ރޯދަ މަހު މުސްލިމުންނަށް ބާއްވާ އިވެންޓާ ޓިލަސަން ދެކޮޅު
ރޯދަ މަހު މުސްލިމުންނަށް ބާއްވާ އިވެންޓާ ޓިލަސަން ދެކޮޅު

ވޮޝިންޓަން (މެއި 28) - ރޯދަ މަހު މުސްލިމުންނަށް ސްޓޭޓް ޑިޕާޓްމަންޓްގައި ބާއްވާ ރޯދަ ވީއްލުމުގެ އިވެންޓް މި އަހަރު ބާއްވަން ޚާރިޖީ ވަޒީރު ޓިލާ ރެކްސަން ދެކޮޅު ހައްދަވައިފި އެވެ.

އެމެރިކާގެ ޑިމޮކްރެޓިކް އަދި ރިޕަބްލިކަން ޕާޓީގެ ޚާރިޖީ ވަޒީރުން ވެސް ދަނީ 1999 ވަނަ އަހަރުން ފެށިގެން ރޯދަ ވީއްލުމުގެ އިވެންޓެއް ނުވަތަ ފިތުރު އީދު ފާހަގަ ކުރުމުގެ އިވެންޓެއް ސްޓޭޓް ޑިޕާޓްމަންޓުގައި ބާއްވަމުންނެވެ. އެކަމަކު ރޯދަ މަހުގެ އިވެންޓެއްގެ ގޮތުގައި މި އަހަރުގެ ފިތުރު އީދު ރިސެޕްޝަން ސްޓޭޓް ޑިޕާޓްމަންޓުގައި ބޭއްވުމަށް އޮފީސް އޮފް ރިލިޖަން އެންޑް ގްލޯބަލް އެފެއާޒް އޮފީހުން ހުށަހެޅުމުން ޓިލަސަން ވަނީ އެ ހުށަހެޅުމަށް ދެކޮޅު ހައްދަވާފައި ކަމަށް އެމެރިކާގެ ދެ އޮފިޝަލަކު ވަނީ ވިދާޅުވެފަ އެވެ. މި ބާވަތުގެ އިވެންޓް ބޭއްވުމަށް އިސް ނަގާ ސްޓޭޓް ޑިޕާޓްމަންޓުގެ އޮފީހުން ޓިލަސަން އަށް މެމޯ ފޮނުވާފައި ވަނީ އެޕްރީލް 6 ވަނަ ދުވަހު އެވެ.

ޓިލަސަންގެ ނިންމެވުމާ ގުޅިގެން މި އަހަރުގެ ރޯދަ މަސް ފާހަގަ ކުރަން ސްޓޭޓް ޑިޕާޓްމަންޓުގައި ޚާއްސަ ހަފުލާއެއް ނޯންނާނެ އެވެ.

ރޯދަ މަހުގެ އިވެންޓް ބާއްވަން ޓިލަސަން ދެކޮޅު ހެއްދެވި ސަބަބާ ބެހޭ ގޮތުން ރޮއިޓާސް އިން ސްޓޭޓް ޑިޕާޓްމަންޓުގެ އޮފިޝަލަކާ ސުވާލު ކުރުމުން ވިދާޅުވެފައި ވަނީ ފިތުރު އީދު ފާހަގަ ކުރެވެން ހުރި ގޮތްތައް ބަލަމުންދާ ކަމަށެވެ. އަދި ދުނިޔޭގެ އެކި ހިސާބުތަކުގައިވާ އެމެރިކާގެ އެމްބަސީތަކުން ރޯދަ މަސް ފާހަގަ ކުރުމުގެ އިވެންޓްތައް ބާއްވަން ހިތްވަރު ދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ރޯދަ މަސް ފާހަގަ ކުރަން ސްޓޭޓް ޑިޕާޓްމަންޓުގައި ބާއްވާ އިވެންޓަށް ކޮންގްރެސްގެ މެންބަރުންނާއި މުސްލިމް ސިވިލް ސޮސައިޓީ އަދި ކޮމިއުނިޓީ ލީޑަރުންނާއި މުސްލިމް ގައުމުތަކުގެ ޑިޕްލޮމެޓުންނާއި އެމެރިކާގެ ސީނިއާ އޮފިޝަލުންނަށް ދައުވަތު ދެ އެވެ. ރޯދަ މަސް ފާހަގަ ކުރުމުގެ އިވެންޓް ސްޓޭޓް ޑިޕާޓްމަންޓުގައި ބާއްވަން މީގެ 18 އަހަރު ކުރިން ފެއްޓެވީ ކުރީގެ ޚާރިޖީ ވަޒީރު މެޑަލިން އޯލްބްރައިޓް އެވެ. ކުރީގެ ޚާރިޖީ ވަޒީރު ޖޯން ކެރީ ވަނީ ސްޓޭޓް ޑިޕާޓްމަންޓުގައި އަޟުހާ އީދު 2014 ވަނަ އަހަރު ފާހަގަކޮށްފަ އެވެ.

މުސްލިމް އެކްޓިވިސްޓުން ބުނަމުން ދަނީ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސަރުކާރުން ގެންގުޅެނީ މުސްލިމުންނާ އެހާ ރަހުމަތްތެރި ނޫން ސިޔާސަތެއް ކަމަށެވެ. އެމެރިކާ ސަރުކާރުން ބުނަނީ މުސްލިމުން ހަނގުރާމަވެރިންނާ ދެކޮޅު ހެދި ނަމަވެސް އިސްލާމްދީނާ މެދު އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. އަދި މިދިޔަ ހަފުތާގައި މުސްލިމް ގައުމުތަކުގެ ވެރިންނާ އެކު ސައުދީ އަރަބިއާގައި ޓްރަމްޕް ބޭއްވެވި ސަމިޓަކީ އޭގެ ހެއްކެއް ކަމަށް ވެސް ބުނެފައިވެ އެވެ.

ރޯދަ މަސް ފާހަގަ ކުރަން ވައިޓްހައުސްގައި ވެސް މީގެ ކުރިން އިވެންޓެއް ބާއްވަ އެވެ. ނަމަވެސް މި އހަަރުގެ ރޯދަ ވީއްލުމުގެ އިވެންޓާ ބެހޭ ގޮތުން ވައިޓްހައުސް އިން އަދި ވަކި އެއްޗެއް ނުބުނެ އެވެ.