ޝާހްރުކްގެ ދަރިފުޅުގެ އެކްޓިން ހުނަރަށް ތައުރީފު
ޝާހްރުކްގެ ދަރިފުޅުގެ އެކްޓިން ހުނަރަށް ތައުރީފު

ބޮލީވުޑް އެކްޓަރު ޝާހްރުކް ޚާންގެ އަންހެން ދަރިފުޅު ސުހާނާ ޚާން އެކްޓްކޮށްފައިވާ މަންޒަރެއް ފެނިފައި، ކުރީގެ ފިލްމުތަކުން ވަރަށް މަޝްހޫރު ބަތަލާއެއް ކަމަށްވާ ޝަބާނާ އަޒްމީ ވަރަށް ތައުރީފުކޮށްފި އެވެ.

ޝަބާނާ ބުނީ ސުހާނާ އަކީ ވަރަށް މޮޅު އަދި ކުޅަދާނަ ބަތަލާއަކަށް ވާނެކަމަށް ލަފާ ކުރެވޭ ކަމަށެވެ.

"އަހަރެން މި ބުނަނީ ހަމަ ތެދެއް. ސުހާނާ ޚާން އަކީ ހީނުކުރާވަރުގެ މޮޅު ބަތަލާއެއް. އޭނާ އެކްޓްކޮށްފައިވާ މަންޒަރެއް އަހަރެން ބެލިން. އެ މަންޒަރުގައި އޭނާ ވަރަށް މޮޅު،" ޝަބާނާ، 66، ކުރި ޓުވީޓްގައި ބުނެފައިވެ އެވެ.

ސުހާނާ އަށް ޝަބާނާ ކުރި ތައުރީފަށް ޝާހްރުކް ވެސް ޓުވީޓަކުން ޖަވާބު ދީފައިވެ އެވެ. އޭނާ ބުނީ ޝަބާނާ ކަހަލަ ހުނަރުވެރި ގާބިލް އެކްޓަރަކު އެފަދަ ތައުރީފެއް ކުރުމަކީ ސުހާނާ އަށް ލިބޭނެ އިތުރު ހިތްވަރެއް ކަމުގައި ދެކޭ ކަމަށެވެ.

ސުހާނާ، 17، އޭނާގެ ސްކޫލްގައި ކުޅެފައިވާ ތަމްސީލުގެ މަންޒަރުތަކެއް މިއަހަރުގެ ކުރީކޮޅު ސޯޝަލް މީޑިއާގައި ދައުރުވެފައިވެ އެވެ. އެ މަންޒަރުތައް ބެލި ގިނަ ބަޔަކު ސުހާނާގެ އެކްޓިން އަށް ތައުރީފު ކޮށްފައިވެ އެވެ.

ސުހާނާ ފިލްމު ކުޅުމަށް ޝައުގުވެރިވާ ކަމަށް ޝާހްރުކް ކުރީގެ އިންޓަވިއުއެއްގައި ބުނެފައިވެ އެވެ. ނަމަވެސް އޭނާ ފިލްމު ކުޅެން ފަށާނީ ކިޔަވާ ނިމިގެން އެކްޓްކުރުމުގެ އެކި ކަހަލަ ކޯސްތައް ވެސް ފުރިހަމަކޮށްގެން ކަމަށް ޝާހްރުކް ބުންޏެވެ.