23 ޖޫން 2016 - 10:49

މަޝްހޫރު ކޮމެޑިއަން ޔޫސުފް ރަފީއު (ޔޫސޭ) ގެ ރޯދަ މަހަށް ހާއްސަ ޑްރާމާ "ދިރިއުޅުމަކީ މިއީބާ" މި އަހަރު ޗެނަލް 13 އިން ދައްކަމުން އަންނަ އިރު، އިރުއިރުކޮޅާ ސްކްރީނަށް އަރަނީ "މި ޑްރާމާގެ ބައެއް މަންޒަރުތަކަކީ ހަގީގަތާ އެއްގޮތަށް ކުޅެފައިވާ މަންޒަރުތަކެއް" ކަމަށެވެ.

މި ޑްރާމާގައި އެންމެ ފަހުން ގެނެސް ދިން އެޕިސޯޑްގައި ޔޫސޭ [އަހުމަދު] ފުރަގަސް ފަރާތުގައި ފޮރުވައިގެން އުޅުނު މަސްތުވާތަކެތީގެ ބްލެޓްތަކެއް، ހޮޓަލެއްގެ ފާހާނާ ތައްޓެއްގެ ތެރެއަށް ބޭރުކޮށް، އެ ބްލެޓްތައް ނެގުމަށް ތަށިތެރެ އަށް އަދި މޫދަށް ފީނައިގެން ނަގާ ތަން ދައްކަ އެވެ.

ފާހާނާ ތައްޓެއްގެ ތެރެއިން ލާފައި ބޮޑު ސިންގާ ފިރިހެނަކަށް ބޭރުވެވޭ މަންޒަރު ޑްރާމާގައި ދައްކަނީ ހާދަހާވާ ހަގީގަތާ އެއްގޮތް ކުރުމުގެ ގޮތުންނެވެ. "ހަގީގަތާ އެއްގޮތް" މަންޒަރުތަކެއް އެހާ ބޮޑަށް ގެނެސް ދޭ ޑްރާމާއެއްގައި "ހަގީގަތާ މުޅިން ދުރު" މަންޒަރުތަކެއް ދެއްކުމުން އެ ޖެހުނީ ކޮންތާކުހެއްޔެވެ؟

އެއީ ކިތަންމެ މޮޅަށް ދައްކަން އުޅުނަސް ބަލާ މީހުން ގަބޫލުކުރާނެ ކަހަލަ މަންޒަރެއް ނޫނެވެ. ސްޓަންޓް ހަދަންޏާ ވެސް ކުރަންވީ ސިކުނޑިއަށް ގަބޫލުކުރެވޭ ވަރުގެ ކަންކަމެވެ.

"ދިރިއުޅުމަކީ މިއީބާ" މިހާރު ފެންނަނީ ކަމުދާ ގޮތަކަށް ނޫނެވެ. މާ ބޮޑަށް ވެސް ފީކަޅައީ އެވެ. އޮއްޓަރެއް ނެތެވެ. ތާކުންތާކު ޖެހޭ ކަހަލަ ހާދިސާތަކެއް މިހާރު ދައްކަނީއެއް ނޫނެވެ.

