29 މެއި 2017 - 15:05

ސަރުކާރުގެ އޮފީސް ފަދަ ތަންތަނުގެ ސެކިއުރިޓީއަށް މީހުން ހަމަޖައްސާއިރު އެއީ ކާކުކަން ރަނގަޅަށް ބަލައި، ސަމާލު ވުމަށް ފުލުސް އޮފީހުން އިލްތިމާސްކޮށްފި އެވެ.
ފުލުހުންގެ ސްޕޯކްސްޕާސަަން، ސުޕްރިންޓެންޑެންޓް އަހުމަދު ޝިފާން މިއަދު ވިދާޅުވީ ފަހަކަށް އައިސް ކޮށްފައިވާ ވައްކަންތަކަށް ބަލާއިރު، ތަނުގެ ސެކިއުރިޓީ ބަލަހައްޓަން އިންނަ މީހާގެ ދައުރު ވެސް އޮންނަ ކަމަށެވެ. އެގޮތުން އޭނާ އިހުމާލުވެގެން ހިނގާފައި ހުންނަ ވައްކަންތަކާއި ސީދާ ބައިވެރިވުން ހިމެނޭ ވައްކަންތައް ވެސް ހިމެނޭ ކަމަށް ވިދާޅުވި އެވެ.
"އިހުމާލުވަނީ ވެސް ގިނަ ފަހަރަށް އެކަމުގައި ބައިވެރިވުމުގެ ގޮތުން. ސީދާ އެ މީހުންގެ ބައިވެރިވުމާ އެކު ވެސް ހިނގާފައިވާ ވައްކަންތައް ހުރޭ،" ޝިފާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މީހުންގެ މުދަލާއި ފައިސާ އަށް ފާރަވެރިވެ، ސެކިއުރިޓީ ބަލަހައްޓަން ތިބޭ މީހުންގެ ފަތިފުށް، އެ މީހުންނަށް ވަޒީފާ ދިނުމުގެ ކުރިން ހޯދަން ޖެހޭ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަން ވެސް އިއްޔެ ފަޅާލައި ފައިސާތަކެއް ނަގާފައިވާއިރު، އެސްޓީއޯ ހޯމް އިމްޕްރޫވުމެންޓް ވެސް މިދިޔަ މަހު ވަނީ ފަޅާލައި ފައިސާތަކެއް ނަގައިފަ އެވެ. އެ ދެ ތަނުން ވެސް ވައްކަން ކޮށްފައިވަނީ ސެކިއުރިޓީ ބަލަހައްޓަން މީހުން ތިއްބަ އެވެ.
ފުލުސް އޮފީހުން ބުނީ އެސްޓީއޯ ފަޅާލި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވާއިރު އިލެކްޝަންސް ކޮމިޝަންގެ ވައްކަން އަދިވެސް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.