ކުރުވާހަކަ: ހަގީގަތަކަށްވި ހުވަފެން
ކުރުވާހަކަ: ހަގީގަތަކަށްވި ހުވަފެން

އަނީސްއާއި އަހަރެންނަކީ ކުޑައިރުގެ އެކުވެރިންނެވެ. އެކަމަކު ދެމީހުންގެ އުޅުމާއި މިޒާޖު އުޑާއި ބިމާހައި ތަފާތެވެ. އަހަރެންނަކީ ބަސްމަދު ލަދުރަކި މީހަކީމެވެ. އަހަންނާ ޚިލާފަށް އަނީސްގެ ވާހަކަދެއްކުންތެރި ކަމަކީ އޭނާގެ އެންމެ ބޮޑު ހުނަރެވެ. އަނީސްގެ ފޮނި ބަސްތަކުން މީހުން ވާވައްދާލަން ފަސޭހައެވެ. އަހަރެމެން ދެމީހުން ކަމަކާއި ދެބަސްވެގެން އަބަދުވެސް ނިމޭނީ އޭނަގެ ކޮޅަށް މޮޅުވެގެންނެވެ. އެހާ ބޮޑު ފަރަގެއް އަހަރެމެންގެ މެދުގައި ހުރެމެ އެހާ ގިނަ ދުވަހު އެކުވެރިންގެ ގޮތުގައި ތިބީތީ ވެސް ހައިރާންކަން ފައުޅުކުރާ މީހުން މަދެއް ނޫނެވެ.

ކިޔަވާ ނިމުމުން އަނީސްގެ ޝައުޤުވެރިކަން ހުރީ ޤާނޫނީ ވަކީލުކަން ކިޔެވުމަށެވެ. އަހަރެން ކިޔެވީ ކޮމްޕިއުޓަރެވެ. އޭނާ ކުރިމަތިލައިފި ކޮންމެ ކަމެއް ކާމިޔާބު ކުރާނެކަން ކުރިންވެސް އަހަރެންނަށް އިނގެއެވެ. ވަޒީފާގައި ހަމަޖެހިލެވުމުން އަނީސް ދެން ބޭނުންވީ ޒަވާޖީ ހަޔާތެއް ފެށުމަށެވެ. އޭނަ ބޭނުންވާހާ ފަސޭހައިން އަންހެން ކުދިން ލިބެއެވެ. އެކަމަކު އެއިން އެކަކާ އެކު ވެސް ގިނަ ދުވަހު ހަރުލާ ހުރެވޭ ގޮތެއް ނުވެއެވެ. ކޮންމެވެސް މައްސަލައެއް ޖެހިގެން ދެން ފެންނަނީ ކޮންމެވެސް އެކަކު ރުޅިވާތަނެވެ.

އަނީސްއާ ޚިލާފަށް އަހަރެން ހުރީ ހުހަށެވެ. ކުޑައިރުއްސުރެ އަހަރެންގެ ހިތުގައި އޮތީ ޝާމިލާއެވެ. ގްރޭޑް ހައެއްގައި އުޅުނުއިރު ހިތުގައި އަށަގަތް ލޯބި މިއަދާ ހަމައަށް ވެސް އޭގެ ތާޒާ ކަންމަތީގައި ވެއެވެ. ޝާމިލާ ނޫން އަންހެންކުއްޖަކާއި ދިމާއަށް ބަލައިލަންވެސް އަހަރެންގެ ހިތެއް ނުރުހެއެވެ. އެކަމަކު ފައުޅު ކުރާނެ ހިތްވަރެއް ނުހުރެއެވެ. ގްރޭޑް އަށެއްގައި އުޅެމުން ޝާމިލާ ފުރަތަމަ ބައިވެރިޔާ ހިޔާރު ކުރިއިރު ވެސް އަހަރެން ހުރީ ދުރުގައި ބަލާށެވެ. އަހަރެއް ނުވަނީސް އެމީހުން ދުރުވިއެވެ. ދެން ޝާމިލާގެ ހަޔާތަށް އައީ ވިޝާމްއެވެ. މިހާރު އޭގެ ފަހުން ހަ އަހަރު ވީއެވެ. އަނީސް އަބަދު އަހަރެންނާ ދިމާ ކުރެއެވެ. އަހަރެންގެ ފިނޑިކަމުގެ ވާހަކަ ދައްކައިގެންވ ވެސް ހިތް ބަދަލުވޭތޯ އުޅެއެވެ.

