25 އަހަރަށް ފަހު ޓޮޓީ ރޯމާ އަށް އަލްވަދާއު ކިޔައިފި
25 އަހަރަށް ފަހު ޓޮޓީ ރޯމާ އަށް އަލްވަދާއު ކިޔައިފި

ރޯމް (މެއި 29) – މުޅި ކެރިއަރު އިޓަލީގެ އޭއެސް ރޯމާގައި ހޭދަކުރި ފްރެންޗެސްކޯ ޓޮޓީ އެ ކްލަބަށް ކުޅެދިން ފަހު މެޗަށް ފަހު ރޭ ކަރުނައިން ފޯވެ ހުރެ ސަޕޯޓަރުންނަށް އަލްވަދާއު ކިޔައިފި އެވެ.

ފަހު މިނެޓުގައި ޑިއޭގޯ ޕެރޮޓީ ޖެހި ލަނޑާ އެކު ޖެނޯއާ އަތުން 3-2 އިން މޮޅުވެ ރޯމާ އިން އިޓާލިއަން ލީގުގެ ދެ ވަނަ ކަށަވަރުކޮށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ފުރުސަތު ހޯދި މެޗުގައި ޓޮޓީ ކުޅެން އެރީ ދެ ވަނަ ހާފު ފަށައިގެން ނުވަ ވަނަ މިނެޓުގަ އެވެ.

ރޯމްގެ އޮލިމްޕިކް ސްޓޭޑިއަމަށް އެއްވެ ތިބި ރޯމާގެ އެތައް ހާސް ސަޕޯޓަރުން ވަނީ ޓޮޓީ އެރުމާ އެކު ކޮޅަށް ތެދުވެ އޭނާ އަށް އިހުތިރާމް އަދާކޮށްފަ އެވެ. މުޅި ދަނޑުގައި އޭނާގެ ނަން ހަރު އަޑުން ގޮވަމުން ދިޔައިރު ގިނަ ސަޕޯޓަރުން ތިބީ ޓޮޓީގެ ޖާޒީ ނުވަތަ އޭނާ އަށް ޝުކުރުއަދާކޮށް ލިޔެފައިވާ ފޮތިތަކާއި ދިދަތައް ހިފައިގެންނެވެ.

މެޗަށް ފަހު ރޯމާ އިން އުމުރުން 40 އަހަރުގެ ޓޮޓީގެ ރަމްޒީ 10 ނަމްބަރު ޖާޒީ އޭނާ އަށް ހަދިޔާކުރިއިރު ޓޮޓީ ވަނީ އަސަރުން ފުރިފައިވާ ބަސްތަކެއް ސަޕޯޓަރުންނަށް އިއްވައިފަ އެވެ. އަންހެނުންނާ ތިން ކުދިންނާ އެކު ދަނޑުމަތީ ހުރެ ޓޮޓީ ބުނީ އޭނާ އަށް "މުސްތަގުބަލު ނުފެންނަ ކަމަށާއި ބިރުގަނެފައިވާ" ކަމަށެވެ.

"ހިތަށް އަރުވާލާ ތިއީ ކުޑަ ކުޑަ ކުއްޖެކޭ، ވަރަށް އުފާވެރި ހުވަފެނެއްގެ ތެރޭގައޭ ތިއޮތީ. އެހެން އޮއްވާ މަންމަ އައިސް ސްކޫލަށް ދާން ގޮވަނީ. ތި ކުއްޖާ ބޭނުންވަނީ ހުވަފެން ދެކެން އޮންނަން. ބޭނުންވަނީ އަލުން ހުވަފެނުގެ ތެރެއަށް ދެމި ގަންނަން އެކަމަކު އެކަމެއް ނުވާނެ،" ރޯމާ ދޫކޮށްލަން ޖެހުމުގެ ހިތި އަސަރު ފެންކަޅިވެފައި ހުރި ޓޮޓީ ސިފަކޮށްދިނެވެ.

"މި ފަހަރު މިއީ ހުވަފެނެއް ނޫން، ހަގީގަތެއް. އަހަންނަށް ނެތް އެ ހަގީގަތުގެ ތެރެއަށް އެނބުރި ދެވޭކަށް. ތި އެންމެންނަށް 28 އަހަރު ލޯބިދެވުނީތީ އަހަރެން އުފާވޭ އަދި ފަހުރުވެރިވޭ. ވަރަށް ލޯބިވޭ."

ރޯމާ އިން ވަނީ ޓޮޓީ އަށް އެ ކްލަބުގެ ޑިރެކްޓަރެއްގެ ރޯލް ހުށަހަޅައިފަ އެވެ. އެކަމަކު ބުރާސްފަތި ދުވަހު އޭނާ ނެރުނު ބަޔާނުން ދޭހަވަނީ އޭނާ އެހެން ކްލަބަކާ ގުޅޭނެ ކަމަށެވެ.

"މިއީ ރޯމާގެ ޖާޒީ އަހަންނަށް ލެވޭނެ ފަހު ފަހަރު. ހޯމަ ދުވަހުން ފެށިގެން އަލުން އަހަރެން ހުންނާނީ ތައްޔާރަށް. އާ ޗެލެންޖަކަށް އަހަރެން ތައްޔާރު،" ޓޮޓީގެ ބަޔާނުގައި ބުނެފައިވެ އެވ

ރިޕޯޓްތައް ބުނާ ގޮތުގައި ޓޮޓީ ބޭނުންވީ ރޯމާގައި އަދި އިތުރަށް މަޑުކުރާށެވެ. އެކަމަކު އެ ކްލަބުގެ އާ ޑިރެކްޓަރު ބޭނުންވީ އޭނާއާ އެކު ޓޮޓީ މަސައްކަތްކުރާށެވެ. ބެލެވޭ ގޮތުގައި ޓޮޓީ ދެން ގުޅޭނީ އޭނާއާ އެކު 2006 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކުރި އިޓަލީ ޑިފެންޑަރު އަލެސަންދްރޯ ނެސްޓާ ކޯޗުކޮށްދޭ އެމެރިކާގެ މޭޖާ ލީގުގެ މިއާމީ އެފްސީއާ އެވެ.

