20 ޖޫން 2016 - 14:42

ރިއާސީ ލޯންޗުކޮޅު "ފިނިފެންމާ" ގޮއްވައިލި މައްސަލައިގައި ހެކި ނައްތައިލިކަން ސާބިތުވެ ޖަލަށް ލާން ހުކުމް ކުރި ސިފައިންގެ ދެ މީހުން ހުކުމް ތަންފީޒު ކުރަން ނުޖެހި ސަލާމަތް ވާނެކަން ހާމަވެއްޖެ އެވެ.

ހުކުމް ކުރުމާ އެކު އެ ދެ މީހުން މިނިވަންވީ، އެ ދެ މީހުން ޖަލަށް ލުމަށް ކޯޓުން ހުކުމް ކުރި މުއްދަތަށް ވުރެ، އެ މީހުން ހައްޔަރުކޮށްފައި ތިބި މުއްދަތު އިތުރުވީމަ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު "ފިނިފެންމާ" ލޯންޗުކޮޅުގައި އެއްޗެއް ގޮއްވައިލި މައްސަލައިގައި ހެކި ނައްތާލިކަން ސާބިތުވެ އިއްޔެ ހުކުމް އިއްވީ ސިފައިންގެ މާލޭ އޭރިއާގެ ކޮމާންޑަރު ކެޕްޓަން އަހުމަދު ފަޔާޒު (ޕާޕާ) އާއި ސިފައިންގެ އިތުރު ދެ މީހެއްގެ މައްޗަށެވެ. ފަޔާޒު ދެ އަހަރަށް ޖަލަށް ލާން ހުކުމް ކުރި އިރު، މޫސާ ޒަމީރާއި އަހުމަދު ތިހާމަށް ކުރީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ.
ލޯންޗުކޮޅު ގޮއްވާލުމަށް ފަހު، ފަޔާޒާއި ޒަމީރު އަދި ތިހާމް ހިމެނޭ ގޮތަށް ފަސް މީހަކު ފުރަތަމަ ތިބީ ސިފައިންގެ މައި މަރުކަޒުގައި ބަންދުކޮށްފަ އެވެ. މަހެއްހާ ދުވަހު ބޭތިއްބުމަށް ފަހު، ސިފައިންގެ ބަންދުން އެ މީހުން ދޫކޮށްލުމާ އެކު ފުލުހުން އެ ތިން މީހުން ހައްޔަރު ކުރި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ފަޔާޒު ހުރިއިރު، ޒަމީރާއި ތިހާމް ފުރަތަމަ ހައްޔަރުކޮށްފައި ތިބީ ފުލުހުންގެ ކަސްޓޯޑިއަލް ދޫނިދޫގަ އެވެ. އެ ތަނުގައި ޖުމްލަ 75 ދުވަހު ބޭތިއްބުމަށް ފަހު އެ ދެ މީހުން ގޭބަންދަށް ބަދަލު ކުރި ކަމަށްވެ އެވެ. އެހެންވެ، ހުކުމް ކުރިއިރު، އެ ދެ މީހުން ބަންދުގައި ތިބޭތާ ގާތްގަނޑަކަށް އަށް މަސްދުވަސް ވަނީ ވެފަ އެވެ.
އާއްމު އުސޫލުގެ ދަށުން ތަހުގީގަށް ނުވަތަ ޝަރީއަތުގެ ބޭނުމަށް ބަންދުގައި ތިބޭ މުއްދަތު ހުކުމުން ކަނޑަ އެވެ. ކޮންމެ ވައްތަރެއްގެ ބަންދަކަށް ވިޔަސް ވެސް ކަންތައް ކުރަނީ މި ގޮތަށެވެ.
ކަރެކްޝަނަލް ސާވިސްގެ ހުކުމް ތަންފީޒު ކުރުމާ ބެހޭ ޑިޕާޓްމަންޓުގެ ވެރިޔާ، ސުޕްރިންޓެންޑެންޓް އިބްރާހިމް މުހައްމަދު މިއަދު "މިހާރު" އަށް ވިދާޅުވި ގޮތުގައި ޒަމީރާއި ތިހާމްގެ ހުކުމާ ގުޅޭ ލިޔުން ކޯޓުން އަދި ނުފޮނުވަ އެވެ. އެ ލިޔުން ލިބުމާ އެކު ފުލުހުންނަށް ލިޔެ، ފުލުހުންގެ ބަންދުން ކަރެކްޝަންސްގެ ބެލުމުގެ ދަށަށް އެ ދެ މީހުން ވެސް ބަދަލު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބަލާނީ އެ ދެ މީހުން ފުލުހުންގެ ބަންދުގައި ތިބީ ހުކުމް ކުރި މައްސަލައާ ގުޅިގެންތޯ އާއި ތުހުމަތު ކުރެވޭ އިތުރު މައްސަލައެއް އުޅޭތޯ. އެކަހަލަ ކަމެއް ނޫޅެންޏާ އާއްމު އުސޫލުގެ ދަށުން އެ ދެ މީހުން ދޫކޮށްލާނެ،" އިބްރާހިމް ވިދާޅުވި އެވެ.
ފުލުހުންގެ ތަރުޖަމާނަކު ވިދާޅުވީ ޒަމީރާއި ތިހާމް ކަރެކްޝަންސްއާ ހަވާލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެކަމަކު، އިތުރު ތަފްސީލެއް އޭނާ ނުދެ އެވެ.
މީގެ ކުރިން ވެސް ބަންދުގައި ތިބޭ މުއްދަތު ހުކުމުން ކަނޑާފައި އެބަހުއްޓެވެ. މާރާމާރީގެ މައްސަލައެއްގައި 2014 ގައި އިއްވި ފަސް އަހަރުގެ ޖަލު ހުކުމަކުން މީހަކު މިނިވަންވި އެވެ. އެއީ ޝަރީއަތް ދިގުލައިގެން ގޮސް، ހުކުމް ކުރިއިރު ފަސް އަހަރުދުވަސް ވަންދެން އޭނާ ބަންދުގައި ބަހައްޓާފައި ވާތީ އެވެ.