ބޭ އޮފް ބެންގާލުގެ ޑިޕްރެޝަން ތޫފާނަކަށް ބަދަލުވެއްޖެ
ބޭ އޮފް ބެންގާލުގެ ޑިޕްރެޝަން ތޫފާނަކަށް ބަދަލުވެއްޖެ

ޑާކާ (މެއި 29) - ބޭ އޮފް ބެންގާލްގައި އުފެދުނު ޑިޕްރެޝަންގެ ބާރުގަދަވެ ތޫފާނަކަށް ބަދަލުވެއްޖެ އެވެ.

މޯރާގެ ނަން ދީފައިވާ މި ތޫފާން މިހާރު ދަތުރު ކުރަނީ ބަންގްލަދޭޭޝްގެ އައްސޭރި ފަށާ ދިމާލަށެވެ.

ތޫފާން މޯރާގައި އިންޑިއާގެ އިރު އުތުރުގެ ހިސާބުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. އެގޮތުން ކޮލްކަތާ އާއި ވެސްޓް ބެންގާލުގެ އެހެން ބައެއް ހިސާބުތަކަށް ވެސް ކުރިއަށް އޮތް 24 ގަޑިއިރު ތެރޭ ވިއްސާރަ ކުރާނެ އެވެ. އަދި ތޫފާނުގައި ކުރިއަށް އޮތް 48 ގަޑިއިރު ތެރޭ ގަޑިއަކު 45-55 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.

ވެސްޓް ބެންގާލް އާއި އަންޑަމަން އައިލެންޑްސް ހިމެނޭ ސަރަހައްދުތަކުގެ ކަނޑު ކުރިއަށް އޮތް 48 ގަޑިއިރު ތެރޭ ގަދަވާނެ އެވެ. އެހެންކަމުން މަސްވެރިން ކަނޑަށް ނުނިކުތުމަށް ވަނީ އަންގައިފަ އެވެ.

ތޫފާނުގައި އިންޑިއާގެ ވެރިރަށް ނިއު ދިއްލީ އަށް ގުގުރުމާ އެކު މިރޭ ގަދައަށް ވިއްސާރަ ކުރާނެ ކަމަށް އިންޑިއާގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓުގެ ރީޖަނަލް ވެދާ ސެންޓަރުން ބުނެފައިވެ އެވެ.

ތޫފާން މޯރާގެ އަސަރު ރާއްޖެ އަށް ނުކުރާނެ ކަމަށް މީޓިއޮރޮލޮޖީ ޑިޕާޓްމަންޓުން ބުނެ އެވެ. ނަމަވެސް ރާއްޖޭގެ އުތުރާއި ދެކުނުގައި އުފެދިފައިވާ އިންޓެންސް ކޮންވެކްޓިވް ވިލާތަކުގެ ސަބަބުން ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖެ އަށް ވިއްސާރަ ކުރާނެ އެވެ.