29 މެއި 2017 - 07:04

އުމުރުން 48 އަހަރުގެ އަންހެނެއް ކަމަށްވާ ލިއު ޔިންގް އަކީ ޗައިނާ އަށް އުފަން މީހެކެވެ. އޭނާގެ މޫނުގައި ވަރަށް ބައިވަރު ޓިއުމަރު ނަގާފައިވާތީ އޭނާ ފެންނަ ގިނަ ބަޔަކު މަލާމަތް ކުރެ އެވެ. ނަމަވެސް އޮންލައިންގައި އޭނާގެ ވާހަކަ އާންމުކުރުމުން ގިނަ ބައެއްގެ ތާއީދާއި ލޯބި ވަނީ ލިބިފަ އެވެ.
"އިލަފަންޓް ފޭސް"ގެ ނަން ދީފައިވާ ލިއު ޔިންގް އާ ބެހޭ ގޮތުން ޒީ ނިއުސްގައި ޖަހާފައިވާ ޚަބަރުގައިވާ ގޮތުން އޭނާއަށް ޖެހިފައި ވަނީ ވަރަށް ނާދިރު ބައްޔެއް ކަމަށްވާ ނިއުރޯފައިބްރޯމެޓޯސިސް އެވެ. މި ބަލީގެ ސަބަބުން ޓިއުމަރުތައް އުފެދެނީ ނާރު ތަކުގަ އެވެ.
މި ބަލި ލިއު އަށް ޖެހުނީ އުމުރުން ނުވަ އަހަރުގަ އެވެ. ފާއިތުވީ ދިގު މުއްދަތުގައި ޓިއުމަރުތައް ބޮޑުވެ މޫނު އައިބުވުމުގެ ސަބަބުން އެއް ލޮލުގެ ފެނުން ވަނީ ގެއްލިފަ އެވެ.
މި ޓިއުމަރުތައް ނެގޭތޯ އުމުރުން 24 އަހަރުގައި ލިއު ވަނީ ސާޖަރީ ހަދާފަ އެވެ. ނަމަވެސް އެކަމުން އެއްވެސް ފައިދާއެއް އޭނާއަކަށް ނުކުރި އެވެ. އޮޕަރޭޝަން ނާކާމިޔާބުވެ އެކަމާ ހިތްދަތިވެގެން ލިއު އަމިއްލައަށް މަރުވާން ވެސް މަސައްކަތް ކުރި އެވެ. ނަމަވެސް އެފަދަ ކަމެއް ނުކޮށް ހިތްވަރާއެކު ދިރިއުޅުން އަނެއްކާ ވެސް ކުރިޔަށް ގެންދަން ފެށީ އެވެ.
މިހާރު ލިއުގެ އެންމެ ބޮޑު މައްސަލައަކީ ޓިއުމަރުތަކުގެ ސަބަބުން މޫނުގެ މަސްތައް އެލިފައިވާތީ ކާއެއްޗެހި ހަފައިގެން ދިރުވާށާއި ވާހަކަ ދެއްކުމަށް ދަތިވުމެވެ.
ލިއު ބުނި ގޮތުގައި އޭނާގެ ހާލަތު އިންޓަނެޓްގައި އާންމުކުރުމުން އެތައް ބަޔަކު އޭނާއަށް އަންނަނީ އެހީވަމުންނެވެ. އަދި އެ މީހުންގެ ފަރާތުން ހިތްވަރު ލިބޭ ކަމަށް ބުންޏެވެ.
ނަމަވެސް ބައެއް މީހުން އަދިވެސް މަލާމާތްކުރެ އެވެ. ލިއު މިހާރު އެކަމާ އަޅައެއް ނުލަ އެވެ. އޭނާ އުންމީދުކުރަނީ ޑޮކްޓަރުންގެ އެހީތެރިކަމާ އެކު އޭނާއަށް މިކަމުން ސަލާމަތް ވެވޭނެ ދުވަހަކަށެވެ.