އިއްޔެގެ މެޗަށް މުޅި އިޓަލީ ފުޓްބޯޅަ ތައްޔާރުވީ ޓޮޓީގެ ދުވަހުގެ ގޮތުގަ އެވެ. އެކަމަކު ޗެމްޕިއަންސް ލީގުގެ އޮޓޮމެޓިކް ޖާގައެއް ހޯދަން މޮޅުވާން މަޖުބޫރު މެޗަކަށް ވާތީ ރޭ ރޯމާގެ ކޯޗު ލޫސިއާނޯ ސްޕެލެއްޓީ ނިންމީ ފުރަތަމަ އެގާރައިގައި ޓޮޓީ ނުހިމަނާށެވެ. ރޭގެ މެޗަކީ ސެޕްޓެމްބަރުގެ ފަހުން އިޓާލިއަން ލީގު މެޗެއްގައި ޓޮޓީ 30 މިނެޓަށް ވުރެ ގިނައިން ކުޅުނު ފުރަތަމަ ފަހަރެވެ. ފަހަކަށް އައިސް އޭނާ އަށް ފުރުސަތު ލިބެނީ މެޗުގެ ފަހުކޮޅުގަ އެވެ.

ރޭގެ މެޗުގެ ތިން ވަނަ މިނެޓުގައި ޖެނޯއާގެ އުމުރުން 16 ޕިއެޓްރޯ ޕެލެގްރީ ވަނީ ލަނޑު ޖަހައި އިޓާލިއަން ލީގުގައި ލަނޑު ޖެހި އެންމެ ޅަ ކުޅުންތެރިއާގެ ޝަރަފް ހޯދައިފަ އެވެ. އޭނާ 2001 ގައި އުފަންވި އިރު ޓޮޓީ ވަނީ ރޯމާ އަށް 10 ވަރަކަށް އަހަރު ކުޅެ އިޓާލިއަން ލީގު ކާމިޔާބުކޮށްފަ އެވެ.

ޖެނޯއާގެ ލީޑަށް ފަހު މެޗުގެ 10 ވަނަ މިނެޓުގައި އެޑިން ޖެކޯ ނަތީޖާ ހަމަހަމަކުރިއިރު ރޯމާ އަށް 74 ވަނަ މިނެޓުގައި ލީޑު ނަގައިދިނީ ޑެނިއަލް ޑި ރޮސީ އެވެ. ރޯމާގެ އުއްމީދުތަކަށް ހުރަސް އެޅުނީ 79 ވަނަ މިނެޓުގައި ޖެނޯއާގެ ޑާކޯ ލަޒޮވިޗް ޖެހި ލަނޑުންނެވެ. އެކަމަކު 90 ވަނަ މިނެޓުގައި ޕެރޯޓީ ވަނީ ލަނޑު ޖަހައި ރޯމާ އަށް ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ޖާގަ ހޯދައިދީ ޓޮޓީ އަށް އުފާވެރި ނިމުމެއް ގެނެސްދީފަ އެވެ.

ރޯމާގެ ޔޫތު ޓީމާ 1989 ވަނަ އަހަރު ގުޅި އެ ކްލަބުގެ ސީނިއާ ޓީމަށް 1992 ވަނަ އަހަރު ކުޅެން ފެށި ޓޮޓީ ވަނީ 786 މެޗުން 307 ގޯލް ޖަހައިފަ އެވެ. ދުނިޔޭގެ ބޮޑެތި ކްލަބްތަކުން، ހާއްސަކޮށް ސްޕެއިނުގެ ރެއާލް މެޑްރިޑުން އޭނާ ހޯޑަން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ޓޮޓީ ވަނީ ކްލަބުގައި ދެމި ހުރެފަ އެވެ. އެ ކްލަބާ އެކު މާބޮޑު ކާމިޔާބީތަކެއް ނުހޯދުނު އޭނާގެ ފަރުވާލެއް ނެތެވެ. އެކަމަކު ޓޮޓީއާ އެކު ރޯމާ ވަނީ 2001 ވަނަ އަހަރު އިޓާލިއަން ލީގު ކާމިޔާބުކޮށް 2007 އަދި 2008 ގައި އިޓާލިއަން ކަޕް ކާމިޔާބުކޮށްފަ އެވެ.

ރޯމްގެ ރަސްގެފާނުގެ ގޮތުގައި ގިނަ ބަޔަކު ދެކޭ ޓޮޓީ ވަނީ އިޓަލީ ގައުމީ ޓީމަށް 1998 އިން 2006 އަށް ކުޅެ އަދި 2006 ގެ ވޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ. އެކަމަކު އޭނާ އެންމެ މޮޅު ކުޅުމެއް ދެއްކި މުބާރާތް ކަމަށްވާ 2000 ވަނަ އަހަރުގެ ޔޫރޯގެ ފައިނަލުން އިޓަލީ ވަނީ ފްރާންސް އަތުން ހިތްދަތިގޮތަކަށް ބަލިވެފަ އެވެ.