކޮމެން ކެއްކުމަށް ހުންނަ ޝައުގުވެރިކަން ބޮޑުވުމުން އާމިރު ވެސް އެކަމަށް ޝައުގުވެރިވީ އެވެ.
"ގޭތެރޭގައި ވަރަށް ބޮޑަށް ކެއްކުން އޮވޭ. ހާއްސަކޮށް މަންމައާ އެކު ހުރިހާ އަންހެން ކުދިން ވެސް ބައިވެރިވާނެ ކެއްކުމުގައި. އެހެންވެ ވަރަށް ބޮޑަށް ކެއުންތައް ތައްޔާރުކުރާނެ ގޮތް ދަސްވި،" އޭނާ ބުންޏެވެ.
މާލޭގައި އުޅޭ އިރު އަތުގައި ކެމެރާ ނެތަސް ރަށުން ބޭރަށް ހިނގަައްޖެ ނަމަ ފޮޓޯ ކެމެރާ ހިފައިގެން އާމިރު އުޅެނީ ސަބަބެއް ނެތިއެއް ނޫނެވެ. ފޮޓޯ ނެގުމަކީ އޭނާގެ އެންމެ ބޮޑު އެއް ޝައުގެވެ.
"އަޅުގަނޑު ބޭނުން ވަނީ ވަރަށް ތަފާތު މަންޒަރުތައް ނަގަން،" އާމިރު ބުންޏެވެ.
އެ ތަފާތު މަންޒަރުތަކަކީ ގަސްތަކާއި ރާއްޖޭގެ ހިތްގައިމު ގޮނޑުދޮށްތަކެވެ.
"އެ މަންޒަރުތައް ހުންނާނެ ވަރަށް ގިނައިން. ފޮޓޯ ނެގުމަކީ މިއީ ވަރަށް ކުރާ ހިތްވާ ކަމެއް،" އާމިރު ބުންޏެވެ.
އެކަމަކު އޭނާ ނަގާ ފޮޓޯތައް އާންމުންނަކަށް ނުފެންނާނެ އެވެ. ހަމައެކަނި އަމިއްލަ ޝައުގަކަށް ކުރާތީ އޭނާ ބޭނުންވަނީ އަމިއްލަ ކަމެއްގެ ގޮތުގައި ބާއްވާށެވެ. އެހެންކަމުން އެ ފޮޓޯތައް ފެންނާނީ ވަރަށް ގާތް، ވަރަށް މަދު ބަޔަކަށެވެ.