29 މެއި 2017 - 11:46

ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގާ މުޒައްފަރު މުހައްމަދު ނައީމް (މުޖޫ ނައީމް) ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ފުލުސް އޮފީހަށް ހާޒިރުވާން މިއަދު އަންގައިފި އެވެ.
ރާއްޖެ އިން ބޭރުގައި ދިރިއުޅެމުން އަންނަ މުޖޫ ޕޮލިހަށް ހާޒިރުވާން އެންގި ސަބަބެއް ފުލުހުން ނުބުނެ އެވެ. އެކަމަކު، ހާޒިރުވާން އަންގައި ނެރުނު އިއުލާނުގައި ބުނީ، މުޖޫ އަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުން ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
އެ މައްސަލައިގެ ތަހުގީގަށް އޭނާ ހާޒިރުނުކުރެވިގެން އުޅެނީ ރާއްޖެ އިން ބޭރުގައި ދިރިއުޅެމުންދާތީ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އިއުލާން މެދުވެރިކޮށް ފުލުހުން އެދިފައި ވަނީ ޕޮލިހަށް ހާޒިރުވެ މުޖޫ ނައީމަށް ތުހުމަތުކުރެވޭ މައްސަލާގައި އަމިއްލަ ދިފާއުގައި ޖަވާބުދާރީ ވުމަށެވެ. އެގޮތަށް އަމަލުނުކޮށްފި ނަމަ އެ މައްސަލާގައި، މިހާތަނަށް ލިބިފައިވާ ހެއްކާއި ގަރީނާތަކަށް ބިނާކޮށް، ޣައިރު ހާޒިރުގައި ދައުވާކޮށްދޭން އެދި ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މުޖޫ ނައީމް އަކީ އެއްވެސް ދީނެއް ގަބޫލު ނުކުރާކަން ސޯޝަލް މީޑިއާގައި އިއުލާން ކޮށްފައިވާ މީހެކެވެ.
ދީނަށް ފުރައްސާރަކޮށް ލިޔާ މައްސަލާގައި، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ރައީސުލްޖުމްހޫރިއްޔާގެ މެންބަރުކަން ކުރެއްވި އާއިޝަތު ވެލެޒިނީ ދެ ހަފުތާ ތެރޭގައި ފުލުސް އޮފީހަށް ހާޒިރުވާން ވަނީ އަންގައިފަ އެވެ.
ނެދަލެންޑްސްގައި ދިރިއުޅޭ ވެލެޒިނީ އިސްލާމްދީނަށް ފުރައްސާރަކޮށް ސޯޝަލް މީޑިއާގައި އޭނާ އާއްމުކޮށްފައިވާ ވީޑިއޯތަކާއި ދައްކާފައިވާ ވާހަކަތަކާ ގުޅިގެން އެއީ މުރުތައްދުވެފައިވާ މީހެއް ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ކަނޑައަޅައިފަ އެވެ.