އަކްރަމް، އައްމަޑޭ އަދި އިރޭ އަލުން ގައުމީ ޓީމަށް
އަކްރަމް، އައްމަޑޭ އަދި އިރޭ އަލުން ގައުމީ ޓީމަށް

އަފްގާނިސްތާނާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗާއި އޭޝިއަން ކަޕް ކޮލިފައިންގައި ބޫޓާނާ ދެކޮޅަށް ކުޅޭ މެޗަށް ނެގި ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑުން ނިއު ރޭޑިއަންޓުގެ ތަޖުރިބާކާރު މިޑްފީލްޑަރު އަކްރަމް އަބްދުލްގަނީ އަށް ފުރުސަތު ދީފި އެވެ.

އަކްރަމް، އައްމަޑޭ އަދި އިރޭ އަލުން ގައުމީ ޓީމަށް
އަކްރަމް، އައްމަޑޭ އަދި އިރޭ އަލުން ގައުމީ ޓީމަށް

ގައުމީ ޓީމާ އެކު 2008 ގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި އަކްރަމުގެ އިތުރުން ދުވަސްތަކަށް ފަހު ސްކޮޑުން ޖާގަ ލިބުނީ 2009 ގެ ސާފް ޗެމްޕިއަންޝިޕުގައި ގައުމީ ޓީމަށް ކުޅުނު ގްރީން ސްޓްރީޓްސްގެ ފޯވާޑް އަހުމަދު ރަޝީދު (އައްމަޑޭ) އާއި މާޒިޔާގެ އުއްމީދީ މިޑްފީލްޑަރު މިޑްފީލްޑަރު މުހައްމަދު އިރުފާން (އިރޭ) އަށެވެ. މީގެ އިތުރުން އަނިޔާގެ ސަބަބުން އެންމެ ފަހުގެ ސްކޮޑުން ޖާގަ ގެއްލުނު ކްލަބް އީގަލްސްގެ ފޯވާޑް އަހުމަދު ރިޒްވާން (ރިޒޭ) ވެސް ވަނީ އަލުން ނަގައިފަ އެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި މާޗު މަހު ފަލަސްތީނާ ދެކޮޅަށް ކުޅުނު މެޗަށް ނެގި ފައިނަލް ސްކޮޑުގައި ހިމެނުނު ކުޅުންތެރިންގެ ތެރެއިން މި ފަހަރު ބާކީވީ މާޒިޔާގެ އަހުމަދު އިމާޒް (އާއްކޮ) އާއި ޔަސްފާދު ހަބީބް (މުލަކޭ) އާއި ވެލެންސިއާގެ ހިސާމް ސަލީމާއި ޓީސީ ސްޕޯޓްސް ކްލަބުގެ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އެވެ.

ސްކޮޑުން ފުރުސަތު ނުލިބޭ ފާހަގަކޮށްލެވޭ ބައެއް ކުޅުންތެރިންގެ ތެރޭގައި ވިކްޓަރީގެ މުހައްމަދު އާރިފް (ބަކާ) އާއި ހަސަން އަދުހަމް (ސަޑޭ) އާއި ރިލްވާން ވަހީދު (ރިލޭ) އާއި ޓީސީގެ ކެޕްޓަން އަލީ ނާފިއު ހިމެނެ އެވެ. މީގެ އިތުރުން އަނިޔާގައި ހުރި ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އާއި އީގަލްސްގެ އަހުމަދު ނާޝިދު (ނައްޓޭ) ވެސް ނުހިމެނެ އެވެ.

މި ފަހަރުގެ ސްކޮޑުގައި ކޯޗު އޮސްޓްރޭލިއާގެ ޑަރެން ސްޓެވާޓް ފަސް ގޯލް ކީޕަރުން ހިމަނާފައިވާއިރު އޭގެ ތެރޭގައި ޒުވާން ދެ ކީޕަރުން ހިމެނެ އެވެ. އެއީ މިދިޔަ އަހަރު ކެލާ ޓީމުން ފާހަގަވި ނިއުގެ ގޯލްކީޕަރު އަބްދުﷲ ޒިމާމާއި މާޒިޔާގެ ހުސެއިން ޝަރީފެވެ. ދެން ހިމެނޭ ތިން ކީޕަރުންނަކީ ވެލެންސިއާގެ މުހައްމަދު ފައިސަލާއި ކްލަބް އީގަލްސްގެ މުހައްމަދު ޝަފީއު އަދި ވިކްޓަރީގެ މުހައްމަދު އިމްރާނެވެ.