ހަގީގަތަކީ "ދިރިއުޅުމަކީ މިއީބާ" އަކީ ކުރިން ރޯދަ މަހު ދިވެހިންގެ އެންމެ ގާތް އެއް ބައިވެރިޔާ ކަމެވެ. ގައުމުގައި ހުރި ތަފާތު ގިނަ މައްސަލަތަކެއް ވަރަށް ފުރިހަމަ އަށް، ވަރަށް އޮއްޓަރު ހުރި ހާދިސާތަކަކާ އެކު މީގެ ކުރިން ގެނެސް އެބަ ހުއްޓެވެ.
މި ޑްރާމާ އަށް މިހާރު 36 އަހަރު ވީ އިރު، ޑްރާމާ މިހާރު ބަލާކަށް ކަމުދާ އެއްޗަކަށް ނުވެ އެވެ. މިއަށް ވަގުތުކޮޅެއް ހުސް ކުރެވޭ ނަމަ އެއީ ބޭކާރު ކަމެއްކަން މިހާރު އިހުސާސް ކުރެވެ އެވެ. ޑްރާމާ އަށް ޝައުގުވެރިކަން ދިން އެތައް ބަޔަކު މިހާރު ތިބީ "ޔޫސޭމަތިން ފޫހިވެފަ" އެވެ.
މައްސަލައަކީ އެއްވެސް ރޭވުމެއް އޮއްޓަރެއް ނެތި ޑްރާމާ މިހާރު ގެނެސް ދޭތީ އެވެ. އެއްވެސް ރޭވުމެއް ނެތި ހަމަ މަންޒަރުތަކެއް ނަގާފައި އެގޮތް މިގޮތަށް އަތުރާލައިގެން ގެނެސް ދެނީ އެވެ.
އަނެއްކޮޅުން މިހާރު އެއް ކަންތައްތަކެއް ރިޕީޓްވާ މައްސަލަ ވެސް އެހާ ބޮޑެވެ. ޝައުގުވެރި ކަމެއް ނެތެވެ.
ޔޫސޭ ބިންމަތީގައި ފައި ހަރު ނުލައިގެން އުޅޭ މަންޒަރުތަކާއި ތަންތަނުން ވެއްޓޭ މަންޒަރުތަކާއި އޭނާ އަށް "ހަބޭހަށް" އަނިޔާވާ މަންޒަރުތަކެއް ބެލުންތެރިން އެންޓަޓައިން ވާނެ ކަމަށް ދެއްކިޔަސް މިހާރު މަޖަލެއް ނޫނެވެ.
ލޯކަލް މާރުކޭޓަށް ޔޫސޭ ގޮސްފި ނަމަ ކަރާތަކެއްގެ މައްޗަށް ނުވަތަ ކާށި ފުންޏެއްގެ މައްޗަށް ވެއްޓޭ މަންޒަރު ހަމަ ކޮންމެ ފަހަރަކު ދައްކަން ޖެހޭ ހެއްޔެވެ؟ މަސް މާރުކޭޓަށް ވަދެއްޖެ ނަަމަވެސް ހަމަ އެ ހާލެވެ. ފަޅުގައި އޮތް އޮޑިއަކަށް އެރިޔަސް އޭނާ މޫދަށް ވެއްޓެން ޖެހޭނެ އެވެ.
އިބްރާހީމްބޭ [ޑްރާމާގެ އާންމު އެކްޓަރެއް] ގެ ކޮންޓްރޯލް ނުވާ ރުޅިގަނޑާއި އޭނާ ޔޫސޭ އަށް "ކުޑަކޮށްލާ" މަންޒަރު ގެނެސް ދޭނީ ކިތައް ފަހަރު ހެއްޔެވެ؟ އެ މަންޒުތައް ބެލުންތެރިންނަށް މިހާރަކު އަލެއް ނޫނެވެ. ޔޫސޭ ތަންތަނުން ވެއްޓިގެން "އަމިއްލަ އަށް މަޖާވެގެން" އުޅުނަސް ބެލުންތެރިންނަށް މަޖަލެއް ނުވެ އެވެ.
ފުރަތަމަ ކަމަކަށް، އޮއްޓަރެއް ހުރި ސްކްރީންޕްލޭންތަކާ އެކު "ދިރިއުޅިމަކީ މިއީބާ" އެޕިސޯޑްތައް ގެނެސް ދޭން ޖެހެ އެވެ.
އަހަރަކު ޗެނަލަކުން ޑްރާމާ ދެއްކިޔަސް، އޮއްޓަރެއް، ފެންވަރެއް ނެތް އުފެއްދުންތަކެއް ބެލުންތެރިން މިހާރު ބަލައެއް ނުގަންނާނެ އެވެ.
ހަގީގަތުގައި ފެންވަރު ރަނގަޅު މޮޅު ޑްރާމާތަކެއް ޔޫސޭ އަށް ހެދޭނެ އެވެ. އޭނާއަކީ "ހައްގު" ފަދަ ރީތި ފިލްމްތަކެއް ހަދައިގެން ގައުމީ ފިލްމް އެވޯޑް ވެސް ހާސިލްކޮށްފައިވާ ފަންނާނެކެވެ.
