ރޮށި ނުގެންދެވުނަސް މައާފަށް އެދި އެންމެންގެ ހިތް އަތުލައިފި
ރޮށި ނުގެންދެވުނަސް މައާފަށް އެދި އެންމެންގެ ހިތް އަތުލައިފި

މީހުންގެ އުއްމީދުތަކާ އެއްވަރުގެ ހިދުމަތެއް ނުދެވިއްޖެއްޔާ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ ފުރަތަމަ، އެކަން ގަބޫލުކުރާށެވެ. ދެން މައާފަށް އެދޭށެވެ. އެއަށް ފަހު، ރަނގަޅުކުރަން މަސައްކަތްކުރާށެވެ. އެ ވަރުން ވެސް ފެއިލްވެއްޖެއްޔާ، އަނެއްކާވެސް މައާފަށް އެދޭށެވެ.

"ރޮށި ފެކްޓްރީ" އިން ނަގައިދިނީ މި ފިލާވަޅެވެ.

އޯޑަރަށް ރޮށި ފިހެދީ، ގެންގޮސްދިނުމުގެ ޚިދުމަތް ދޭން މި ރޯދަމަހުގެ ފުރަތަމަ ދުވަހު ތައާރަފްކުރި ވިޔަފާރިއާ މެދު އެތައް ބަޔަކު ހިތްހަމަނުޖެހުނެވެ. ގުޅޭ ގޮތް ނުވުމާއި ބޭނުންވި ގަޑި އަށް، ނުވަތަ އެއްގޮތަކަށް ވެސް، ރޮށި ނުލިބިގެން ރުޅި ގަދަވި މީހުން މަދެއް ނޫނެވެ. އެކަމަކު އެއަށް ވުރެ މާ ގިނަ މީހުންގެ ލޯބި "ރޮށި ފެކްޓްރީ" އަށް ލިބިއްޖެ އެވެ. މައާފަށް އެދި ފޭސްބުކްގައި ލިޔުނު ޕޯސްޓްތަކަކުން އެ "ފެކްޓްރީ" ވަނީ އެންމެންގެ ހިތް އަތުލައިފަ އެވެ.

އާއިލާއަކުން ފެށި މި ވިޔަފާރި އަށް ދިމާވި މައްސަލައަކީ ނުކަތާ ވަރަށް އޯޑަރުތައް ގިނަވުމެވެ. ޚާއްސަކޮށް، ޑެލިވަރީގެ މަސައްކަތްކޮށްދޭނެ މީހުން މަދުވުމާއި ޓްރެފިކްގެ ހާލަތު ބޮއްސުންލާފައިވާ މާލޭގައި ގޭގެ އަށް ރޮށި ގެންގޮސްދިނުން އުނދަގޫކަމުން ގޮންޖެހުން ބޮޑުވީ އެވެ. "ރޮށި ފެކްޓްރީ" އިން ރޮށި ފޯރުކޮށްދޭން ބޭނުންވީ ރޯދަ ވީއްލާ ވަގުތު ތާޒާކޮށް ކާލެވޭނެ ގޮތަށް، ހަވީރު ގަޑީގަ އެވެ. އެއީ ޚާއްސަކޮށް ރޯދަ މަހު މަގުމަތީގެ ހާލަތު ވަކިން ބޮޑަށް ބޮއްސުންލައިގެންދާ ވަގުތެކެވެ.

އާދައިގެ ފުށުގެ ރޮއްޓެއް ރުފިޔާއަކަށް އަދި އާޓާ ފުށުގެ ރޮއްޓެއް ދެ ރުފިޔާ އަށް ވިއްކާ "ރޮށި ފެކްޓްރީ"ގެ ޚިދުމަތް ފުރަތަމަ ދުވަހު ވެސް ދިޔައީ ވިއްސިވިހާލިވެގެންނެވެ. ރޮށީގެ އިންތިޒާރުގައި ތިބި އެތައް ބަޔަކަށް އެ މީހުންގެ އޯޑަރު ލިބޭ ގޮތެއް ނުވި އެވެ. އެ ރޭ އަށްގަޑި ބައި ނުވަނީސް "ރޮށި ފެކްޓްރީ" އިން މައާފަށް އެދި ފޭސްބުކްގައި އެއްބަސްވީ، އެހާ ގިނަ އޯޑަރުތަކެއް ނަގަން ތައްޔާރު ވެވިފައި ނެތް ކަމަށެވެ. އެއާ އެކު، ލަނޑު ލިބުނު ކަސްޓަމަރުންނަށާއި އާއްމުކޮށް އެންމެންނަށް ވެސް ބަދަލެއްގެ ގޮތުގައި ހިލޭ ދޭނެ ރޮށީގެ އަދަދާއި ޑިސްކައުންޓްތަކާއި ޚިދުމަތުގެ ފެންވަރު ރަނގަޅުކުރަން ވަގުތުން ވަގުތަށް އަޅަން ނިންމާފައިވާ ފިޔަވަޅުތަކެއް އިއުލާންކުރި އެވެ.

އެކަމަކު ހުރިހާ ކަމެއް ދިޔައީ ފެނަށެވެ. "ރޮށި ފެކްޓްރީ" އިން ކިތަންމެ މަސައްކަތެއް ކުރިޔަސް، އިއްޔެ ވެސް އޯޑަރުތައް ބޮއްސުންލައިގެން ގޮސް އެންމެ ފަހުން މަޖުބޫރުވީ ޑެލިވަރީގެ ޚިދުމަތް މެދުކަނޑާލާށެވެ. އަނެއްކާވެސް، "ހާސް ފަހަރު" މައާފަށް އެދި، ފޭސްބުކްގައި ދިގު ޕޯސްޓެއް ލިޔަން ޖެހުނީ އެވެ.