އިންޑިއާގައި 2015 ވަނަ އަހަރުގެ ޑިސެމްބަރު އޮތް ސާފް ސުޒުކީ ކަޕުގެ ފަހުން އަކްރަމް ފުރަތަމަ ފަހަރަށް ގައުމީ ސްކޮޑުން ޖާގަ ހޯދިއިރު އޭނާ އަންނަނީ މި އަހަރު ނިއުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެސްޓީއޯ މާލޭ ލީގުގެ ތިން ވަނައިގައި އޮތް ގްރީން ސްޓްރީޓްސްގެ ކާމިޔާބީގައި ފޯވާޑް އައްމަޑޭގެ ދައުރު ބޮޑުއިރު ފޯމް ގެއްލުމަށް ފަހު މާޒިޔާގެ އިރޭ ވެސް އަންނަނީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ.

ގައުމީ ޓީމުން އަފްގާނިސްތާނާ ދެކޮޅަށް ޑުބާއީގައި ކުޅޭނީ އަންނަ މަހުގެ 6 ވަނަ ދުވަހު އެވެ. އޭގެ ފަހުން ތައިލެންޑުގައި ތަމްރީން ހެދުމަށް ފަހު ބޫޓާނާ ދެކޮޅަށް ކުޅޭނީ އަންނަ މަހުގެ 13 ވަނަ ދުވަހު އެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ފަލަސްތީން އަތުން މާލޭގައި 3-0 އިން ވަނީ ބަލިވެފަ އެވެ. އޮމާން ވަނީ ފުރަތަމަ މެޗުން ބޫޓާން އަތުން 14-0 އިން މޮޅުވެފަ އެވެ. އޮމާނާއި ފަލަސްތީނަށް ހަ ޕޮއިންޓް ލިބިފައިވާއިރު ލަނޑުގެ ތަފާތުން އެއް ވަނައިގައި އޮތީ އޮމާނެވެ.

އަންނަ އަހަރު ޔޫއޭއީގައި ބާއްވާ އޭޝިއަން ކަޕަށް ކޮލިފައިވާނީ ހޯމް އެންޑް އަވޭ އުސޫލުން އެއް ބުރު ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.

މާޒިޔާ: އަމްދާން އަލީ (އެންޑީ)، މުހައްމަދު އިރުފާން، އަސަދުﷲ އަބްދުﷲ، އަޝްހަދު އަލީ (އަޑުބަރޭ)، މުހައްމަދު އުމެއިރު، ހުސެއިން ޝަރީފް، ސަމޫހު އަލީ (ސަމުއްޓެ)، ހުސެއިން ނިޔާޒް މުހައްމަދު (ބޮކުރީ).

ނިއު ރޭޑިއަންޓް: އަލީ ފާސިރު (ސެންޓޭ)، ހަމްޒާ މުހައްމަދު (ހަމްޕު)، މުހައްމަދު ރަޝީދު (ހޮކޭ)، އަހުމަދު އަބްދުﷲ (ލިލީ)، އަކްރަމް އަބްދުލްގަނީ، އަބްދުﷲ ޒިމާމް.

ޓީސީ ސްޕޯޓްސް ކްލަބް: މުހައްމަދު އައްޒާމް، ހަސަން ނާއިޒް (ދާދު)، އިބްރާހިމް ވަހީދު ހަސަން (އިއްބެ).

ކްލަބް ވެލެންސިއާ: ޝާފިއު އަހުމަދު، މުހައްމަދު ފައިސަލް.

ކްލަބް އީގަލްސް: އިމްރާން ނަޝީދު، މުހައްމަދު ޝަފީއު، އަހުމަދު ރިޒްވާން (ރިޒޭ)، އަހުމަދު ޒާދު.

ވިކްޓަރީ ސްޕޯޓްސް ކްލަބް: މުހައްމަދު އިމްރާން، އިސްމާއިލް އީސާ.

ކްލަބް ގްރީން ސްޓްރީޓްސް: މުހައްމަދު ސާއިފް، އަހުމަދު ރަޝީދު (އައްމަޑޭ).