28 މެއި 2017 - 11:06

ލަންޑަން (މެއި 28) - އެފްއޭ ކަޕް ފައިނަލުން ރޭ އާސެނަލް އަތުން ބަލިވުމުން ޔަގީންވެފައިވާ ކަމަކީ ޗެލްސީ އަންނަ ސީޒަނަށް އިތުރަށް ވަރުގަދަ ކުރަން ޖެހޭކަން ކަމަށް އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.
މި ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ރެކޯޑަކާ އެކު ޗެލްސީ އަށް ކާމިޔާބު ކޮށްދިން ކޮންޓޭ ބުނީ ރޭގެ މެޗުން އެ ޓީމު ބަލިވީ ފެށުން ގޯސްވުމުން ކަމަށެވެ.
"އަހަރެމެން ބަލިވީ ފެށުން ގޯސްވުމުން. އާސެނަލުން ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން ވަރަށް ހިތްވަރާ އެކު ފެށީވެސް. އަހަރެމެން ފެނުނީ ވަރަށް އާދައިގެ ގޮތަކަށް. މިހެން ފައިނަލެއްގައި ކުޅެގެން ކާމިޔާބު ނުހޯދޭނެ،" ކޮންޓޭ ބުންޏެވެ.
ރޭގެ މެޗުގައި އާސެނަލުން ލީޑު ނެގީ ހަތަރު ވަނަ މިނިޓްގައި އަލެކްސިސް ސަންޗޭޒް ޖެހި ލަނޑުންނެވެ. ދެ ވަނަ ހާފްގެ ކުޅުން ފެށިގެން 68 ވަަނަ މިނިޓްގައި ޗެލްސީގެ ވިކްޓަ މޮސެސް އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކި އެވެ. އެހެން ނަމަވެސް 10 ކުޅުންތެރިންނާ އެކު ކުރި ހިތްވަރުން މެޗުގެ 76 ވަނަ މިނިޓްގައި ޑިއޭގޯ ކޮސްޓާ ޗެލްސީ އަށް އެއްވަރުކޮށްދިނެވެ. އޭގެ ތިން މިނިޓް ފަހު އާރޮން ރަމްސޭ ވަނީ އާސެނަލަށް އަލުން ލީޑުނަގައިދީފަ އެވެ.
"ލީގު ނިމުމަށް ފަހު ކުޅުނު ފުރަތަމަ މެޗުން ބަލިމިވީ. މި ހިސާބުން އެނގިއްޖެ އަންނަ ސީޒަނުގައި ކުރަން އޮތީ އުނދަގޫ މަސައްކަތެއްކަން. ވާދަވެރި ޓީމުތަކުން ކުޅުންތެރިން ގަނެ އިތުރަށް ޓީމު ވަރުގަދަކުރާނެ. ހަމަ އެގޮތަށް ޗެލްސީން ވެސް އެބަޖެހޭ ކޮލިޓީ އަށް ވިސްނައި ޓީމު އިތުރަށް ވަރުގަދަ ކުރަން. އެ ނޫން ގޮތެއް ނެތް،" ކޮންޓޭ ބުންޏެވެ.
ޗެލްސީން އަންނަނީ އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމަށް ގިނަ ކުޅުންތެރިންނަށް ފާރަލަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ މޮނާކޯގެ ޓިމުއު ބަބަޔޯކޯ އާއި ރޯމާގެ މިޑްފީލްޑަރު ރަޑްޖާ ނައިންގޫލަން އަދި ބަޔާންގެ ޑަގްލަސް ކޮސްޓާ އެވެ.