30 މެއި 2017 - 07:43

ބޮލީވުޑްގެ 100 އަށް ވުރެ ގިނަ ފިލްމުގައި އެކި ރޯލުތައް ކުޅެފައިވާ ބަތަލާއެއް ކަމަށްވާ ގީތާ ކަޕޫރު ބަލިވުމުން ހޮސްޕިޓަލަށް ދޫކޮށްލާފައިވާ އޭނާގެ ދަރިން ފިލައިފި އެވެ.
ގޮރެގާއޮން ގައި ހުންނަ އެސްއާރްވީ ހޮސްޕިޓަލަށް ގީތާ، 58، މިދިޔަ މަހުގެ 21 ވަނަ ދުވަހު ގެންދިޔައީ އޭނާގެ ދަރިފުޅު ރާޖާ އެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައީ ކުއްލިއަކަށް ލޭގެ ޕްރެޝަރު ދަށްވެގެން ވެއްޓުމުންނެވެ.
ހޮސްޕިޓަލުގައި ގީތާ އެޑްމިޓްކުރަން ޖެހުމުން ޑިޕޮސިޓް ފައިސާ ދައްކަން ޖެހުނެވެ. ދަރިފުޅު ފިލީ ފައިސާ ނަގަން އޭޓީއެމަށް ގޮސް އަންނާނެ ކަމަށް ބުނުމަށް ފަހުގަ އެވެ. އޭނާ އަށް ގުޅަން ހޮސްޕިޓަލުން ކުރި މަސައްކަތް ކާމިޔާބެއް ނުވި އެވެ. ނަމަވެސް ގީތާގެ ހާލު ދެރަކަމުން ޑޮކްޓަރުން ނިންމީ ފަރުވާ ކުރިއަށް ގެންދާށެވެ. މިހާތަނަށް ބިލްތަކަށް 1.5 ލައްކަ ރުޕީސް ވަނީ އަރައިފަ އެވެ.
އިންޑިޔާގެ ޓީވީ ޗެނަލް ޓީވީ9 އާ ވާހަކަ ދައްކަމުން ގީތާ ވަނީ އޭނާގެ ހާލު ބަޔާންކޮށްދީފަ އެވެ. "ޕާކީޒާ" ފަދަ ފިލްމުތަކުގައި ޖޫނިއާ އާޓިސްޓެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ ގީތާ ބުނީ ހާލުގައި ޖެހުނު ދުވަހު އޭނާއަށް އަޅާލާނެ އެކަކުވެސް ނެތް ކަމަށް ކަމަށެވެ. އަދި ހޮސްޕިޓަލުގައި މަހަކަށް ވުރެ ގިނަ ދުވަހު އޮތްއިރު އެއްވެސް މީހަކު އޭނާގެ ހާލު ބަލާލަން ނާންނަ ކަމަށް ބުންޏެވެ.
އިންޑިއާގެ ނޫހެއް ކަމަށްވާ މިޑް-ޑޭ އަށް ގީތާ ކިޔައިދީފައިވާ ގޮތުގައި އޭނާގެ ދަރިފުޅު ރާޖާ އުޅޭ ވިޔާނުދާ ގޮތްތައް ކަމުނުދާތީ އެ ވާހަކަ ދެއްކުމުން އޭނާއަށް ވަރަށް އަނިޔާ ކުރެ އެވެ. އަދި ހަތަރު ފަސް ދުވަސް ވަންދެން ކާ އެއްޗެއް ވެސް ނުދީ ބަހައްޓަ އެވެ. އަދި ކޮޓަރިން ނުނިކުމެވޭ ގޮތަށް ބޭރުން ތަޅުލާފައި ވެސް ގިނަ ދުވަސްތަކެއް ވަންދެން ބައިންދަ އެވެ. އެއީ މުސްކުޅިން ބައިތިއްބާ ގެއަކަށް ދާން އޭނާ ބޭނުން ނުވާތީ އެކަމަށް އެއްބަސްކުރުވަން ކުރާ ކަމެއް ކަމަށް ގީތާ ބުންޏެވެ. އަދި ކާންނުދީ ބަނޑަށް ބައިންދަނީ ވެސް ބަލިވޭތޯ ކަމަށާއި ބަލިވީމާ ހޮސްޕިޓަލަށް ލާފައި ފިލަން ދަރިފުޅު އޮތީ މާކުރިން ވެސް ނިންމާފައި ކަމަށް ގީތާ ބުންޏެވެ.
ގީތާގެ ރިޕޯޓު ޓީވީ ޗެނަލަކުން ދެއްކުމުން އޭނާއަށް އެހީތެރިވުމަށް އިސްނެގީ ބޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުސަރު ރަމޭޝް ތުރާނީ އާއި އަޝޯކް ޕަންޑިތު އެވެ. މި ދެ މީހުން، ގީތާގެ ހޮސްޕިޓަލުގެ ބިލްތަކަށް އަރާފައިވާ 1.5 ލައްކަ ރުޕީސް ދެއްކުމުން ގީތާ މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފަ އެވެ.
ގީތާގެ އާއިލާ ހޯދުމުގެ މަސައްކަތް މުމްބާއީ ފުލުހުން ވަނީ ފަށާފަ އެވެ. އޭނާގެ ފިރިހެން ދަރިފުޅު ރާޖާ ވެސް ވަނީ ގީތާ ހޮސްޕިޓަލުގައި އެޑްމިޓް ކުރުމަށް ފަހު އެމީހުންގެ ގެ ދޫކޮށް އެހެން ތަނަކަށް ދިރިއުޅުން ބަދަލުކޮށްފަ އެވެ.
ގީތާ ގިނައިން މަސައްކަތް ކޮށްފައި ވަނީ ކުރީގެ މަޝްހޫރު ފިލްމު ޑައިރެކްޓަރު ކަމާލް އަމްރޯހީ އުފެއްދި ފިލްމުތަކުގަ އެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ރޯލެއް އޭނާ އަދާކޮށްފައި ވަނީ "ޕާކީޒާ"ގަ އެވެ.
ގީތާގެ ފިރިހެން ދަރިފުޅު ރާޖާ އަކީ ކޯރިއޮގްރާފަރެކެވެ. އޭނާގެ އަންހެން ދަރިފުޅު ޕޫޖާ އަކީ އެއާހޮސްޓެސް އެކެވެ. ނަމަވެސް މިއިން އެއްވެސް ދަރިއަކު ގީތާއަށް އަޅައެއް ނުލަ އެވެ. އޭނާގެ ދެ ދަރިން ވެސް ވަނީ އޭނާއަށް ދުރު ހިސާބުތަކަށް ގޮސްފަ އެވެ.