އެކުވެރި ތިން އެކްޓަރުންގެ މަރާ ގުޅިގެން ސަލްމާން ހިތާމާގައި
އެކުވެރި ތިން އެކްޓަރުންގެ މަރާ ގުޅިގެން ސަލްމާން ހިތާމާގައި

އަންނަ ފިތުރު އީދުގައި ރިލީޒްކުރަން ހަމަޖެހިފައިވާ، ސަލްމާން ޚާންގެ "ޓިއުބުލައިޓް"ގެ ފުރަތަމަ ޓްރެއިލާ މިދިޔަ ބުރާސްފަތި ދުވަހު ރިލީޒްކޮށްފައިވާއިރު އެތައް ލައްކަ ބަޔަކު މި ޓްރެއިލާ ކަމުގޮސްގެން އަންނަނީ ތައުރީފުކުރަމުންނެވެ.

ނަމަވެސް ޓްރެއިލާ ރިލީޒްކުރި ރަސްމިއްޔާތުގައި ސަލްމާން ފެނުނީ ދެރަވެފައި ހުއްޓަ އެވެ. ބޮލީވުޑް ތަރިންގެ ތެރެއިން އޭނާގެ ވަރަށް ގާތް ތިން އެކްޓަރުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މަރުވުމުން ވަރަށް ދެރަވެފައި ހުރި ކަމަށް އެ އިވެންޓުގައި ސަލްމާން ބުންޏެވެ. އެއީ ވިނޯދް ކަންނާ އާއި އޯމް ޕޫރީ އަދި ރީމާ ލާގޫ އެވެ.

މިދިޔަ ފެބްރުއަރީ މަހު ހާޓް އެޓޭކެއް ޖެހިގެން އޯމް ޕޫރީ މަރުވެފައި ވާއިރު ވިނޯދް ކަންނާ މަރުވީ މިދިޔަ މަހު 28 ވަނަ ދުވަހު ކެންސަރު ބަލީގަ އެވެ. އަދި މިދިޔަ ހަފުތާގައި ރީމާ ލާގޫ މަރުވީ ހާޓް އެޓޭކެއް ޖެހިފަ އެވެ.

މި ތިން އެކްޓަރުންނަކީ ވެސް ސަލްމާން އާ ވަރަށް ގާތް ގުޅުމެއް އޮންނަ ތިން މީހުންނެވެ. މި ތިން އެކްޓަރުންނާ އެކު ވެސް ސަލްމާން ވަނީ ގިނަ ފިލްމުތަކެއްގައި މަސައްކަތް ވެސް ކޮށްފަ އެވެ. އެހެންކަމުން އެމީހުންގެ ވަކިވެ ދިއުމުން ސަލްމާނަށް ފުން ހިތާމަތަކެއް ވަނީ ލިބިފަ އެވެ.

"ޓިއުބުލައިޓް" ޓްރެއިލާ ލޯންޗުކުރުމުގެ އިވެންޓުގައި ސަލްމާން ބުނީ ވިނޯދަކީ އަޖައިބެއް ފަދަ ރަނގަޅު މީހެއް ކަމަށެވެ. އޭނާ އަކީ އެންމެންގެ ވެސް ހީރޯގެ ގޮތުގައި ސަލްމާން ސިފަކުރި އެވެ.

"އަހަރެން ފިލްމެއްގެ ޝޫޓިންއަށް ރަށުން ބޭރުގައި ހުއްޓާ ރީމާ މަރުވި ޚަބަރު ލިބުނީ. އަހަރެން ވަރަށް ދެރަވި. ފާއިތުވީ ތިން ހަތަރު މަސް ދުވަހެއްގެ ތެރޭގައި އަހަރެންގެ ވަރަށް ގާތް ތިން މީހުން އެ މަރުވީ،" ސަލްމާން ބުންޏެވެ.

އޭނާ ބުނި ގޮތުގައި "ޓިއުބުލައިޓް"ގެ އިޝްތިހާރު ބަލަން ވެސް އޭނާގެ ހިތަކަށް ކުޅަދާނައެއް ނޫނެވެ. ސަބަބަކީ އޭގައި އޭނާގެ އެކުވެރި އޯމް ޕޫރީ ދައްކާތީ އެވެ. ކުއްލިއަކަށް އޯމް ޕޫރީ މަރުވުމުން އޭނާގެ މަންޒަރުތައް ބެލުމުން ހިތަށް ވަރަށް ތަދުވާ ކަމަށް ސަލްމާން ބުންޏެވެ.