އަތޮޅު ފުޓްބޯޅަ މުބާރާތް ޖުލައި 26 ގައި ފަށަނީ
އަތޮޅު ފުޓްބޯޅަ މުބާރާތް ޖުލައި 26 ގައި ފަށަނީ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަތޮޅުތަކަށް ހާއްސަކޮށްގެން ބާއްވާ "މިނިވަން ފުޓްބޯޅަ މުބާރާތް" އަންނަ މަހު 26 ވަނަ ދުވަހު ބާއްވަން ނިންމައި، މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްދީފި އެވެ.

އަހަރުތަކެއްގެ މެދުކެނޑުމަށް ފަހު އަތޮޅު ފުޓްބޯޅަ މުބާރާތް މިދިޔަ އަހަރު ފެށީ މިނިވަން 50 ޗެމްޕިއަންޝިޕްގެ ނަމުގަ އެވެ. މިދިޔަ އަހަރުގެ މުބާރާތާ ހިލާފަށް މި އަހަރުގެ މުބާރާތުގެ އަތޮޅު ބުރުގެ ކުރިއަށްދާނީ ކޮންމެވެސް އެއް ރަށެއްގަ އެވެ. މިދިޔަ އަހަރު އަތޮޅު ބުރު ކުޅުނީ ހޯމް އެންޑް އަވޭ އުސޫލުންނެވެ. މި ފަހަރު ވެސް އަތޮޅު ޗެމްޕިއަނުންގެ މެދުގައި ކުޅޭ ޒޯން މުބާރާތުން ފެށިގެން ކުޅޭނީ ހޯމް އެންޑް އަވޭ އުސޫލުންނެވެ.

އެފްއޭއެމުން ބުނީ އަތޮޅުގެ ރަށްތަކުގެ މެދުގައި ކުޅޭ ބުރު ހޯމް އެންޑް އަވޭ އުސޫލުން ނުކުޅެން މި ފަހަރު ނިންމީ ހަރަދުގެ ގޮތުންނާއި އެހެން ގޮތްގޮތުން ބެލުމަށް ފަހު ގިނަ ޓީމުތަކަށް އެއީ އުފުލަން އުނދަގޫ ބުރައަކަށް ވާނެތީ ލުޔެއް ދިނުމުގެ ގޮތުން ކަމަށެވެ.

- އަތޮޅުތަކުން 2 ޓީމަށް ވުރެން ގިނަ ޓީމު ބައިވެރިވާނަމަ، އެ އަތޮޅެއްގެ މެޗުތައް ކުޅޭނީ އެ އަތޮޅެއްގެ ހޯސްޓުކުރާ ރަށެއްގައި.

- އެ އަތޮޅެއްގެ އަތޮޅު މުބާރާތް ހޯސްޓުކުރަން ބޭނުންވެލައްވާ ރަށްތަކުން އެކަމަށް އެދި ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު ޕްރޮޕޯސަލްއާ އެކު 29 ޖޫން 2016 ގެ ކުރިން އެފްއޭއެމް އަށް އީމެއިލް ނުވަތަ ފެކްސް ކުރަން ޖެހޭ.

- ޒޯން މުބާރާތުގެ މެޗުތައް ކުޅޭނީ ހޯމް އެންޑް އަވޭ އުސޫލުން

- މުބާރާތް ފަށާ ދުވަހުން ފެށިގެން އެ އަތޮޅެއްގެ އަތޮޅު މުބާރާތާއި ޒޯން މުބާރާތް އެއް މަސް ދުވަހުގެ ތެރޭގައި ކުޅެ ނިމޭނެ.

- ޓީމު ލިސްޓު ފުރިހަމަ ކުރުމަށް ފަހު 14 ޖުލައި 2016ގެ 15:00 ކުރިން އެފްއޭއެމް އަށް ފޮނުވަން ޖެހޭ.

އެފްއޭއެމުން ބުނީ މުބާރާތުގައި ބައިވެރިވާ ރަށްތަކުން ފޯމް ހުށަހަޅަން ޖެހޭ އެންމެ ފަހު މުއްދަތަކީ މި މަހު 26 ވަނަ ދުވަހު 15:00ގެ ކުރިން ކަމަށެވެ. އަދި މުބާރާތަށް ޓީމު ލިސްޓުތައް ހުށަހަޅާއިރު ޓީމުގައި 21 އަހަރުން ދަށުގެ ހަތް ކުޅުންތެރިން ހިމަނަން ޖެހޭނެ ކަމަށް ވެސް އެފްއޭއެމުން ޝަރުތުކުރެ އެވެ. މުބާރާތުގައި ޓީމުތައް ބައިވެރިވުމުން އެ އަތޮޅެއްގެ މުބާރާތް ބާއްވާނެ ތާރީހެއް އިއުލާން ކުރެވޭނެ ކަމަށް އެފްއޭއެމުން ބުނެ އެވެ.