27 މެއި 2017 - 21:25

ރާއްޖޭގައި އިންސާނީ ހައްގުތައް ހިމާޔަތް ކުރުމަށް އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމުގެ ކަންބޮޑުވުން ފާޅުކޮށް ފިލްމީ ތަރީ އަލީ ސީޒަން 10 ކިލޯމީޓަރަށް އިއްޔެ ސްރީ ލަންކާގައި ހިނގައިފި އެވެ.

ސްރީ ލަންކާގައި ދިރިއުޅެމުން އަންނަ ސީޒަން ވަނީ ދިވެހިން އާންމުކޮށް އުޅޭ ދެހިވަލަ ސަރަހައްދުން ފެށިގެން ގޯލް ފޭސްއާ ހިސާބަށް މެދުކެނޑުމެއް ނެތި ހިނގައިފަ އެވެ.

އިންސާނީ ހައްގުތައް ހިމާޔަތް ކުރުމަށް ބާރު އެޅުމުގެ ބޭނުމުގައި ސީޒަން ބޭއްވި ހިނގާލުން އޭނާ ވަނީ ދެ ގަޑިއިރެއް ހާއިރު ތެރޭގައި ނިންމާލައިފަ އެވެ. މިއީ ބުރަ ކަމަކަށްވި ނަމަވެސް، ސީޒަންގެ ބޭނުމަކީ ކަމާ ބެހޭ މުއައްސަސާތަކުގެ ވެރިންނަށް ހާއްސަ މެސެޖެއް ދިނުމެވެ.

"އިއްޔެ ދޭއް ޖެހިއިރު ފެށީ. ފަށައިގެން ގޮސް ހަވީރު 4:15 ހާއިރު ގޯލް ފޭސް އަށް ދެވުނީ،" މީގެ އަހަރެއްހާ ދުވަސް ކުރިން ފެށިގެން ލަންކާގައި ދިރިއުޅެމުން އަންނަ ސީޒަން ބުންޏެވެ.
އޭނާ ބުނި ގޮތުގައި މިއީ ވަކި ސިޔާސީ ޕާޓީ އެއް ނުވަތަ ވަކި ފިކުރެއް ކުރިއެރުވުމުގެ ބޭނުމުގައި ކުރި ކަމެއް ނޫނެވެ. މިއީ އަމިއްލަ އަށް އިސް ނަގައިގެން ގައުމު ދެކެވާ ބޮޑު ލޯތްބެއްގެ ސަބަބުން ކުރި ކަމެއް ކަމަށް ވެސް އޭނާ ބުންޏެވެ.
ސީޒަން ބުނީ އިންސާނީ ހައްގުތަކާ ގުޅޭ ތަފާތު މައްސަލަތައް ރާއްޖޭން ފާހަގަވަމުންދާ ކަމަށެވެ. ނަމަވެސް އިންސާނީ ހައްގުތައް ހޯދައި ދޭން އެކަށީގެންވާ މަސައްކަތެއް ކުރަމުން ނުދާ ކަމަށް އޭނާ ބުންޏެވެ. ހާއްސަކޮށް މަރުގެ މައްސަލަތަކުގައި އިންސާފު ނުލިބިވާ ކަން ފާހަގަކުރި އެވެ.
"އިންސާނީ ހައްގުތައް ހިމާޔަތް ކޮށްދިނުމަށް ބާރު އެޅޭނެ ކޮންމެ މީހަކަށް ވެސް. އެ މެސެޖް ދޭން ބޭނުންވީ،" ސީޒަން ބުންޏެވެ.
ސީޒަން ބުނީ ރާއްޖޭގައި އިންސާނީ ހައްގުތަކާ ގުޅޭ މައްސަލަތައް ވެސް ފުރިހަމަ ގޮތެއްގައި ތަހުގީގު ކުރެވެމުން ނުދާ ކަމަށެވެ. އޭނާ ދެކޭ ގޮތުގައި ރައްޔިތުންނަށް އިންސާފު ނުލިބެނީ އެހެންވެ އެވެ. އަދި ކުރިއަށް އޮތް ތަނުގައި ކަމާ ބެހޭ ފަރާތްތަކުން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅައި، ރައްޔިތުންނަށް އިންސާފު ހޯދައި ދިނުމަކީ ވަރަށް ބޮޑު އުންމީދެއް ކަމަށް ވެސް އޭނާ ބުންޏެވެ.
ރާއްޖޭގައި މިނިވަން ނޫސްވެރިކަން ހަނިކޮށް، ސުލްހަވެރިކަމާއެކު ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ނިގުޅައިގެންފައިވާ ކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި މީހުން މަރަމުން އަންނައިރު، އެކަމުގައި ޝާމިލްވާ މީހުން އިންސާފުގެ ކުރިމައްޗަށް ގެނެސް، އިސްމާލީ ޝަރީއަތުގައި އޮތް ގޮތަށް އަދަބު ދެމުން ނުލިބޭތީ ވެސް ގިނަ ބަޔަކު ޝަކުވާ ކުރެ އެވެ.