ދިރާގުގެ ރޯދަ ޕްރޮމޯޝަން: ކޮންމެ ހަފުތާއަކު އުމުރާ ދަތުރެއް، ސޯޝަލް މީޑިއާ ހިލޭ
ދިރާގުގެ ރޯދަ ޕްރޮމޯޝަން: ކޮންމެ ހަފުތާއަކު އުމުރާ ދަތުރެއް، ސޯޝަލް މީޑިއާ ހިލޭ

ދިރާގުން ކަސްޓަމަރުންނަށް ކޮންމެ ހަފްތާއަކު ވެސް އުމްރާ ދަތުރެއް ލިބި އަދި ސޯޝަލް މީޑިއާ އެޕްތައް ހިލޭ ބޭނުންކުރެވޭނެ ގޮތަށް ބޮޑު ރޯދަ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނިން ބުނީ ރޯދަމަހަކީ އަބަދުވެސް ހާއްސަ މައްސަރަކަށް ވާތީ އެ ކުންފުނިން ބަލަނީ ކަސްޓަމަރުންނަށް ލުއިފަސޭހަތައް ފޯރުކޮށްދޭން ކަމަށެވެ.

"ޑިޖިޓަލް ސާވިސް ޕްރޮވައިޑަރެއްގެ ހައިސިއްޔަތުން ކުންފުނިން ކުޅޭ އިސް ދައުރާ ގުޅުވައިގެން ކަސްޓަމަރުންނަށް ޑިޖިޓަލް އެތައް ހަދިޔާއެއް މި ރޯދަމަހު ފޯރުކޮށްދޭނެ. މީގެ އިތުރުން ހިލޭ އުމްރާ ދަތުރާއި އަޅުކަމުގެ ކަންކަމަށް މަގުފަހިވާނެ ގޮތަށް ހިލޭ ހިދުމަތްތަކެއް ވެސް ތައާރަފްކުރެވިފައިވާނެ،" ދިރާގުގެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

ދިރާގުން މިފަހަރުގެ ޕްރޮމޯޝަންގައި ސޯޝަލް މީޑިއާގެ އެންމެ މަގުބޫލު އެޕްލިކޭޝަންތައް ހިލޭ ލިބޭ ގޮތަށް ވަނީ ހަދައިފަ އެވެ. އެގޮތުން #2*8*123* އަށް ގުޅުމުން ކޮންމެ ހަފްތާއަކު ފޭސްބްކު، ޓްވިޓާ، ސްނެޕްޗެޓް، އިންސްޓަގްރާމް، ވަޓްސްއެޕް ނުވަތަ ޕިންޓްރެސްޓް މި ހަ ސޯޝަލް މީޑިއާ އެޕްތަކުގެ ތެރެއިން ކޮންމެވެސް އެއް އެޕެއް މުޅިން ހިލޭ ބޭނުންކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެ ޕްރޮމޯޝަންގައި ހަފްތާ ނިމުމުން ހަމަ އެ އެޕް ނުވަތަ އެހެން އެޕެއް ނެގުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބެ އެވެ. މީގެ އިތުރުން ކަސްޓަމަރުންނަށް ސޯޝަލް ޑޭޓާ ޕެކް އާއިލާ އާއި އެހެން ރަހުމަތްތެރިންނަށް ވެސް ހަދިޔާކުރެވޭނެ ކަމަށް ދިރާގުން ބުންޏެވެ.

"ދިރާގު ރަމަޟާން އުފާ"ގެ ނަމުގައި ރޯދަ މަހުގެ ކޮންމެ ހަފްތާއަކު ދިރާގުގެ އެކްޓިވް ހުރިހާ ކަސްޓަމަރުންގެ ތެރެއިން ކޮންމެވެސް އެއް ކަސްޓަމަރަކަށް ހުރިހާ ހަރަދަކާ އެކު ދެ މީހަކަށް އުމްރާ ދަތުރެއް ދޭން ވަނީ ނިންމާފަ އެވެ.

"ރަމަޟާން މަހަކީ އަޅުކަމުގެ މައްސަރަކަށް ވެފައި މިފަދަ ހަދިޔާއަކީ ދިރާގުގެ ކަސްޓަމަރުންނަށް މި ބަރަކާތްތެރި މައްސަރުގައި އަގުވަޒަންކުރެވޭނެ ފަދަ ހަދިޔާއެއް،" ދިރާގުން ބުންޏެވެ.

ވައިބާ އަކީ ރާއްޖޭގައި އެންމެ މަގުބޫލު މެސެޖިން އެޕް އެވެ. އެހެންކަމުން ދިރާގުން މިވަނީ މި ރޯދަ މަހުގެ ކޮންމެ ހުކުރު ދުވަހަކު ވައިބާ މުޅިން ހިލޭ ބޭނުންކުރެވޭ ގޮތަށް ހަމަޖައްސާފަ އެވެ. ހިލޭ ވައިބާ އެކްޓިވޭޓް ކުރުމަށް ޖެހޭނީ #1*8*123* އަށް ގުޅާލާށެވެ.

ރޯދަމަހާ ދިމާކޮށް އެތައް ދިވެހިންނެއް އުމްރާއަށް ސައުދީ އަރަބިއްޔާއަށް ދަތުރުކުރާތީ ދިރާގުން ކޮންމެ އަހަރަކު ރޯދަ މަހު އެގައުމަށް ވަރަށް ހާއްސަ ހެޔޮ އަގެއްގައި ގުޅޭނެ ޕްރޮމޯޝަނެއް ހިންގަ އެވެ. މި އަހަރު ވެސް އެ ޕްރޮމޯޝަން ދިރާގުން ވަނީ ފަށައިފަ އެވެ.

މި އަހަރުގެ ޕްރޮމޯޝަނުގައި ވެސް ބަޖެޓްކޯޑް (019) ޖަހާފައި ނަންބަރު ޖެހުމުން މިނެޓަކަށް އެންމެ 1.88ރ. އަށް ގުޅޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. އެ ޕްރޮމޯޝަން ކުރިއަށް ދާނީ މިއަދުން ފެށިގެން ޖުލައި 1 ގެ ނިޔަލަށެވެ.

އަގުހުރި އިނާމުތަކެއްގެ އިތުރުން މި އަހަރު ވެސް އަޅުކަން އަދާކުރަން ފަސޭހަކޮށްދޭން ވެސް ދިރާގުން ހިދުމަތްތަކެއް ފޯރުކޮށްދެ އެވެ. އެ ގޮތުން ޕްރިޕެއިޑް ކަސްޓަމަރުންނަށް އެސްއެމްއެސް މެދުވެރިކޮށް ހިލޭ ޒަކާތް ދެއްކޭނެ ގޮތް ވަނީ ހަމަޖައްސައިފަ އެވެ. އެ ހިދުމަތް ހޯދަން ގުޅަން ޖެހެނީ #4*8*123*އަށެވެ.

އޭގެ އިތުރުން ނަމާދު ވަގުތު ހަނދާންކޮށްދޭ ހިލޭ ހިދުމަތް މި އަހަރު ވެސް ދިރާގުން ކުރިއަށް ގެންދެ އެވެ. ކޮންމެ ނަމާދު ވަގުތެއްގެ 15 މިނިޓު ކުރިން އެސްއެމްއެސްއަކުން އެކަން އަންގައިދޭ މި ހިދުމަތް ލިބޭނީ #8*3*123*އަށް ގުޅާ ސަބްސްކްރައިބް ކުރުމުންނެވެ.