27 މެއި 2017 - 17:05

ދިގު ދަތުރެއްގައި އުޅެ، ބޯ ހާވައި ލެވި، އަތްފަޔާއި މުޅި ގައި ހިރަފުހުން ތަތްތެޅިފައިވާ ދަތުރުވެރިޔާގެ ދުޢާ އިޖާބަ ކުރައްވާނެ ކަން މާތް ނަބިއްޔާ، ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ހަދީސްފުޅުތަކުން އެނގެ އެވެ. ނަމަވެސް މިފަދަ މީހަކު، އޭނާގެ ކެއުމާއި ބުއިމާއި ހެދުން ލުމާއި އެނޫން ވެސް ކަންކަމުގައި ޙަރާމް ގޮތުގައި ހޯދާ ތަކެތި ބޭނުން ކުރާ ކަމުގައި ވާނަމަ އޭނާގެ ދުޢާ އިޖާބަ ނުކުރެއްވޭނެ ކަން އަބޫ ހުރައިރާގެ ކިބައިން އިމާމް މުސްލިމް ރިވާ ކުރައްވާފައިވާ ހަދީސަކުން އެނގެ އެވެ. މި ނޫނަސް އެހެން ހަދީސްފުޅުތަކާއި ކީރިތި ޤުރުއާނުން އެނގޭ ގޮތުގައި ހަލާލު ރަނގަޅު ތަކެތި މެނުވީ ﷲ ގަބޫލު ނުކުރައްވަ އެވެ. އެހެންކަމުން މިކަމާ މެދު މުސްލިމުން ހޭލުންތެރިވާން ޖެހެ އެވެ.
މަތީގައި އިޝާރާތް ކުރެވުނު ހަދީސް ފައްޓަވާފައި ވަނީ ﷲ އަކީ އެންމެހާ ރަނގަޅު ސިފަފުޅުތަކުން ސިފަ ލިބިވޮޑިގެންވާ ކަލާނގެ ކަމާއި، އެހެންކަމުން ރަނގަޅު އެއްޗެއް ނުވަތަ ރަނގަޅު ކަމެއް މެނުވީ އެކަލާނގެ ގަބޫލު ނުކުރައްވާނެ ކަން ބަޔާން ކުރައްވަމުންނެވެ. އޭގެ ސަބަބެއްގެ ގޮތުގައި ނަބިއްޔާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ބަޔާން ކުރައްވަނީ އަލްމުއުމިނޫން ސޫރަތުގެ 51 ވަނަ އާޔަތާއި އަލްބަޤަރާ ސޫރަތުގެ 172 ވަނަ އާޔަތެވެ.
މީގެ ތެރެއިން ފުރަތަމަ އާޔަތުގައި ރަސޫލުންނާ މުޚާޠަބު ކުރައްވައި ﷲ އަންގަވަނީ ރަނގަޅު (ހަލާލު) ތަކެތި ފަރިއްކުޅުއްވުމަށާއި ޞާލިޙު ހެޔޮ ޢަމަލު ކުރެއްވުމަށެވެ. ދެ ވަނަ އާޔަތުގައި މުއުމިނުންނާ މުޚާޠަބު ކުރައްވައި އަންގަވަނީ އެކަލާނގެ ދެއްވާ (ހަލާލު) ރަނގަޅު ރިޒުގު ކައިއުޅުމަށާއި އެކަލާނގެ އަށް ޝުކުރު ކުރުމަށެވެ.
ރަނގަޅު ތަކެއްޗާއި ކަންކަން ނުވަތަ ޠައްޔިބާތު އަކީ ކިލަނބު ކަމެއް މުޑުދާރު ކަމެއް ނެތް ސާފު ތާހިރު ތަކެއްޗާއި ކަންކަމެވެ. ﷲ ގަބޫލު ކުރައްވަނީ ރަނގަޅު ހަލާލު ތަކެއްޗެވެ. ޢަމަލުތަކާއި ބަސްތަކާއި ގަބޫލު ކުރުންތަކާއި މުދާތަކާއި އަދި އެނޫން އެއްޗެއް ނުވަތަ ކަމެއް ވިއަސް އެއިން ރަނގަޅު ތަކެއްޗެވެ.
