28 މެއި 2017 - 21:00

އިލެކްޝަންސް ކޮމިޝަންގެ އިދާރާ މިއަދު ފަޅާލައި، ފައިސާތަކެއް ވަގަށް ނަގައިފި އެވެ.
އީސީން މިރޭ ބުނި ގޮތުގައި ވައްކަން ކޮށްފައިވަނީ އެތަނުގެ ދޮރު ހަލާކުކޮށްލައިގެން ވަދެ، ކޮޓަރިއެއްގެ ތެރޭގައި ހުރި ތިޖޫރީިއަކުންނެވެ. އެކަމަކު ތިޖޫރީން ނެގީ ކިހާ ފައިސާއެއް ކަމެއް އެތަނަކުން ނުބުނެ އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ޕޯސްޓް ބިލްޑިންގެ ފަސް ވަނަ ބުރީގައި ހުންނަ އެ އިދާރާއިން ވައްކަން ކޮށްފައިވާ ކަން އެނގުނީ މިއަދު ހެނދުނު އޮފީސް ހުޅުވުމުން ކަމަށެވެ. އަދި އެ މައްސަލަ ފުލުސް އޮފީހަށް މިހާރު ހުށަހަޅާފައިވާ ކަމަށް އެތަނުން ބުންޏެވެ.
ރޯދަ މަހާ ދިމާކޮށް އާއްމުކޮށް މާލޭގައި ވައްކަންތައް އިތުރުވެ އެވެ. ފުލުސް އޮފީހުން ބުނާގޮތުން އާއްމު ގޮތެއްގައި ވައްކަން ކުރަނީ ފަތިސް ނަމާދުކޮށްގެން މީހުން ނިދާ ވަގުތު ނުވަތަ ރޯދަ ވިއްލުމަށް މީހުން ގޭގެއަށް ވަންނަ ވަގުތުތަކުގަ އެވެ.