28 މެއި 2017 - 14:39

މާލޭގެ ބޮޑު ސަރަހައްދަކުން ރޭ ދަންވަރު ކަރަންޓު ކެނޑުނީ އިންޖީނުގޭން ނުކުމެގެންދާ ގޮތަށް އޮތް ހައި ވޯލްޓޭޖް ކޭބަލަކަށް ގެއްލުން ލިބިގެން ކަމަށާއި އެކަން ރަނގަޅު ކުރަމުން އަންނަ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ. ނަމަވެސް، އެ މަސައްކަތް ނިމެންދެން މާލެ އިން އަދިވެސް ކަރަންޓު ކެނޑުން އެކަށީގެންވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
ސްޓެލްކޯގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެނޭޖިން ޑިރެކްޓަރު އަބްދުއްޝުކޫރު ވިދާޅުވި ގޮތުގައި ހަލާކުވި ކޭބަލާ، އަލަށް ބެހެއްޓި އަށް މެގަވޮޓްގެ ޖަނަރޭޓަރާ ވެސް ވަނީ ގުޅިފަ އެވެ.
ޝުކޫރު ވިދާޅުވީ އާ ޖަނެރޭޓަރު ނިވުނު މައިގަނޑު ސަބަބަކީ އެ ޖަނެރޭޓަރާއި ހަލާކުވި ކޭބަލާ ގުޅިފައިވާތީ ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކޭބަލް ހަލާކުވުމުން އޭގެ ހުރިހާ ނުރައްކަލެއް އާ ޖަނެރޭޓަރަށް ކުރިމަތިވެ، ކަރަންޓު ކެނޑުނީ އެވެ.
މިދިޔަ ހަފުތާގައި ރަސްމީކޮށް ބޭނުންކުރަން ފެށި އަށް މެގަވޮޓުގެ ޖަނެރޭޓަރު ޓެސްޓުކޮށް އަދިވެސް ނުނިމެ އެވެ.
ޝުކޫރު ވިދާޅުވި ގޮތުގައި މާލޭގެ ބޮޑު ސަރަހައްދަކުން ރޭ ދަންވަރު 2:00 އިން ފަތިހު 5:00 އާ ދޭތެރޭގައި ކަރަންޓު ކެނޑުނީ ހަމައެކަނި އާ ޖަނަރޭޓަރު ޓެސްޓު ކުރާތީއެއް ނޫނެވެ.
"ދެން ހުރި އެންމެ ބޮޑު ޖަނަރޭޓަރަށް އެންމެ މަތީ ލޯޑް ހިފައިގެން ތެދުވަން ދަތިވެގެން އެ އިންޖީނު ނިވުނީ. މި ހާދިސާގައި މާލޭގެ ތިން ބައިކުޅަ ދެބަޔަށް ވުރެ ބޮޑު ބަޔަކުން ކަރަންޓު ކެނޑުނު،" އޭނާ ވިދާޅުވި އެވެ.
ޝުކޫރު ވިދާޅުވި ގޮތުގައި މާލެއިން އެ ގޮތަށް ކަރަންޓު ކެނޑިއްޖެނަމަ، އާންމުކޮށް ގިނަ ވަގުތު ނަގަ އެވެ. މިފަދަ ހާދިސާއެއް ހިނގުމުން އިންޖީނުތަކަށް ބާރު ބޮޑުވެ، ގެއްލުމެއް ލިބިދާނެތީ ސްޓެލްކޯ އިން އަބަދުވެސް އެކި ހިސާބުތަކުން ކަރަންޓު ކަނޑަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެންމެ ބޮޑު ދޭތި [ޖަނެރޭޓަރު] ރޭގައި ދިޔައީ. އެއީ 17،000 ކިލޯވޯޓް އެއްފަހަރާ ދިޔައީމަ، ދެން ހުރި އެއްޗިއްސަށް ހިފޭވަރު ނުވެގެން އެހެން ހުރިހާ ދިމާލަކުން އޮޓޮމެޓިކުން ކަރަންޓު ދިޔައީ،" ޝުކޫރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކޭބަލަށް ދިމާވި މައްސަލަ އަދިވެސް އެންމެ ރަނގަޅަށް ހައްލު ކުރެވިފައެއް ނުވެ އެވެ. އެހެންވެ، ހޫނު ގަދަވާ ވަގުތު މާލޭގެ އެކި ހިސާބުތަކުން މިއަދު ކަރަންޓު ކަނޑަން ޖެހިދާނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ކަރަންޓު ކެނޑިއްޖެނަމަ، މަދުވެގެން ކަރަންޓު ލިބެން 45 މިނެޓެއް ހާއިރު ނަގާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ހަލާކުވި ކޭބަލް މި ދަނީ މަރާމާތު ކުރަމުން. ވީހާ ވެސް އަވަހަކަށް މަރާމާތު މި ކުރަނީ،" ޝުކޫރު ވިދާޅުވި އެވެ.
"މާދަމާގެ މެންދުރު ކުރިން އެ ބައި ހައްލު ކުރެވޭނެ ކަމަށް [އުންމީދު ކުރަނީ."
އާ ޖަނެރޭޓަރު ބޭނުންކުރަން ފެށި ފަހުން މާލެއިން ކަރަންޓު ކެނޑުން އާންމުވަމުންދާތީ ގިނަ ބަޔަކު އަންނަނީ ޝަކުވާ ކުރަމުންނެވެ.