މިއާ ޚިލާފަށް ނުބައި ކަންކަން ގަބޫލު ނުކުރައްވާނެ އެވެ. އަލްމާއިދާ ސޫރަތުގެ 100 ވަނަ އާޔަތުގެ މާނައިގެ ތެރޭގައި ވެއެވެ. "ނުބައި ކަންތަކުގެ ގިނަކަން، ތިބާ އަޖައިބު ކޮށްލިއަސް، ނުބައި ކަންތަކާއި ރަނގަޅު ކަންތައް ހަމަހަމަ ވެގެނެއް ނުވެ އެވެ." އެއަށް ފަހު އެ އާޔަތުގައި އަންގަވަނީ ތަޤުވާވެރި ވުމަށެވެ. އެއީ ދިންނަވައި ނަސީބު ލިބުމަށްޓަކައި ކަމަށެވެ.
ބުނާ ބަސްތަކުގެ ތެރެއިން ވެސް ﷲ ގަބޫލު ކުރައްވާނީ ރަނގަޅު ބަހެކެވެ. މިކަން އެނގެނީ ނުބައި ބަހަކާއި ރަނގަޅު ބަހެއް އެއްވަރު ނުވާނެކަން ކީރިތި ޤުރުއާނުގައި މިސާލު ޖައްސަވާފައި ވާތީ އެވެ. އިބްރާހީމް ސޫރަތުގެ 24 ން 26 ށް އޮންނަ އާޔަތްތަކުގައި ރަނގަޅު ބަހެއްގެ މިސާލު ޖައްސަވާފައި ވަނީ މޫތައް ބިމުގައި ހަރުލާފައިވާ، ގޮފިތައް ބިޔަކޮށް ހެދި މައްޗަށް އުފުލިފައިވާ، ހުރިހާ ހިނދެއްގައި އެއިން މޭވާ ލިބޭ ރަނގަޅު ގަހެއް ފަދައިންނެވެ.
ނުބައި ބަހެއްގެ މިސާލު ޖައްސަވާފައި ވަނީ ބިންމަތިން އުފުރިގެންދާ، ސާބިތުކަމެއް ނެތް ނުބައި ގަހެއް ފަދައިންނެވެ. އަދި ފާޠިރު ސޫރަތުގެ 10 ވަނަ އާޔަތުން އެނގޭ ގޮތުގައި ރަނގަޅު ބަސްތައް އުފުލިގެން ދަނީ ﷲގެ ޙަޒްރަތަށެވެ. މީސްތަކުންގެ ތެރެއިން ވެސް ގަބޫލު ވެވިގެން ވަނީ ރަނގަޅު މީހުންނެވެ. އެހެނީ ސުވަރުގެ އަށް ވަންނަނީ ރަނގަޅު މީހުންނެވެ. މަލާއިކަތުން އެބަޔަކަށް ސަލާމް ގޮވައި މަރުހަބާ ކިޔާނެ އެވެ. ނަމަވެސް ނުބައި ހިތެއްގެ ނުވަތަ ނުބައި އަމަލުތަކެއްގެ ނުވަތަ ނުބައި އަގީދާ އެއްގެ ވެރިއަކަށް ސުވަރުގޭގެ ރަހަ ނުލިބޭނެތެވެ.
