29 މެއި 2017 - 12:48

ފަނޑިޔާރަކު ބްލެކްމެއިލް ކުރުމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ކްރިމިނަލް ކޯޓުން މިއަދު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.
މިދިޔަ ޖެނުއަރީ މަހު ހައްޔަރު ކުރިި ޒައިދު، ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން މިދިޔަ މަހު އަންގާފައި ވަނިކޮށް އޭނާ ގޭ ބަންދަށް ބަދަލު ކުރަން ކޯޓުން އެންގީ އޭނާގެ މައްޗަށް ދައުވާ ކުރާ މައްސަލައިގެ ޝަރީއަތުގައި މިއަދު ބޭއްވި އަޑުއެހުމުގަ އެވެ. އެ ޝަރީއަތް ކުރިއަށް ގެންދަނީ ސިއްރު ކޮށްގެން ކަމަށްވާތީ އޭގެ ތަފްސީލެއް އަދި ނުލިބެ އެވެ.
ޒައިދުގެ މައްޗަށް ތިން ދައުވާއެއް ދައުލަތުން ކުރެ އެވެ. އެއީ ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހޯދުމުގެ ދައުވާ އާއި ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހާމަ ކުރަން އުޅުމުގެ ދައުވާ އާއި ގާނޫނީ ބާރު ހިންގުމަށް ދަތި ކުރުމުގެ ދައުވާ އެވެ.
ޒައިދަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަނަށް ނިސްބަތްވާ މީހެކެވެ.