ރޯދަ މަހު ވަރިކުރުން ފަލަސްތީނުގައި މަނާކޮށްފި
ރޯދަ މަހު ވަރިކުރުން ފަލަސްތީނުގައި މަނާކޮށްފި

ގާޒާ ސިޓީ (މެއި 29) - ރޯދަ މަހު ފަލަސްތީނުގައި ވަރިކުރުން މަނާ ކަމަށް އެ ގައުމުގެ އިސްލާމިކް ކޯޓުގެ އެންމެ އިސް ފަނޑިޔާރު މަހްމޫދު ހަބާޝް ނިންމަވައިފި އެވެ.

ފަނޑިޔާރު މަހްމޫދު ހަބާޝް އެހެން ކޯޓުތަކުގެ ފަނޑިޔާރުންނަށް ނެރުއްވި އަމުރުގައި ވަނީ ރޯދަ މަހު ނުކައި ނުބައި ތިބެން ޖެހުމުން ބައެއް މީހުން ރުންކުރުވެ ބުނަން ނުވާ ވަރުގެ ބަސްތައް ދުލުން ބޭރުކުރާ ކަމަށެވެ. އަދި އެކަމާ އެފަދަ ބައެއް މީހުން ފަހުން ހިތާމަކުރާ ކަމަށް ވެސް ބުނެފައިވެ އެވެ. ފަނޑިޔާރު ވިދާޅުވީ މި ގޮތަށް ނިންމަން ޖެހުނީ ވޭތުވެދިޔަ އަހަރުތަކުގެ ތަޖްރިބާ އަށް ބެލުމަށް ފަހު ކަމަށެވެ.

"ބައެއް މީހުން ނުކައި ނުބޮއި އަދި ސިނގިރޭޓް ނުބައި ތިބެން ޖެހުމުން އެ މީހުންގެ މެދުގައި މައްސަލަ އުފެދޭ. އެ މީހުން ކުއްލި ރުޅި އައިސް މޮޔަ ނިންމުންތައް ނިންމާ،" ފަނޑިޔާރު ނެރުއްވި ބަޔާނުގައިވެ އެވެ.

ފަލަސްތީން އޮތޯރިޓީން ބުނީ ހުޅަނގު އައްސޭރި އާއި ގާޒާ ސްޓްރިޕްގައި 2015 ވަނަ އަހަރު 50،000 ކައިވެނި ކުރި ކަމަށެވެ. އަދި އެ އަހަރު ވަނީ 8،000 ވަރިކޮށްފަ އެވެ. ވަރީގެ ސަބަބެއް ކަމަށް ބުނެފައި ވަނީ ވަޒީފާ ނެތުމާއި ފަގީރު ހާލަތެވެ. ފަލަސްތީނުގައި ވަރި، ކައިވެނީގެ ކަންތައް ކޮށްދެނީ ދީނީ ކޯޓުތަކުންނެވެ.