އިންސާނާ ކުރާ އަމަލުތަކުގެ ތެރެއިން ވެސް ރަނގަޅު އަމަލެއް މެނުވީ ގަބޫލު ނުކުރައްވާނެ އެވެ. މިގޮތުން ރަނގަޅު ހަލާލު ނޫން ގޮތަކަށް ހޯދާފައިވާ މުދަލަކުން ކުރާ ކިތަންމެ ރަނގަޅު ހޭދައެއް ކަމުގައި ވިއަސް އެ ހޭދަ ގަބޫލު ނުކުރައްވާނެ އެވެ. މިސާލަކަށް މީހަކު ޖުވާ ކުޅެގެން ނުވަތަ ރިބާ ކައިގެން ނުވަތަ ފޭރި ގަނެގެން ނުވަތަ ވައްކަން ކޮށްގެން ނުވަތަ އެނޫން ވެސް ހަރާމް ގޮތަކުން ހޯދި ފައިސާ އިން މިސްކިތެއް ނުވަތަ ހޮސްޕިޓަލެއް އެޅުން ފަދަ ދެމިހުންނަ ސަދަގާތެއް ކުރިއަސް ނުވަތަ ﷲ ގެ މަގުގައި ޖިހާދު ކުރުމަށް އެއިން ހޭދަ ކުރި ކަމުގައި ވިއަސް އެމީހަކަށް އެއިން އެއްވެސް މަންފާއެއް ނުކުރާނެ އެވެ.
ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ހަދީސް ކުރައްވާފައި ވަނީ "ހަރާމް ގޮތުގައި މީހަކު މުދަލެއް ހޯދައި އެއިން ސަދަޤާތް ކުރިއަސް އޭނާ އަށް ދަރުމައެއް ނުލިބެ އެވެ. އަދި ކިއެއްތަ، އެކަމުގެ ފާފަ އެ މީހާ އުފުލަން ޖެހެ އެވެ." (އިބްނު ޚުޒައިމާ). ސަބަބަކީ އޭނާ އެ ހޭދަ ކުރީ އޭނަ އަށް ހަލާލު ނޫން، އެހެން ބައެއްގެ މިލްކަކުން ކަމަށް ވާތީ އެވެ.
އިބްނު މަސްޢޫދުގެ ކިބައިން އިމާމް އަޙްމަދު ރިވާ ކުރައްވާފައިވާ ހަދީސެއްގައި ކީރިތި ރަސޫލާ ބަޔާން ކުރައްވަނީ ﷲ މީސްތަކުންގެ މެދުގައި އެމީހުންގެ ރިޒުގު ބައްސަވާ ފަދައިން އެމީހުންގެ އަޚްލާގު ވެސް ބައްސަވަ އެވެ. މިގޮތުން ދުނިޔެ (ދުނިޔަވީ މަންފާތައް) އެކަލާނގެ ލޯބިވެ ވޮޑިގަންނަވާ ފަރާތްތަކަށާއި ލޯބިވެ ވޮޑި ނުގަންނަވާ ފަރާތްތަކަށް ވެސް ދެއްވަ އެވެ. އެކަމަކު ދީން (އީމާންތެރިކަމާއި އަޚްލާޤު) ދެއްވަނީ ހަމައެކަނި އެކަލާނގެ ލޯބިވެ ވޮޑިގަންނަވާ ފަރާތްތަކަށް އެކަންޏެވެ. އަދި މީހެއްގެ ހިތާއި އޭނާގެ ދޫ ސަލާމަތް ވެއްޖައުމަށް ދާންދެން އެއްވެސް އަޅަކަށް ސަލާމަތްކަން ލިބިގެން ނުވެއެވެ.
މިކަންކަން ބަޔާން ކުރެއްވުމަށް ފަހު ހަދީސް ކުރައްވަނީ "އަޅަކު ހަރާމް ގޮތުގައި މުދަލެއް ހޯދައި އެއިން ސަދަގާތް ކޮށް އެ ބަލައިގަނެވި، ނުވަތަ ހޭދަ ކޮށް އެ ކަމަށް ބަރަކާތް ލެއްވުމަށް އެދެވި، ނުވަތަ އޭނާ މަރުވެގެން ދިޔައިރު އެ ދޫކޮށްފައި ދެވުނު ކަމުގައި ވިއަސް އެއީ އޭނާ ނަރަކަ އަށް ދިއުމަށް ތައްޔާރު ކުރެވުނު ކޮއްތެއް ކަމުގައި ނޫނީ ނުވެ އެވެ. ހަމަކަށަވަރުން ﷲ ނުބައި ކަމަކުން ނުބައި ކަމެއް ނުފުއްސަވަ އެވެ. އެކަމަކު ނުބައި ކަމެއް ފުއްސަވަނީ ރަނގަޅު ކަމަކުންނެވެ. ހަމަކަށަވަރުން ނުރަނގަޅު ފާސިދު ކަމަކުން ނުރަނގަޅު ފާސިދު ކަމެއް ނުފުއްސަވަ އެވެ."
