28 މެއި 2017 - 11:27

އޮރެގަން (މެއި 28) - ރޭލެއްގެ ތެރޭގައި ޒުވާން މުސްލިމް ދެ އަންހެނަކާ ދިމާކުރި މީހަކު ހުއްޓުވަން އުޅުމުގެ ތެރޭގައި ވަޅިން ހަމަލާދީ އެމެރިކާގެ އޮރެގަން ސްޓޭޓުން މަރާލި އެކަކު ކަމަށްވާ ޓެލީސިން މީރްދީން ނަމަކައި-މީޗް އަކީ ބަތަލެއް ކަމަށް އޭނާގެ މަންމަ ބުނެފި އެވެ.
ވަޅިން ހަމަލާދީ މަރާލި އަނެއް މީހަކީ 53 އަހަރުގެ ރިކީ ޖޯން ބެސްޓް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އޭނާ އަކީ ސިފައިންގެ ޚިދުމަތުން ރިޓަޔާކޮށްފައިވާ ހަތަރު ކުދިންގެ ބައްޕަ އެކެވެ. ހަމަލާ ހުއްޓުވަން ދެން މަސައްކަތް ކުރި މީހާ ވެސް ވަނީ ވަރަށް ބޮޑަށް ޒަޚަމްވެފަ އެވެ.
ފުލުހުން ބުނީ މޫނު ބުރުގައި އަޅައިގެން ތިބި މުސްލިމް ދެ އަންހެނުންނަށް ބިރު ދައްކާ ދިމާކޮށްފައި ވަނީ 35 އަހަރުގެ ޖެރެމީ ޖޯސެފް ކްރިސްޓިއަން ނަމަކަށް ކިޔާ މީހެއް ކަމަށެވެ. އަންގާރަ ދުވަހު އޭނާ ކޯޓަށް ހާޒިރު ކުރާނެ އެވެ. އޭނާގެ މައްޗަށް ވަނީ މީހުން މެރިކަމުގެ ކުށާ އެކު ހަތަރު ދައުވާއެއް އުފުލަން ނިންމައިފަ އެވެ. ހަމަލާ ދިން ކްރިސްޓިއަންގެ ކުށުގެ ރެކޯޑް ހާމަކުރަން ފުލުހުން ވަނީ ދެކޮޅު ހަދައިފަ އެވެ.
އޮރެގަން ސްޓޭޓުގެ އެފްބީއައިގެ ސްޕެޝަލް އެޖެންޓް ލޯރެން ކެނޮން ވިދާޅުވީ މިއީ ޓެރަރިޒަމްގެ ހަމަލާއެއް ކަމަށް ނިންމަން އަދި އަވަސް ކަމަށެވެ.
މޫނު ބުރުގާ އަޅައިގެން ތިބި ދެ އަންހެން ކުދިން ހުކުރު ދުވަހު ހަވީރު އޮރެގަންގެ ޕޯޓްލޭންޑުގެ ރޭލަކަށް އެރި އެވެ. މަންޒަރު ދުށް ބައެއް މީހުން ބުނި ގޮތުގައި މި ތަނުން އެއް ކުއްޖަކީ މުސްލިމެކެވެ. ދެ އަންހެން ކުދިންގެ ތެރޭން އެއް ކުއްޖަކު މަންމަ ބުނީ ކްރިސްޓިއަން ވަނީ ހުރިހާ މުސްލިމުން ވެސް މަރުވާން ޖެހޭނެ ކަމަށް ބުނެ އަޑުގަދަކޮށްފަ އެވެ. އަންހެން ކުދިންނަށް ދިމާކުރަން ފެށުމުން ތިން މީހަކު ވަނީ އެކަމަށް ހުރަސް އަޅަން މަސައްކަތް ކޮށްފަ އެވެ. ދެން ކުއްލިއަކަށް ފެނުނީ އަންހެން ކުދިންގެ ދިފާއުގައި ނުކުތް މީހުންނަށް ހަމަލާ ދިން ތަނެވެ. އަންހެން ކުދިންގެ ދިފާއުގައި ނުކުތް މީހުންނަށް ލިބުނީ ކިހާވަރެއްގެ ގެއްލުމެއް ކަމެއް ވެސް ނުބަލާ ދެ އަންހެން ކުދިން ވަނީ ރޭލުން ފައިބައިގެން ގޮހެވެ. ކްރިސްޓިއަން ވަނީ ހައްޔަރުކޮށްފަ އެވެ.
ހަމަލާގައި މަރުވި އެކަކު ކަމަށްވާ ބެސްޓް ދަތުރުކުރީ އޭނާގެ ގެއަށް ދިއުމަށެވެ. ސިފައިންގެ ތެރޭގައި 23 އަހަރު ޚިދުމަތް ކުރުމަށް ފަހު އޭނާ ރިޓަޔާ ކުރީ 2012 ވަނަ އަހަރު އެވެ. ދިމާކުރި ދެ އަންހެން ކުދިންނަށް ފުރަތަމަ އެހީވި މީހަކީ ބެސްޓް ކަމަށްވެ އެވެ. އަންހެން ކުދިންނާ ދިމާކުރަން ފެށި އިރު، ހަމަލާގައި ދެން މަރުވި، ނަމަކައި-މީޗް އިނީ ފޯނެއްގަ އެވެ. އިކޮނޮމިކްސް ގުރެޖުއޭޓެއް ކަމަށްވާ ނަމަކައި-މީޗް އަށް އެންމެ ފަހުގެ އިހުތިރާމް އަދާކުރުމަށް ފަހު އޭނާގެ މަންމަ ބުނީ "އެއީ ހަމަ ހަގީގީ ބަތަލެއް" ކަމަށެވެ. އަދި އެއީ ވިދާ ބަބުޅާ އަލިގަދަ ތަރިއެއް ކަމަށާއި އެ ދަރިފުޅު ދެކެ އަބަދަށް ވެސް ލޯބިވާނެ ކަމަށް މަންމަ ބުނެފައިވެ އެވެ.
ހަމަލާގައި ޒަޚަމްވި މިކާ ޑޭވިޑް-ކޯލް ފްލެޗާ އަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
ޕޯޓްލޭންޑް މޭޔާ ޓެޑް ވީލާ ވިދާޅުވީ އަމިއްލަ އެދުމެއް ނެތި ތިން ފިރިހެނުން ދެއްކި ހިތްވަރަކީ އެހެން މީހުންނަށް ނަމޫނާއެއް ކަމަށެވެ.