29 މެއި 2017 - 07:08

އެކްތާ ކަޕޫރުގެ ފިލްމު ކުންފުނިން އެންމެ ފަހުން ޕްރޮޑިއުސްކުރި "ހާފް ގާލްފްރެންޑް" ކާމިޔާބުވުމުގެ އުފަލުގައި އޭނާ ވަނީ ވަރަށް ބޮޑު ޕާޓީއެއް ބާއްވާފަ އެވެ. ޕާޓީއަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން އެކްތާ ބުނީ އުފައްދާ ފިލްމުތައް ފްލޮޕްވުމުން އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ގެއްލޭ ކަމަށެވެ.
އޭނާ ބުނީ "ހާފް ގާލްފްރެންޑް"ގެ ކުރިން ޕްރޮޑިއުސްކުރި ފަސް ފިލްމު ފްލޮޕްވުމުން ފިލްމު އުފެއްދުމުގެ މަސައްކަތް ހުއްޓާލަން ވިސްނި ކަމަށެވެ. އަދި "ހާފް ގާލްފްރެންޑް" ވެސް ޕްރޮޑިއުސްކުރާނީތޯ ނުވަތަ ނޫންތޯ ދެ ޚިޔާލެއްގައި ގިނަ ދުވަސްތަކަކު ހުރިކަމަށް ވެސް އޭނާ ބުންޏެވެ.
"އަހަރެންގެ ޕްރޮޑަކްޝަން ހައުސް އިން އުފެއްދި ފަސް ފިލްމު ޖެހިޖެހިގެން ފްލޮޕްވުމުން އަމިއްލަ ނަފްސަށް ކުރާ އިތުބާރު ވެސް އަހަންނަށް ގެއްލުނު. އަހަރެން ޕްރޮޑިއުސްކުރި ފިލްމުތަކުގެ ތެރެއިން އެންމެ ފަހުން ހިޓް ވެފައިވަނީ 2014 ގައި އުފެއްދި އޭކް ވިލަން. އޭގެ ފަހުން ފިލްމުތައް ފްލޮޕްވާން ފެށުމުން ޕްރޮޑިއުސްކުރުން ހުއްޓާލަން އަހަރެން ވަރަށް ވިސްނިން. ނަމަވެސް އެންމެ ފަހުން ފިލްމެއް ކާމިޔާބުވެއްޖެ،" އެކްތާ ބުންޏެވެ.
އެކްތާ ބުނި ގޮތުގައި މިކަމުގެ ޝުކުރު އޭނާ އަދާކުރަން ބޭނުމީ ޑައިރެކްޓަރު މޯހިތު އަށާއި ބަތަލު އަރްޖުން އަދި ބަތަލާ ޝްރައްދާއަށެވެ.
މި ފިލްމަށް ކްރިޓިކްސް ލިޔެފައިވަނީ ވަރަށް ނެގެޓިވް ރިވިއު ތަކެކެވެ. ނަމަވެސް އެކްތާ އެކަމަކާ ކަންބޮޑެއް ނުވެ އެވެ. އޭނާ ބުނީ ކަލާޒް އިން މިހާރު ދައްކާ އޭނާގެ ޓީވީ ޝޯ "ނާގިން" ދައްކަން ފެށުމުން ވެސް ގިނަ ބަޔެއްގެ ފާޑުކިއުން އެ ޝޯއަށް އަމާޒުވި ކަމަށެވެ. ނަމަވެސް އެ ޝޯ އަކީ މިހާރު ޓެލެވިޒަން ރޭންކިންގެ އެއްވަނައިގައި އޮތް ޝޯ އެވެ.