ކޮންރެޑުން އައި ޓީއެމްއޭގެ ސީޕްލޭނެއް ހުޅުލޭ ފަޅުތެރެއަށް އަޑިއަށް ހިނއްޖެ
ކޮންރެޑުން އައި ޓީއެމްއޭގެ ސީޕްލޭނެއް ހުޅުލޭ ފަޅުތެރެއަށް އަޑިއަށް ހިނއްޖެ

ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ ސީޕްލޭނެއް ހުޅުލެއަށް ޖައްސަނިކޮށް މިއަދު ހެނދުނު އަރިއަޅާލައި، ބޯޓުގެ މައިގަނޑު އަޑިއަށް ހިނގައްޖެ އެވެ.

ކޮންރެޑުން އައި ޓީއެމްއޭގެ ސީޕްލޭނެއް ހުޅުލޭ ފަޅުތެރެއަށް އަޑިއަށް ހިނއްޖެ
ކޮންރެޑުން އައި ޓީއެމްއޭގެ ސީޕްލޭނެއް ހުޅުލޭ ފަޅުތެރެއަށް އަޑިއަށް ހިނއްޖެ

އެނގިފައިވާ ގޮތުގައި ހެނދުނު 8:30 ހާއިރު ހުޅުލެ އަށް ޖައްސަން އުޅެނިކޮށް މި ނުރައްކާތެރި ހާދިސާ ދިމާވީ ކޮންރެޑް ރަންގަލި ރިސޯޓުން އައި ބޯޓަކަށެވެ. އޭގައި އޭރު ނުވަ ޕަސިންޖަރުންނާއި ތިން ކްރޫން ތިއްބެވެ. ބައެއް މީހުންނަށް ކުދިކުދި އަނިޔާ ލިބުނަސް، ބޮޑު އަނިޔާއެއް ނެތް ކަމަށް އެނގިފައިވެ އެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ސީޕްލޭންގެ ހިދުމަތް ދެމުން އަންނަ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ ބޯޓުގައި ތިބި އެންމެން ވެސް ސަލާމަތްކުރެވުނު ކަމަށެވެ.

"އެތެރޭގެ ތަހުގީގެއް މިހާރު ވަނީ ފަށައިފަ އެވެ. އަދި ކަމާ ބެހޭ ފަރާތްތަކަށް ހުރިހާ މައުލޫމާތެއް ވެސް ފޯރުކޮށްދޭ ނަމެވެ،" ބަޔާނުގައިވެ އެވެ.

ޓީއެމްއޭގެ ބޯޓެއް ޅ. ކުރެއްދޫ ކައިރިއަށް ޖުލައި 11، 2015 ގައި ވެއްޓި ވަރަށް ނުރައްކާތެރި ހާދިސާއެއް ވެސް ވަނީ ހިނގައިފަ އެވެ. އެ ފަހަރު ބޯޓު ވެއްޓުނީ ނައްޓާލިތާ ކުޑަ އިރުކޮޅެއްގެ ތެރޭގަ އެވެ. ޖުމްލަ 11 ޕަސިންޖަރުންނާއި ތިން ކްރޫން ތިބި ބޯޓު ކަނޑު އަޑިއަށް ދިޔަ ނަމަވެސް އެއްވެސް މީހަކަށް މާ ބޮޑު ގެއްލުމެއް ނުލިބި ސަލާމަތްވި އެވެ.

މިއަދު ޓީއެމްއޭގެ ބޯޓު ޖެއްސުމުގެ ތެރޭގައި ފުރޮޅާލުމާ އެކު ސީޕްލޭންގެ އޮޕަރޭޝަންތައް މެދުކަނޑާލި އެވެ. އެކަމަކު ގަޑިއެއްހާ އިރުގެ ތެރޭގައި އަލުން ފެށި އެވެ.

ބޯޓުގެ މައިގަނޑު ވަނީ މޫދު އަޑީގަ އެވެ. އޭގެ ކަނދު ހުޅުމާލޭ ގޮނޑު ދޮށަށް އޮޔާ ގޮސް ލެއްގި އެވެ. އެއާޕޯޓްގެ ސަލާމަތީ މުވައްޒަފުންނާއި ކޯސްޓް ގާޑުގެ ސިފައިން ވާ ޖަހައިގެން އެ ބައި ހުޅުލެއާ ދިމާއަށް ގެންދެވޭތޯ މަސައްކަތް ކުރި ނަމަވެސް އޮއި ގަދަކަމުން އެކަން ކާމިޔާބެއް ނުވި އެވެ. އެހެންކަމުން ކަނދު ދޫކޮށްލާފައި އެއާޕޯޓްގެ ލޯންޗުތަކާއި ކޯސްޓް ގާޑު ލޯންޗު އެނބުރި ދިޔައީ އެވެ.

ބޯޓުގެ އެއް ކަނދު އޮތީ މެދުން ވަރަށް ބޮޑަށް ބިނދިފަ އެވެ.