ކޮތަރެއްގައި ޑްރަގު އެތެރެކުރަން އުޅެނިކޮށް އަތުލައިގެންފި
ކޮތަރެއްގައި ޑްރަގު އެތެރެކުރަން އުޅެނިކޮށް އަތުލައިގެންފި

ކުވޭތު ސިޓީ (މެއި 28) - ކޮތަރެއްގެ ބުރަކަށި މަތީ ހަރުކޮށްފައިވާ ކުޑަ ކޮތަޅެއްގައި ޑްރަގު އެތެރެ ކުރަން އުޅެނިކޮށް ކުވޭތުގެ ކަސްޓަމްސް އޮފިޝަލުން ހިފަހައްޓާފައިވާ ކަމަށް އެ ގައުމުގެ އަލް ރައީ ނޫހުން ބުނެފި އެވެ.

ކޮތަރެއްގައި ޑްރަގު އެތެރެކުރަން އުޅެނިކޮށް އަތުލައިގެންފި
ކޮތަރެއްގައި ޑްރަގު އެތެރެކުރަން އުޅެނިކޮށް އަތުލައިގެންފި

ނޫހުން ބުނީ ކޮތަރުގައި ހަރުކޮށްފައިވާ ފޮތި ކޮތަޅުގެ ތެރޭގައި 178 ގުޅަ އޮތް ކަމަށެވެ. ކޮތަރު އަތުލައިގެންފައި ވަނީ އިރާގުގެ ބޯޑަރާ ކައިރީގައިވާ ކުވޭތުގެ ކަސްޓަމްސް އިމާރާތަކާ މާ ދުރު ނޫން ހިސާބަކުންނެވެ.

ކުވޭތުގެ ކަސްޓަމްސް އޮފިޝަލަކު ބުނީ ޑްރަގު ސްމަގްލް ކުރަން ކޮތަރު ބޭނުން ކުރާކަން ކަސްޓަމްސްގެ އޮފިޝަލުންނަށް އެނގޭ ކަމަށެވެ. ނަމަވެސް މިއީ ޑްރަގާ އެކު ކޮތަރެއް އަތުލައިގެން ފުރަތަމަ ފަހަރެވެ.

ކޮތަރު ބޭނުންކޮށްގެން އެހެން ހިސާބުތަކުން ޑްރަގު ސްމަގްލް ކުރަން އުޅެނިކޮށް މީގެ ކުރިން ވަނީ އަތުލައިގެންފަ އެވެ. ކޮސްޓާ ރިކާގެ ޖަލުގެ ގާޑުން 2015 ވަނަ އަހަރު ވަނީ ކޮތަރެއްގެ ގައިގައި ހަރުކޮށްގެން ކޮކޭން އެތެރެ ކުރަން އުޅެނިކޮށް އަތުލައިގެންފަ އެވެ. އަދި ކޮލަމްބިއާގެ ފުލުހުން 2011 ވަނަ އަހަރު ވަނީ ކޮތަރެއްގެ ގައިގައި ހަރުކޮށްގެން ޖަލަށް ޑްރަގު އެތެރެ ކުރަން އުޅެނިކޮށް އެ ކޮތަރު އަތުލައިގެންފަ އެވެ.

މެސެޖް ފޯރުކޮށް ދިނުމަށް، ރޯމަނުންގެ ދުވަސްވަރުން ފެށިގެން ކޮތަރު ދަނީ ބޭނުން ކުރަމުންނެވެ. އެއީ ކިތަންމެ ދުރަކަށް ދަތުރުކޮށްފައި ވެސް އޭގެ މަންޒިލަށް އެނބުރި އަންނަ ދޫންޏަކަށްވާތީ އެވެ.