27 މެއި 2017 - 09:50

މެންޗެސްޓާ (މެއި 27) – މެންޗެސްޓާ ސިޓީން 43 މިލިއަން ޕައުންޑުގެ އަގަކަށް މޮނާކޯގެ ޕޯޗުގަލް އެޓޭކިން މިޑްފީލްޑަރު ބެނާޑޯ ސިލްވާ ގަނެފި އެވެ.
މޮނާކޯއާ އެކު މި ސީޒަނުގެ ފްރާންސުގެ ލީގުގެ ޗެމްޕިއަންކަން ހޯދައި ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ކުޅުނު އުމުރުން 22 އަހަރުގެ ސިލްވާ ބުނީ އޭނާ މިހާރު މިހުރީ "ދުނިޔޭގެ އެންމެ ވަރުގަދަ އެއް ކްލަބުގައި" ކަމަށެވެ.
ސިލްވާ ބުނީ ސިޓީ އަށް ބަދަލުވާން ނިންމުމުގައި އެ ޓީމުގެ ކޯޗަކަށް ޕެޕް ގާޑިއޯލާ ހުރުން މުހިއްމު ދައުރެއް އަދާކުރި ކަމަށެވެ.
"ގާޑިއޯލާގެ ދަށުން މަސައްކަތްކުރަން ފުރުސަތު ލިބުމުން ނޫނެކޭ ނުބުނާނެ. އޭނާ އަކީ އެންމެ މޮޅު އެހެން ނޫނީ އެންމެ މޮޅު އެއް ކޯޗު،" ސިލްވާ ބުންޏެވެ.
ޕޯޗުގަލްގެ ބެންފީކާގެ އެކަޑަމީން ތަމްރީންވި ސިލްވާ އެ ކްލަބުގެ ޔޫތު ޓީމާއި ސީނިއާ ޓީމަށް ކުޅުމަށް ފަހު މޮނާކޯއާ ގުޅުނީ 2014 ވަނަ އަހަރެވެ. އޭނާ ވަނީ 2015 ވަނަ އަހަރުން ފެށިގެން ޕޯޗުގަލް ގައުމީ ޓީމަށް 12 މެޗު ކުޅެދީފަ އެވެ.
ސިޓީން މި ސީޒަނަށް ވެސް ބޮޑު ހަރަދުތަކެއް ކުރި ނަމަވެސް އެކަށީގެންވާ ކާމިޔާބެއް ނުހޯދުނެވެ. އެކަމަކު އެ ޓީމު ވަނީ ޕްރިމިއާ ލީގުގެ ތިން ވަނަ ހޯދައި ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ފުރުސަތު ހޯދައިފަ އެވެ.