ޝާމިލާގެ ކައިވެނި ހަފްލާގެ ދައުވަތު ލިބުނު ދުވަހު އަހަރެން ގަސްތުކޮށްގެން ހުރީ ނުދާށެވެ. އަނީސްއަށް އެގޮތް ކަމަކުނުދިޔައެވެ. އަނީސް ބުނީ ޝާމިލާ އެހެން މީހެއްގެ ހައްޤަކަށް ވާތަން ލޮލުން ދެކެފައި އައުމުން ވެސް އަހަރެންނަށް އެލޯބި ހަނދާން ނައްތައިލަން ހިތްވަރު ލިބިދާނެ ކަމުގައެވެ. އަނީސްއަށް ނޭނގެނީއެވެ. ޝާމިލާގެ ނަން އަހަރެންގެ ހިތުގައި ލިޔެވިފައިވަނީ އާދައިގެ އަކުރު ތަކަކުން ނޫނެވެ. އެނަން ވަނީ ކަނޑައި ނަގާފައެވެ. ލޯބިވެރިޔާ ހާސިލް ނުވުމަކީ ލޯބި ފޮހެވިގެންދާނެ ސަބަބެއް ނޫނެވެ. އެ ލޯބި ވާނީ ފުނެވެ. އިތުރެވެ. އެ ރޯފާރު ހުންނާނީ ފަސޭހަ ނުވެއެވެ. އަނީސްއަށް އެކަން އެނގޭނީ ހަޤީޤީ ލޯބި ވީނަމަ ނޫން ހެއްޔެވެ؟ އެކަކު ވަކިވުމުން ރޯލައިފައި ދެވަނަ ކުއްޖަކުދެކެ އޭނައަށް ވެވޭ ލޯއްބަކީ ހަޤީޤީ ލޯތްބެއް ނޫނެވެ.

ކައިވެންޏެއް ކުރަން އަހަރެން ކައިރީ އެދުނީ މަންމައެވެ. މުސްކުޅި ބަލީގައި މަރުވެގެން ނުދަނީސް މާމަ ދަރިން ގެންގުޅުމަކީ މަންމަގެ އެންމެ ބޮޑު ހުވަފެނެވެ. ބަލި ހާލު ހުރި ގޮތުން މަންމައަށް އެކަނި އުޅެންވެސް އުދަނގުލެވެ. ރިދާ އާއި އަހަރެން ކައިވެނި ކުރީ މަންމަގެ އެ އެދުން ފުރިހަމަ ކޮށްދިނުމަށެވެ. ރިދާއަކީ އަހަރެމެން އޮފީހުގައި އުޅޭ ކުއްޖެކެވެ. ފުރަތަމަ ދުވަހުން ފެށިގެން ރިދާ އަހަރެންނާ މެދު ހާއްސަ ގޮތެއް ބަހައްޓާކަން އޮތީ ފާހަގަވެފައެވެ. ކުރިން އަހަރެން ހުރީ ނޭނގޭކަމަށް ހަދައިގެންނެވެ. ކައިވެނީގެ ވާހަކަ އެހިއިރުވެސް ރިދާގެ ޖަވާބު އަހަރެންނަށް އެނގެއެވެ. ގިނަ ދުވަސްތަކެއް ނުވެ އަހަރެންގެ އަލަތު ކައިވެނި ކުރެވުނެވެ. އެކަމަކު ރިދާއަށް އަހަރެންނަށް ދެވޭނީ ހަމައެކަނި އަހަރެންގެ ހަށިގަނޑެވެ. ހިތެއް ނުދެވޭނެއެވެ. އެހިތް އޮތީ މާކުރިއްސުރެ ޝާމިލާއަށް ދީ ނިމިފައެވެ. ވިޝާމް ޝާމިލާ ވަރިކުރީ އެދުވަސްވަރެވެ. މައްސަލައަކީ ޝާމިލާއަކީ ދަރިމައިނުވާ އަންހެނަކަށް ވީކަމެވެ. އަހަރެންގެ ހަޔާތުގައި އެދުވަހުހާ ގިނައިން ކަރުނަ އެޅި ދުވަހެއް ނާދެއެވެ. އަހަރެންގެ ލޮލުން އޮހޮރުނީ ޝާމިލާގެ ކަރުނައެވެ. ލޯބިވާ ފަރާތާއި ދުރުގާ ހުންނަން ޖެހުމުން އެއަޅާ ވޭން އެންމެ ރަނގަޅަށް އެނގޭނީ އަހަންނަށް ނޫން ހެއްޔެވެ؟

