28 މެއި 2017 - 03:02

މާލޭގެ ބޮޑު ސަރަހައްދަކުން މިރޭ ކަރަންޓް ކެނޑިއްޖެ އެވެ.
މާލޭގެ ހުރިހާ އަވަށްތަކުން ކަހަލަ ގޮތަކަށް މިރޭ ދަންވަރު 2:00 އިން ފެށިގެން ކަރަންޓް ކެނޑުނީ ސްޓެލްކޯގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އަލަށް ބޭނުންކުރަން ފެށި ޖަނެރޭޓަރު ކުއްލި ގޮތަކށް ނިވުމުންނެވެ.
އެކަމަކު އެކަން ހައްލުކޮށް އެކި ސަރަހައްދުތަކަށް ކަރަންޓް ދެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު އޭގެ ފަހުން ބައިގަޑިއެއްހާއިރު ވީއިރު އަދިވެސް ބައެއް ސަރަހައްދުތަކަށް އެއްކޮށް ކަރަންޓް ނުދެވެ އެވެ. އަދި ބައެއް ހިސާބުތަކަށް ކަރަންޓް އަލުން ދިނުމަށް ފަހު، އިރުކޮޅަކުން އަނެއްކާވެސް ކަރަންޓް ވަނީ ގޮސްފަ އެވެ.
އޮފިޝަލް ވިދާޅުވީ ޖަނެރޭޓަރަށް ކުރިމަތިވި މައްސަލަ ހައްލު ކުރަމުން އަންނަނިކޮށް، އާތް ފޯލްޓެއް އައިސްގެން މިހާރު އެކަން ހައްލު ކުރަމުންދާ ކަމަށެވެ. އެހެންވެ ކަރަންޓް ނުދެވޭ ސަރަހައްދުތަކަށް ކަރަންޓް ދިނުމަށް އަދިވެސް ވަގުތު ނަގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެކަމަކު ވަރަށް ބޮޑު ބަޔަކަށް މިހާރު ވާނީ ކަރަންޓް ދީފައި،" އޮފިޝަލް ވިދާޅުވި އެވެ.
މާލޭގައި ކަރަންޓު އުފަައްދާ މިންވަރު އިތުރުކުރަން ސްޓެލްކޯއިން އަލަށް ބެހެއްޓި 8.9 މެގަވޮޓްގެ ބޭނުންކުރަން ފެށީ މިދިޔަ އާދީއްތަދުވަހު އެވެ.
ސްޓެލްކޯގެ އޮފިޝަލް ވިދާޅުވި ގޮތުން ނަމަ މިރޭ ކަރަންޓް ކެނޑުނީ އެ ޖަނެރޭޓަރަށް ޓެކްނިކަލް ކަމެއް ކުރިމަތިވެ ނިވުމުންނެވެ.
ސްޓެލްކޯ އިން 8.9 މެގަވޮޓުގެ ޖަނަރޭޓަރެއް މާލޭގައި އަލަށް ބޭނުންކުރަން ފެށީ އޭޑީބީގެ އެހީގައި ހިންގާ 8.7 މިލިއަން ޑޮލަރުގެ މަޝްރޫއުގެ ދަށުންނެވެ.
އާ ޖަނެރޭޓަރު ރަސްމީކޮށް ބޭނުންކުރަން ފެށުމަށް ބޭއްވި ހަފުލާގައި ސްޓެލްކޯ އިން ބުނެފައި ވަނީ އާ ޖަނެރޭޓަރާ އެކު މާލޭގެ ކަރަންޓް ކެޕޭސިޓީ 70 މެގަވޮޓަށް ވުރެ މިހާރު އިތުރުވާނެ ކަމަށެވެ. މާލޭގައި ކަރަންޓް އުފައްދަން ޖުމްލަ 27 ޖަނަރޭޓަރު ބޭނުންކުރަމުން އަންނަ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.