މާލޭ ސިޓީ ކައުންސިލަރުން ހުވާކުރުން ޣިޔާސުއްދީނުގައި
މާލޭ ސިޓީ ކައުންސިލަރުން ހުވާކުރުން ޣިޔާސުއްދީނުގައި

މާލޭ ސިޓީ ކައުންސިލަށް އަލަށް އިންތިޚާބުވި ބޭފުޅުން ހުވާކުރައްވާނީ ޣިޔާސުއްދީންގައި ކަމަށް އެ ކައުންސިލުން ބުނެފި އެވެ.

ކައުންސިލަރުން ހުވާ ކުރައްވާނެ ތަނެއް ހޯދަން މަސް ދުވަސް ވާންދެން މަސައްކަތް ކުރި އިރު، އެކަމަށް ޣިޔާސުއްދީން ހަމަޖެހުނީ މިއަދު އެވެ.

އެހެންވެ، އަންނަ މަހު ތިނެއްގައި އެ ސްކޫލުގައި ބާއްވާ ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ސަރުކާރުގެ އިސްވެރިން ވެސް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް އުއްމީދުކުރާ ކަމަށް އެތަނުން ބުންޏެވެ.

ހުވާކުރުމުގެ ރަސްމިއްޔާތު އެންމެ ފުރަތަމަ ބާއްވަން ސިޓީ ކައުންސިލުން ނިންމީ ދަރުބާރު ގޭގަ އެވެ. އެކަމަށް ހައުސިން މިނިސްޓްރީން ފުރަތަމަ ހުއްދަ ދިން ވެސް މެ އެވެ. އެކަމަކު ކުލީގެ ގޮތުގައި 13،000 ރުފިޔާ ދެއްކުމަށް އެންގި ފަހުން، އެތަން ނުދޭން ވަނީ ނިންމައިފަ އެވެ.

"މިހާރު"އާ ވާހަކަ ދައްކަވަމުން ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝިފާ މުހައްމަދު ކުރިން ވިދާޅުވީ ސިޔާސީ ކަންކަމަށް ސްކޫލުތައް ދޫނުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން އަންގާފައިވާ ކަމަށް ބުނެ ސްކޫލުތަކުން ދެކޮޅު ހަދާ ކަމަށެވެ. އެކަމަކު މިއީ ސިޔާސީ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

މި މަހުގެ ހަވަނަދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލޭ ސިޓީ ކައުންސިލްގެ 13 ގޮނޑީގެ ތެރެއިން އެއް ގޮނޑި ފިޔަވައި ހުރިހާ ގޮނޑިއެއް ކާމިޔާބުކުރީ އިދިކޮޅު އެމްޑީޕީންނެވެ.