ލޯތްބާ ނުލައި ވެސް ކައިވެންޏެއް ދެމެހެއްޓިދާނެ ކަމުގައި އަހަރެންނަށް ކުރެވުނީ ކުށްހީއެއްކަން އިހްސާސް ވާކަށް ގިނަ ދުވަސްތަކެއް ނުނަގައެވެ. އަހަރެންނާ ރިދާ ފުރަތަމަ މައްސަލަ ޖެހެން ފެށީ ކުދި ކުދި ކަންކަމުގައެވެ. އެހެން މީހުން އުޅޭހެން "ރޮމޭންޓިކް ޑޭޓް" އަށް ނުގެންދާތީއެވެ. އޭނަގެ އުފަންދުވަސް ހަނދާން ނުހުންނާތީއެވެ. ލޯބިވާ ވާހަކަ އޮޅިގެންވެސް ބުނެނުލާތީއެވެ. އެންމެފަހުން ލޯބިނުވާ ކަމަށް ވެސް ދައުވާ ކުރަން ފެށީއެވެ. ވަކިވާން އެދުނީ ރިދާ އަމިއްލައަށެވެ. އަހަރެން އޭނަ ހުއްޓުވާކަށް ވެސް މަސައްކަތެއް ނުކުރަމެވެ. އެހިސާބުން ކައިވެނި ރޫޅުނީ އެވެ. އިއްތިފާޤުން އަހަންނަށް ޝާމިލާ ފެނުނީ ވަރީގެ ކަންތައް ނިންމާފައި ކޯޓުން ނިކުމެގެން ސައިކަލަށް އަރަން ދަނިކޮށެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވުމުން އިސްވެ ހިނިތުންވެލީ އަހަންނެވެ. ޝާމިލާ ވެސް ރައްދުގައި ހިނިތުންވެލިއެވެ. އެކަމަކު އެހިނިތުން އޭނާގެ ލޮލާއި ހަމައަކަށް ނުފޯރިއެވެ.

