ހަފުތާއެއް ތެރޭ 50 ކްރޯޑު ހޯދައިގެން "ހާފް ގާލްފްރެންޑް" ކާމިޔާބު ހޯދައިފި
ހަފުތާއެއް ތެރޭ 50 ކްރޯޑު ހޯދައިގެން "ހާފް ގާލްފްރެންޑް" ކާމިޔާބު ހޯދައިފި

އަރްޖުން ކަޕޫރާއި ޝްރައްދާ ކަޕޫރު ލީޑް ރޯލު ކުޅެފައިވާ "ހާފް ގާލްފްރެންޑް" ރިލީޒްކުރިތާ އަށް ދުވަސް ވީއިރު އިންޑިއާއިން އެކަނި 50.09 ކްރޯޑު (ފަސް ބިލިއަން ރުޕީސް) ލިބިއްޖެ އެވެ.

އެހެން ގައުމުތަކުން މި ފިލްމަށް 29 ކްރޯޑު (2.9 ބިލިއަން ރުޕީސް) ވަރު ވަނީ ލިބިފަ އެވެ. މި ފިލްމުގެ ބަޖެޓަކީ 45 ކްރޯޑު (4.5 ބިލިއަން ރުޕީސް) ކަމުން އެއް ހަފުތާ ވީއިރު ފިލްމަށް ވަނީ ފައިދާ ވާން ފަށާފަ އެވެ. އެއީ ފިލްމުގެ މިއުޒިކާއި ޓެލެވިޒަން ރައިޓްސް ވިއްކާލައިގެން ލިބިފައިވާ ފައިދާ ނުލަ އެވެ.

"އާޝިގީ 2" އާއި "އޭކް ވިލަން" ފަދަ ރީތި ފިލްމުތައް ޑައިރެކްޓްކޮށްފައިވާ މޯހިތު ސޫރީގެ މި ފިލްމުގައި ވެސް އޭނާގެ ފިލްމުތަކުގައި އާންމުކޮށް ހުންނަ ޒުވާނުންނަށް ކަމުދާ ކަހަލަ އިހްސާސްތަކެއް ހުއްޓެވެ.

އެހެންކަމުން ފާޑުކިޔުންތެރިން ފިލްމު އެއްގޮތަކަށް ވެސް ކަމުނުދާ ކަމަށް ބުނެ ވަރަށް ބޮޑަށް މި ފިލްމަށް ފާޑުކިޔަމުން ދިއުމާއެކު ވެސް ފިލްމު ބަލަން ގިނަ އަދަދެއްގެ ޒުވާނުން ވަނެ އެވެ.

ފިލްމުގެ މިއުޒިކް ރީތިވުން ވެސް މިއީ ފިލްމު ކާމިޔާބުވުމުގެ އެއް ސިއްރެވެ. މޯހިތުގެ ހުރިހާ ފިލްމެއްގެ ވެސް މިއުޒިކް އާދަޔާޚިލާފަށް ރީތިކަން ގިނަ ބަޔަކު ފާހަގަކުރެ އެވެ. އެގޮތުން "ހާފް ގާލްފްރެންޑް"ގެ ވެސް ހުރިހާ ލަވަތަކެއް ކަހަލަ ގޮތަކަށް ވަރަށް ރީއްޗެވެ.

މި ފިލްމު ކާމިޔާބުވުން ފިލްމުގައި ބައިވެރިވި އެންމެންނަށް ވެސް އޮތީ ވަރަށް މުހިއްމު ވެފަ އެވެ. ސަބަބަކީ ހުރިހާ އެންމެންގެ ވެސް ފަހުގެ ފިލްމުތައް ފްލޮޕް ވެފައި ވުމެވެ. އެގޮތުން "ހާފް ގާލްފްރެންޑް" ޕްރޮޑިއުސްކުރި އެކްތާ ކަޕޫރު އޭގެ ކުރިން ޕްރޮޑިއުސް ކުރި ފަސް ފިލްމެއް އޮތީ ފްލޮޕްވެފަ އެވެ. އަދި 2014 ގައި އޭނާ ޕްރޮޑިއުސްކުރި "އޭކް ވިލަން"ގެ ފަހުން އެންމެ ފިލްމެއް ވެސް ކާމިޔާބެއް ނުވެ އެވެ.

އަނެއްކޮޅުން ޑައިރެކްޓަރު މޯހިތު ސޫރީ އަށް ވެސް މި ފިލްމު ކާމިޔާބުވުން ވަރަށް މުހިއްމެވެ. ސަބަބަކީ އޭނާ އެންމެ ފަހުން އުފެއްދި "ހަމާރީ އަދޫރީ ކަހާނީ" ފްލޮޕްވެފައި ވާތީ އެވެ.

ފިލްމުގެ ތަރިން ކަމަށްވާ އަރްޖުން އާއި ޝްރައްދާ ވެސް ތިބީ ކާމިޔާބު ފިލްމެއްގެ އުއްމީދުގަ އެވެ. އަރްޖުންގެ އެންމެ ފަހުން ނުކުތް "ކީ އެންޑް ކާ" އަށް ކާމިޔާބު ލިބިފައި ނުވާއިރު ޝްރައްދާ ގެ ވެސް އެންމެ ފަހުން ނުކުތް ދެ ފިލްމު "ރޮކް އޮން 2" އާއި "އޯކޭ ޖާނޫ" ފްލޮޕް ވެފައި ވާތީ އެވެ.