21 ޖޫން 2016 - 07:59

ކުޑަކުދިންނަށް ބޭނުންވާ އެކި ބާވަތުގެ ތަކެތި އުފެއްދުމަށް މަޝްހޫރު ބްރޭންޑް ޖޯންސަން އެންޑް ޖޯންސަންގެ މައްޗަށް ދާދި ފަހުން ފެންމަތިވި މައްސަލައިގެ މައްޗަށް ބިނާކޮށް ހަދާ ޓީވީ ސިލްސިލާއެއް ޕްރޮޑިއުސްކުރަން ޖޯޖް ކްލޫނީ އެއްބަސްވެއްޖެ އެވެ.

އެމެރިކާގެ ޖޯންސަން އެންޑް ޖޯންސަންގެ އުފެއްދުންތަކުގައި ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ވެސް ސިއްހީ ގޮތުން ގެއްލުން ހުރި މާއްދާތަކެއް އެކުލެވޭކަން ފަޅާ އެރި މައްސަލައިގެ މައްޗަށް ބިނާކޮށް ހަދާ ސިލްސިލާ އަކީ ހަފިންޓަން ޕޯސްޓްގައި "އެމެރިކާސް މޮސްޓް އެޑްމައާޑް ލޯ ބްރޭކާ" ގެ ނަމުގައި ސްޓީވެން ބްރިލް މިދިޔަ އަހަރު ލިޔުނު އާޓިކަލް އަސްލަކަށް ބަލައިގެން ހަދާ ޓީވީ ޝޯއެކެވެ.
ކްލޫނީ އާ އެކު މި ސިލްސިލާ ޕްރޮޑިއުސް ކުރާނީ އެކްޓަރު ބެން އެފްލެކް އެންމެ މޮޅު ޑައިރެކްޓަރުގެ އޮސްކާ 2013 ވަނަ އަހަރު ހޯދި ފިލްމް "އާގޯ" ގެ ޕްރޮޑިއުސަރު ގްރާންޓް ހެސްލޯފް އެވެ. ކްލޫނާއި ގްރާންޓަކީ ސްމޯކްހައުސް ޕިކްޗާޒް ކޮމްޕެނީގެ ދެ ހިއްސާދާރުންނެވެ.
ރިޕޯޓްތައް ބުނާ ގޮތުން "އެމެރިކާސް މޮސްޓް އެޑްމައާޑް ލޯބްރޭކާ" ޓީވީ ސިލްސިލާއަކަށް ހެދުމަށްޓަކައި އޭގެ ސްކްރީންޕްލޭ ލިޔާނީ ނިކީ ޕަލޫގާ އެވެ.
އަދި ސިލްސިލާ ޑައިރެކްޓް ކުރަން ހަމަޖެހިފައި ވަނީ ގިނަ ބައެއްގެ މެދުގައި ވަރަށް ބޮޑަށް މަގުބޫލުވެގެން ދިޔަ ނެޓްފްލިކްސްގެ ޑޮކިއުމަންޓްރީ ސީރީޒް "މޭކިން އަ މާޑަރާ" ގެ ޑައިރެކްޓަރުން ކަމަށްވާ ލައުރާ ރިކާޑީ އާއި މޮއިރާ ޑެމޮސް އެވެ.
"އެމެރިކާސް މޮސްޓް އެޑްމައާޑް ލޯބްރޭކާ" އަށް ބިނާކޮށް ހަދާ ސިލްސިލާއަކީ ކިތައް އެޕިސޯޑްގެ ޝޯއެއް ކަމެއް އަދި ނޭނގެ އެވެ. އަދި އޭގެ ކާސްޓުން ވެސް ހަމަޖައްސައިފައެއް ނުވެ އެވެ.
އެހެންވެ ބެލުންތެރިންނާ ހަމައަށް މި ސިލްސިލާ އަންނާނެ އިރެއް އަދި ނޭނގެ އެވެ.