އެދުވަހަށްފަހު އަހަރެންގެ ހިތަށް ވެރިވެގަތީ އަނެއްކާވެސް ޝާމިލާއެވެ. އަހަރެންގެ ހިތް އެދި ގޮވަން ފެށީ އަނެއްކާވެސް އެލޯތްބަށެވެ. މިހާރު އަދި ކުރިއަށްވުރެ ބޮޑަށެވެ. ކޯޓު ކައިރިން ފެނުނުއިރު އެމޫނުގައިވި ވީރާނާ ކަމާއި ސޫރައަށް އައިސް ހުރި ބަދަލުން ހިތަށް މާބޮޑަށް އަސަރު ކުރީއެވެ. ކަޅު އަނދިރިކަން ވަށާލައިފައިވާ ހަޔާތުގައި އަލިކަމުގެ ވޮށް ދިއްލައިލެވޭނެ ފަރާތަކީ އަހަރެން ކަމުގައި ޟަމީރު ބުނަމުން ދިޔައެވެ. އަށް އަހަރު ވަންދެން ސިއްރުން ވީ ލޯބި ފައުޅުކުރަން ވީ ވަގުތު އައިސް ޖެހިއްޖެކަން ހަނދާން ކޮށްދިނެވެ. ވިސްނުމުގައި ދުވަސްތަކެއް ހޭދަވިއެވެ. ނެތް ހިއްވަރާއެކުވެސް އެންމެފަހުން ކުރިމަތިލާން އަޒުމް ކަނޑައެޅީމެވެ. އާއެކެވެ. އަހަރެން ޝާމިލާއަށް ލޯބި ހުށައަޅާނަމެވެ. އޭނާގެ ކުރިމަތީ އަހަރެންގެ ހިތް ބަންޑުންކޮށްލާނަމެވެ. އެވިސްނުމުގައި ހުރެގެން އަނީސްގެ ގެއަށް ދިޔަ ދުވަހު ޝާމިލާ ފެނުނީ އަނީސްގެ ގެއިންނެވެ. އެދުވަހު ފުރަތަމަ ފަހަރަށް ޝާމިލާ އަހަރެންނަށް ބެލި ގޮތް ތަފާތު ކަމުގައި ހިތް ބުނެލިއެވެ. ޝާމިލާ ކުރަން އައިސް އިން މަސައްކަތް ނިމުމުން ފަހުން އަންނާނެ ވާހަކަ ބުނެފައި ނިކުމެގެން ދިޔައެވެ. އަނީސްގެ ފަރާތުން ޝާމިލާ އެގެއަށް ދިޔަ ސަބަބު ފަހުން އެނގުނެވެ. އަނީސްގެ އެހީތެރިކަން ޝާމިލާ ހޯދަމުން ދިޔައީ ކޯޓަށް ހުށައަޅައިގެން އުޅޭ އާދައިގެ މައްސަލައެއްގައެވެ. އަހަރެންގެ ހިތުގައި އޮތް ވާހަކަ އަހަންނަށްވުރެ ކުރިން އެދުވަހު ބުނީ އަނީސްއެވެ. ޝާމިލާއަށް ލޯބި ހުށައަޅަން ވީ ވަގުތު އަތުވެއްޖެ ކަމުގައި ބުނެ ހިތްވަރު ދިނެވެ. އެކުވެރިޔާގެ ވާހަކަ ހުރި ގޮތުން އަހަރެންގެ ޖޯޝް އިތުރުވިއެވެ.

އަހަރެން ހުރީ އެކަށީގެންވާ ވަގުތެއްގެ އިންތިޒާރުގައެވެ. އެވަގުތުވެސް އަހަރެންނަށް ފަހިކޮށްދިނީ އަނީސްއެވެ. ޝާމިލާއަށް ގުޅައިގެން ކެއުމަކަށް ދައުވަތުދީފައި އަހަރެންނަށް އެންގީ އެގަޑިއަށް ދިއުމަށެވެ. އަހަރެންގެ މަންޒިލް އަހަރެންގެ އަތް ފޯރާ ހިސާބަށް ކައިރިވެފައި ވަނިކޮށް އެރޭ ފެނުނެވެ. ގެއިން ނިކުމެ ނިކުމެ ހުއްޓާ އައީ ފޯނެކެވެ.

***

އަށް އަހަރު ވަންދެން އަހަރެން ދެކުނު ހުވަފެން އެންމެފަހުން ހަޤީޤަތަކަށް ވިއެވެ. އެކަމަކު އެހުވަފެން ވީ އަހަރެންގެ ހަޤީޤަތަކަށް ނޫނެވެ. ޝާމިލާއަކީ މިއަދު އަނީސްގެ ހަޤީޤަތެވެ. އަނީސްގެ އަނބިމީހާއެވެ. ގެއިން ނިކުންނަނިކޮށް ގުޅީ ރިދާއެވެ. ބުނީ ބަނޑުބޮޑު ވާހަކައާއި އަލުން ކައިވެނި ކުރަން އެދޭ ވާހަކައެވެ. އަހަރެން ހިޔާރު ކުރީ ރިދާއެވެ. ޝާމިލާއަކީ ކުރިންވެސް އަހަރެން ހުވަފެނެވެ. އަދި ބައެއް ހުވަފެނަކީ ހަޤީޤީ ކުލަ ޖެހޭނެ އެއްޗެއް ނޫނެވެ. -- ނިމުނީ --