މިއީ ހަނދާން ނުނެތޭނެ އަހަރެއް: ރޮނާލްޑޯ
މިއީ ހަނދާން ނުނެތޭނެ އަހަރެއް: ރޮނާލްޑޯ

ކާޑިފް، ވޭލްސް (ޖޫން 4) - މިއީ ފުޓްބޯޅަ ކެރިއަރުގައި އެންމެ ކާމިޔާބު އަހަރު ކަމަށާއި މި އަހަރުގެ މަތިން ދުވަހަކު ވެސް ހަނދާން ނުނެތޭނެ ކަމަށް ރެއާލް މެޑްރިޑްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

ރޭ ޔުވެންޓަަސް އަތުން ރެއާލް 4-1 އިން މޮޅުވެ ޗެމްޕިއަންސް ލީގު ދިފާއުކުރިއިރު، ރޮނާލްޑޯ ވަނީ ދެ ލަނޑު ކާމިޔާބު ކޮށްފަ އެވެ. މި ދެ ލަނޑާ އެކު ރޮނާލްޑޯ ކެރިއަރުގައި 600 ލަނޑު ހަމަކުރިއިރު، އޭގެ ތެރެއިން 108 ލަނޑު ޖަހާފައިވަނީ ޗެމްޕިއަންސް ލީގުގަ އެވެ.

"މިއީ އަހަންނަށް އާދަޔާހިލާފު އަހަރެއް. އެންމެ ކާމިޔާބު އެއް ސީޒަން މިއީ. ބޭނުންވި ހުރިހާ ކާމިޔާބެއް ހާސިލްކުރެވިއްޖެ. މިއީ އަހަންނެކޭ އެއްގޮތަށް ޓީމުގެ ހުރިހާ ކުޅުންތެރިންގެ މަސައްކަތް،" ރޮނާލްޑޯ ބުންޏެވެ.

މިިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގު ރެއާލާ އެކު ކާމިޔާބު ކުރި ފަހުން ރޮނާލްޑޯ ވަނީ ޕޯޗުގަލްއާ އެކު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތަށި ވެސް އުފުލާލައިފަ އެވެ. އޭގެ ފަހުން އޭނާ ވަނީ ޕޯޗުގަލްގެ މޮޅު ކުޅުންތެރިއާގެ މަގާމާއި ޔުއޭފާގެ މޮޅު ކުޅުންތެރިއާގެ މަގާމާއި ބެލޮންޑިއޯ، ފީފާ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދައިފަ އެވެ. އަދި ފީފާ ކްލަބް ވޯލްޑް ކަޕްގެ އިތުރުން މި ސީޒަނުގެ ސްޕެނިޝް ލީގު ވެސް ކާމިޔާބުކުރި އެވެ.

"ވަރަށް ގިނަ ކާމިޔާބީތަކެއް ހޯދިއްޖެ. މިއީ އަހަރެން ކެރިއަރުގައި އަބަދުވެސް ތައްޔާރުވާ ކަމަކީ. ބޮޑެތި ކާމިޔާބީ ހާސިލްކުރުން. ޕޯޗުގަލް އާއި ރެއާލާ އެކު ހީނުކުރާ ފަދަ ކާމިޔާބީތަކެއް މަދު ދުވަސްކޮޅެއްގެ ތެރޭގައި މި ހޯދުނީ،" އުމުރުން 32 އަހަރުގެ ރޮނާލްޑޯ ބުންޏެވެ.

ރޭގެ މެޗަށް ފަހު ރޮނާލްޑޯ ވަނީ ރެއާލްގެ ކޯޗު ޒިނެދިން ޒިދާން އަށް ތައުރީފްކޮށްފަ އެވެ.

"ވަރަށް ގިނަ ބަޔަކު އުއްމީދު ކޮށްގެން ތިބީ ޒިދާން ފެއިލްވާނެ ކަމަށް. އެއީ އޭނާގެ ތަޖުރިބާ މަދުވީމަ ކަމަށް ވެދާނެ. އެކަމަކު މިހާރު އޭނާ ސާބިތު ކޮށްދީފި ތަޖުރިބާ މަދު ނަމަވެސް ކާމިޔާބު ހޯދަން ބޭނުންވާ ކޮލިޓީ އޭނާގެ އެބަހުރިކަން،" ރޮނާލްޑޯ ބުންޏެވެ.

ކެރިއަރުގައި ކުރިއަށްދާން ބޭނުންވަނީ ރެއާލުގައި ހުރެ ކަމަށާއި އެހެން ޓީމަކަށް ބަދަލުވުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް ރޮނާލްޑޯ ވަނީ ބުނެފަ އެވެ.