ރޮށި ގެންގޮސްދޭން އިތުރު ހަތަރު މީހަކު ހޯދައި މަސައްކަތް ފަށައިގެން އުޅެނިކޮށް ޖުމްލަ ހަތް މީހުންގެ ތެރެއިން ހަތަރު މީހަކު ވަނީ، މަގުތަކުގެ ހާލަތު ގޯސްކަމުން އެކަން ނުވާނެ ކަމަށް ބުނެ، ހުއްޓާލައިފަ އެވެ. "ރޮށި ފެކްޓްރީ" އިން ބުނަނީ ދިވެހި ޒުވާނުންނަށް ވަޒީފާ ހޯދައިދޭން ބޭނުންވާލެއް ބޮޑުކަމުން ބިދޭސީން ގެންގުޅެން ބޭނުން ނުވާ ކަމަށެވެ.

އަނެއްކާވެސް ތިން މީހުންނާ އެކު، މި ވަގުތު "ރޮށި ފެކްޓްރީ" އިން ރޮށި ޑެލިވަކޮށްދޭނީ ދިގު މުއްދަތަށް ރޮށި ބޭނުންވެގެން ކުރިންސުރެ އޯޑަރު ދީފައިވާ 20 ކަސްޓަމަރުންނަށް އެކަންޏެވެ. އެކަމަކު ބަލާ ދާން އެއްބަސްވާ ނަމަ، އަންނަ ހަފްތާ އިން ފެށިގެން، އެހެން މީހުންނަށް ވެސް ރޮށި ވިއްކާނެ އެވެ. އެއާއެކު، "ރޮށި ފެކްޓްރީ" އިން އަމާޒު ހިފާފައިވަނީ ރޮށި ވިއްކާނެ ތަނެއް ހުޅުވާށެވެ.

ފޭސްބުކް ކޮމެންޓެއްގައި "ރޮށި ފެކްޓްރީ" އިން ބުނެފައިވާ ގޮތުގައި މި ޚިދުމަތް ފެށުމުގެ ކުރިން ހެދި ދިރާސާ އިން ވެސް މި ވަރުގެ ޑިމާންޑެއް އޮތް ކަމަކަށް ނުދައްކަ އެވެ. އެ މީހުން ހީކުރީ ގިނަ މީހުން ބޭނުންވާނީ އަމިއްލަ އަށް ގޭގައި ރޮށި ފިހަން ކަމަށެވެ. އޭގެ އަނެއްކޮޅު މި ފެންނަނީ ރޯދަ މަސް ވީމާ ކަމަށް ވެސް ވެދާނެ އެވެ.

އަލަށް ފަށައިގަތް ވިޔަފާރިއަކަށް ކުރަން މި ޖެހުނީ ހިތި ތަޖުރިބާއެކެވެ. އެކަމަކު ފޭސްބުކްގައި އެތައް ބަޔަކު އަންނަނީ "ރޮށި ފެކްޓްރީ"އާ މެދު ހަމްދަރުދީ އާއި ލޯތްބާއި ތަރުހީބުގެ ޝުއޫރުތައް ފާޅުކުރަމުންނެވެ. ހެޔޮއެދުންތައް ފޮނުވަމުންނެވެ.

"ރޮށި ފެކްޓްރީ"ގެ ނާކާމިޔާބަށް ވުރެ ބޮޑަށް މީހުންނަށް ފާހަގަވަނީ އެ މީހުންގެ ތެދުވެރިކަމާއި އިޚްލާސްތެރިކަމެވެ. މައާފަށް އެދުނުލެއް ފުރިހަމަކަމާއި ރަނގަޅު ޚިދުމަތެއް ފޯރުކޮށްދޭން އެދިއެދި ތިބި މިންވަރާއި އެކަމަށް ގަދައަޅައި ކުރި މަސައްކަތެވެ. އެއާ އެކު ބައެއް މީހުން އަންނަނީ ޑެލިވަރީގެ މަސައްކަތް ކާމިޔާބުކުރެވިދާނެ ގޮތްތައް ވެސް ކިޔައިދީ، "ރޮށި ފެކްޓްރީ" އަށް ޚިޔާލުތައް ދެމުންނެވެ.

ގިނަ ބަޔަކު ދެކޭ ގޮތުގައި "ރޮށި ފެކްޓްރީ"ގެ މި ތަޖުރިބާ އާއި އެއާ ވިއްދައިގެން އެ މީހުން އަމަލުކުރި ގޮތް އެއީ ރާއްޖެ އަށް ވަރަށް ރަނގަޅު ތަޖުރިބާއެކެވެ. ސަބަބަކީ މިފަދަ ހާލަތެއްގައި ވިޔަފާރިއަކުން ކަން ކުރަންވީ އެންމެ ރަނގަޅު ގޮތް "ރޮށި ފެކްޓްރީ" އިން ދައްކައިދިނުމެވެ. އެއާ އެކު، ރާއްޖޭގެ ބޮޑެތި ކުންފުނިތަކުގެ ފީކަޅާ ޚިދުމަތްތަކާ ހެދި މާޔޫސްވެ ރުޅިގަދަވެފައި ތިބި އެތައް ބަޔަކު، އެ ކުންފުނިތަކަށް ގޮވާލަމުން ދަނީ މި ކުޑަކުޑަ އާއިލީ ވިޔަފާރި ނަމޫނާއަކަށް ބެލުމަށެވެ.