ވީމާ މި ފާފަ އިން ސަލާމަތް ވުމަށްޓަކައި ކުރަން ޖެހޭ ކަމަކީ އެކަމަށް ތައުބާވުމާ އެކު މުދަލުގެ ހައްގު ވެރިންނަށް އެ އަނބުރާ ރައްދު ކުރުމެވެ. ރައްދު ކުރެވޭނެ ހަމަ އެއްވެސް ގޮތެއް ނެތް ހާލަތެއްގައި ވެސް އެއިން ކުރާ ސަދަގާތެއް ގަބޫލު ނުވެވޭނެ އެވެ. ނަމަވެސް މުޖުތަމައުގެ އާންމު ކަންކަމަށް ކުރާ ކަމެއްގައި އެ ހޭދަ ކޮށްލައިގެން އެ ނުރަނގަޅު މުދަލުން އަތް ދޫކޮށްލެވިދާނެ އެވެ.
ފާފައިން ސަލާމަތްވުން ބިނާ ވާނީ ތައުބާގެ ފުރިހަމަ ކަމާއި ކުރެވޭ ހެޔޮ ކަންތަކުގެ މައްޗަށެވެ. އެހެނީ ހެޔޮ ކަންތަކުން ފާފަ ފުހެވޭނެ ކަން ކުރިން ބަޔާން ކުރި ހަދީސާއި އަދި އެނޫންވެސް ނައްޞުތަކުން އެނގެން އޮންނާތީ އެވެ.
ވީމާ، ހަލާލު ގޮތުގައި މެނުވީ އަޅުގަނޑުމެން އެކަކު ވެސް އެއްޗެއް ލިބިނުގަތުމަށް އަޒުމް ކަނޑައަޅަން ޖެހެ އެވެ. ވައްކަން ކުރުމާއި ޚިޔާނަތާއި މަކަރާއި އޮޅުވާލުމާއި ރިޝްވަތާއި ފޭރުމާއި ރިބާ ކެއުމާއި ޖުވާ ކުޅުމާއި ޔަތީމުންގެ މުދާ ކެއުން ފަދަ ގޮތްގޮތުން ހޯދާ ތަކެއްޗަކީ ރަނގަޅު ހަލާލު ތަކެތި ނޫންކަން ދަންނަން ޖެހޭނެ އެވެ. ހަމަ މިއާ އެކު މިފަދަ މަގަކުން ހޯދާ ތަކެތިން ކިތަންމެ ހެޔޮ ކަމެއް ކުރިއަސް ﷲ އެ ގަބޫލު ނުކުރައްވާނެ ކަން ވެސް ދަންނަން ޖެހެ އެވެ.
ދިރިއުޅުމުގެ ހޭދަތައް މިފަދަ ތަކެތިން ފުއްދާ ނަމަ ތިމާ ކުރާ ދުޢާތައް ވެސް އިޖާބަ ނުކުރައްވާނެ ކަން ދަންނަން ޖެހެ އެވެ. އެއަށް ފަހު އެފަދަ މަގުތަކުން މުދާ ހޯދުމުން ދުރުހެލިވުމާއި ތައުބާވުމާއި މީސްތަކުންގެ ހައްގުތަކަށް ރައްކާތެރިވުމަށް ސަމާލުވާން ޖެހެ އެވެ.