27 މެއި 2017 - 19:24

ކޮލަމްބޯ (މެއި 27) - ލަންކާ އަށް މިހާރު ކުރަމުންދާ ބޯ ވިއްސާރައިގައި މިހާތަނަށް 103 މީހުން މަރުވެ ބައި މިލިއަނަށް ވުރެ ގިނަ މީހުން ހާލުގައި ޖެހިފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.

ސަރުކާރުގެ ތަރުޖަމާނަކު ބުނީ ފެންބޮޑުވުމުގައި އިތުރު 113 މީހުން ގެއްލިފައިވާ ކަމަށެވެ. އެންމެ ބޮޑު ގެއްލުމެއް ލިބިފައި ވަނީ ކޮލަމްބޯގެ ދެކުނުން އޮންނަ ކަލުތަރަ ޑިސްޓްރިކްޓަށެވެ. މީހުން ސަލާމަތް ކުރުމަށް ވަނީ ސިފައިންގެ ހެލިކޮޕްޓަރުތަކާއި ކުދި ޑިންގީތައް ފޮނުވައިފަ އެވެ. ސިފައިންގެ ރެސްކިއު އޮޕަރޭޝަނުގެ ވެރިޔާ މޭޖާ ޖެނެރަލް ސުދަންތާ ރަނަސިންހާ ވިދާޅުވީ އެންމެ ބޮޑަށް ހާލުގައި ޖެހިފައިވާ ހިސާބުތަކަށް ސިފައިންގެ އެހީތެރިކަން މިހާރު ފޯރުކޮށްދޭން ފަށާފައިވާ ކަމަށެވެ.
މިއީ 2003 ވަނަ އަހަރުގެ ފަހުން ލަންކާ އަށް ކުރާ އެންމެ ގެއްލުން ބޮޑު ވިއްސާރަ އެވެ. އެ ފަހަރުގެ ވިއްސާރައިގައި 10،000 ގެ ހަލާކުވެ 250 މީހުން ވަނީ މަރުވެފަ އެވެ.
އިރިގޭޗޝަން ޑިޕާޓްމަންޓުން ވަނީ ކަލޫ ގަންގާ، ގިން ގަންގާ އަދި ނިލްވާލާ ގަންގާ ކޯރު ބަންޑުން ވެދާނެކަމުގެ އިންޒާރު ދީފަ އެވެ. ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ވެސް ވަނީ އިތުރު ހިސާބުތަކުގައި ފެންބޮޑުވެދާނެތީ ރައްކާތެރިވެ ތިބުމަށް އިލްތިމާސްކޮށްފަ އެވެ. ހޮނު އަޅާ އިރު ރައްތެރިވުމަށާއި ގަދަ ވައިގައި ގަސްތައް ވެސް ވެއްޓިދާނެތީ ސަމާލުވުމަށް ވެސް ވަނީ އަންގައިފަ އެވެ.
މިދިޔަ އަހަރު މެއި މަހު ލަންކާ އަށް ކުރި ވިއްސާރައިގައި މެދުތެރޭގެ ހިސާބުތަކުން ވަނީ 100 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ.