ފަލަސްތީނުގެ ގައިދީންގެ ހައިހޫނުކަމުގެ ހަޅުތާލު ނިންމާލައިފި
ފަލަސްތީނުގެ ގައިދީންގެ ހައިހޫނުކަމުގެ ހަޅުތާލު ނިންމާލައިފި

ގުދުސް (މެއި 27) - އިޒްރޭލުގެ ޖަލުތަކުގައި ފަލަސްތީނު މީހުން ކުރަމުންދިޔަ ބަނޑުހައިހޫނުކަމުގެ ހަޅުތާލު 40 ދުވަހަށް ފަހު ނިންމާލައިފި އެވެ.

އިޒްރޭލުގެ އޮފިޝަލަކު ބުނީ ރޯދަ މަހާ ދިމާކޮށް ފަލަސްތީނުގެ ގައިދީންގެ ހައިހޫނުކަމުގެ ހަޅުތާލު ނިންމާލީ ގައިދީންނާ އެކު ވެވުނު އެއްބަސްވުމެއްގެ ދަށުން ކަމަށެވެ. އިޒްރޭލުން މިހާރު ވަނީ ފަލަސްތީނުގެ ގައިދީންގެ އާއިލާތަކާ މަހަކު ދެފަހަރު ބައްދަލު ކުރާ ގޮތަށް އެއްބަސްވެފަ އެވެ.

ފަލަސްތީނު މީހުން ކުރަމުން ގެންދާ ހަޅުތާލުގައި އެންމެ އިސްކޮށް ހުރީ އިޒްރޭލުން އުމުރަށް ޖަލަށްލާފައި ހުރި މަރްވާން ބަރްގޫތީ އެވެ. ރައީސް މަހްމޫދު އައްބާސްގެ ފަތަހަ ޖަމާއަތުގައި ވެސް ހިމެނޭ އިސް މެންބަރެއް ކަމަށްވާ 57 އަހަރުގެ ބަރްގޫތީ އަކީ އައްބާސް އަށް ފަހު ފަލަސްތީނުގެ ރައީސް ކަމަށް ވަޑައިގަންނަވާނެ ފަރާތް ކަމަށް ބެލެވެ އެވެ. ބަނޑުހައިހޫނުކަމުގެ ހަޅުތާލާ ގުޅިގެން ބަރްގޫތީ ވަނީ އެކެހެރިކޮށް ބަންދުކޮށްފަ އެވެ.

ފަލަސްތީނުގެ 1،187 ގައިދީން މިދިޔަ މަހު 17 ވަނަ ދުވަހު ބަނޑުހައިހޫނުކަމުގެ ހަޅުތާލު ފެށީ ފަލަސްތީނުގައި ފާހަގަކުރާ ގައިދީންގެ ދުވަހާ ދިމާކޮށެވެ.

ފަލަސްތީނުގެ ގައިދީންގެ އާއިލާތަކާ ބައްދަލުކޮށް ދޭން އިޒްރޭލުން އެއްބަސްވެފައި މި ވަނީ ގައިދީންގެ އެއްވެސް ޑިމާންޑެއް ގަބޫލް ނުކުރާނެ ކަމަށް އިޒްރޭލުގެ ޕަބްލިކް ސާވިސް އިން ބުނެފައި ވަނިކޮށެވެ.

ފަލަސްތީނުން ގަބޫލް ކުރަނީ އިޒްރޭލުގެ ޖަލުތަކުގައި ތިބީ އެ ގައުމުގެ ސިޔާސީ ގައިދީން ކަމަށެވެ. ގިނަ މީހުން ބަންދުކޮށްފައި ވަނީ އިޒްރޭލް މީހުންނަށް ހަމަލާ ދީގެންނެވެ. އަނެއް ބަޔަކު ތިބީ އިޒްރޭލުން ގެންގުޅޭ "އިދާރީ ބަންދު" ގަ އެވެ. އިދާރީ ބަންދުގެ ދަށުން އެއްވެސް ކުށެއް ނެތި ހަ މަސް ދުވަސް ވަންދެން ޖަލުގައި ގެންގުޅެވެ އެވެ. ހަ މަސް ހަވަމުމުން އަނެއްކާ ވެސް މުއްދަތު އިތުރު ކުރެ އެވެ. ފަލަސްތީނުގެ ޕްރިޒަން ގްރޫޕްތަކުން ބުނީ މިދިޔަ އަހަރުގެ ނިޔަލަށް އިޒްރޭލުގެ ޖަލުތަކުގައި ފަލަސްތީނުގެ 7،000 ގައިދީން ތިބި ކަމަށެވެ. މީގެ ތެރޭގައި 62 އަންހެނުންނާއި 300 ކުޑަ ކުދިން ހިމެނޭ ކަމަށްވެ އެވެ. އަދި 500 މީހުންނަކީ އިދާރީ ބަންދުގައި ތިބި މީހުންނެވެ.