ޔޫސޭގެ ފުރިހަމަ މަސައްކަތްތަކަށް ބަލާ އިރު ފިލްމް "މަސްތު" އާއި "އޮޅުނުވި ހިތް" ފަދަ ފިލްމުތައް ލިސްޓްގައި ހިމަނަން ޖެހޭނެ އެވެ. އެކްޓަރެއް/ޑައިރެކްޓަރެއްގެ ގޮތުގައި ގިނަ ބަޔަކަށް ޔޫސޭ ކަމުގޮސްފައި އޮތީ އެކަހަލަ އުފެއްދުންތަކާ އެކުގަ އެވެ.
"ދިރިއުޅުމަކީ މިއީބާ" އަކީ ފެންވަރު ރަނގަޅު އެއްޗެއްގެ ގޮތުގައި ގެނެސް ދޭން ބޭނުން ނަމަ އެކަން ކުރާނެ ވަގުތު އަބަދު ވެސް ޔޫސޭ އަށް ލިބިފައި އޮވެ އެވެ. މިއީ ހަމައެކަނި ރޯދަ މަހު ގެނެސްދޭ އެއްޗަކަށްވާތީ އަހަރުގެ އަނެއް 11 މަހަކީ ޔޫސޭ އަށް ޑްރާމާ މޮޅަށް އަދި ފުރިހަމަ އަށް ހަދަން ލިބޭ ވަގުތެވެ.
ރޯދަ މަސް ލައިގަތީމާ މިކަމާ އުޅެން ހަދައިގެން މިހާރު ގެނެސްދެވެނީ ގިނަ ފަހަރަށް "އެއްވެސް ތާކުން ކުރެ ތާކު ނުޖެހޭ" އުފެއްދުންތަކެވެ. މިކަމާ ވިސްނާލުން ރަނގަޅެވެ.
އެކަމަކު ހަމައެކަނި މި ކަމުނުދާ ވާހަކައިން ނިންމާލުން ވެސް ރަނގަޅެއް ނޫނެވެ. ޒަމާންވީ މި ޑްރާމާ އިން ކަމުދާ ކަމަކަށް އޮތީ އެންމެ ކަމެކެވެ. އެއީ އޭގައި އުޅޭ [އާންމު] އެކްޓަރުންނެވެ. އެހެން ގޮތަކަށް ބުނާ ނަމަ އެއީ ހަމައެކަނި "ދިރިއުޅުމަކީ މިއީބާ" އަށް ހާއްސަ އެކްޓަރުންނެވެ. އެ މީހުން ފެންނަނީ ވެސް ހަމައެކަނި ރޯދަ މަހު އެވެ.
މީގެ ތެރެއިން ގިނަ އެކްޓަރުންނަކީ ވަރަށް މޮޅެތި އެކްޓަރުންނެވެ. އެ މީހުންގެ ނެޗްރަލް އެކްޓިންއަށާއި އެހެރަ ގެންގުޅޭ ޑައިލޮގް ޑެލިވަރީ އަށް ފުލް މާކްސް ދޭން ޖެހޭނެ އެވެ. މިހާރު އެ މީހުން ޔޫސޭ އަށް ވުރެ ބޮޑަށް ފާހަގަވެ އެވެ.
އެހެންވެ ޔޫސޭގެ ބަދަލުގައި ލީޑް ރޯލުން އެހެން އެކްޓަރަކު ދައްކާލުން ކިހިނެއް ވާނެހެއްޔެވެ؟ ކެމެރާ ކުރިމަތިން ޔޫސޭ އެއްފަރާތް ވެލާފައި ޑައިރެކްޝަނަށް ފޯކަސްކޮށްފި ނަމަ، މީގެ ރަހައަށް ހެޔޮ ބަދަލެއް އައުން ގާތެވެ. މިހާރުގެ މައްސަލަތައް ގެނެސްދޭން ޔޫސޭ ނޫން އެހެން ކެރެކްޓާއެއް ޓެސްޓުކޮށްލުން ރަނގަޅުވާނެ ކަމަށް ފެނެ އެވެ.
ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ދުވަސްވީ ޑްރާމާގެ ރެކޯޑް "ދިރިއުޅުމަކީ މިއީބާ" އަށް އޮތަސް އެއީ ފަހުރުވެރިވުން ހައްގު ކަމަކަށް ވާނީ ޔޫސޭ ކަހަލަ، ބެލުންތެރިން ބަލައިގަތް ފަންނާނެއްގެ ފަރާތުން ކޮލިޓީ ހުރި އެއްޗެއް ގެނެސް ދެވިގެންނެވެ.
ޑްރާމާގެ ތާރީހުން 35 އަހަރު މާޒީވީ އެވެ. ޒަމާން މިއޮތީ ބަދަލުވެފަ އެވެ. އެ ބަދަލާ އެއްވަރަށް ޔޫސޭ ފައިހަމަކޮށްފައި "ދިރިއުޅުމަކީ މިއީބާ" ރިބްރޭންޑްކޮށްލުން ބުއްދިވެރި އެވެ. ބެލުންތެރިން އަލުން ބަލައިގަންނާނީ އޭރުންނެވެ.