ކުރުވާހަކަ: ކަމަނަ
ކުރުވާހަކަ: ކަމަނަ

- ހަގީގީ ހާދިސާއެއް -

ހުސޭނުގެ އަލަތު ކައިވެންޏަށް ފަސް ބެއިން ލިބުނެވެ. އެކަމަކު އެއްކުއްޖަކު ވެސް ގެންގުޅެން ނުލިބި ވަކިވެގެން ދިޔައީ އެވެ. އެ ހިތާމަ ހިތުން ނުފިލައިގެން އުޅެނިކޮށް އަންހެނުން ވަރިއަށް އެދުނެވެ. ހުސޭނަށް ހީވީ ހަތަރު އުދަރެސް ފެނު ޖެހުނު ހެންނެވެ. ކަރުނަތައް ދިރުވާލައިފައި ހުސޭނު، ވަހީދާ ވަރިކޮށްދިނެވެ. ގަމަރާ ދިމާވީ އޭގެ ދެތިން ހަތަރު މަސް ފަހުންނެވެ. ގަމަރަކީ ހުވަފަތް ވެފައި އިން އަންހެނެކެވެ. ކުޑަ ދެ ފިރިހެން ކުދީންގެ މައެކެވެ.

ބޮޑު ގެއެއްގައި އެކަނިމާއެކަނި އުޅެ އުމުރުގެ ދުވަސްތައް ބާކީ ނުކުރަން އެކުވެރިން ދިން ނަސޭހަތުގައި ހިފައި ހުސޭނު ގަމަރާ ކައިވެނި ކުރިއެވެ. ހީކުރި ވަރަށް ވުރެ ވެސް ގަމަރު ހެވެވެ. ހުސޭނަށް ކަމޭ ހިތައެވެ. އެ ކައިވެންޏަށް ގިނަ ދުވަސްތަކެއް ނުވެ ގަމަރު ބަލިވެ އިނދެއްޖެ އެވެ. ނުވަ މަހާއި ނުވަސްދުވަސް ފަހުން ގަމަރު ވިހެއީ ލޯބިލޯބި އަންހެން ކުއްޖެކެވެ. ތުއްތު މަރިޔަން ދެކެ ވާ ލޯބިން އެ މީހުން އެ ކުއްޖާ އަށް މުޚާތަބު ކުރަން ފެށީ ކަމަނަގެ ނަމުންނެވެ.

ކަމަނައަކީ އެ ދެމަފިރީންގެ ލޮލުގެ ކޮއެ ފަދައެވެ. ކަމަނަ ދެކެ އެ ދެ މީހުން ވަނީ އަމަށަކު ލޯތްބެއް ނޫނެވެ. ކަމަނަގެ އުފަލަކީ އެމީހުންގެ އުފަލެވެ. ކަމަނަ ދެރަވެއްޖެ ނަމަ ފުރަތަމަ ކަރުނަ ހިލެނީ އެދެމަފިރީންގެ ލޮލުންނެވެ. ކަމަނަ ބޮޑުވެގެން އައިއިރު މަދުވާ އެކައްޗެއްވެސް ނުވެއެވެ. ޒުވާންވެ ތަސައްރަފު ފުދުމުން ކަމަނަ ކައިވެނި ކުރީ އެންމެ ލޯބިވި މީހާއާ އެވެ. މަންމައާއި ބައްޕަ ތިބީ ލޮލުން ބޮލުން ރުހިފައެވެ.

ހަމްދާނު އަކީ އަންހެންކުދިންގެ ހިތްތަކުގެ ރަސްގެފާނެވެ. ހަމްދާނުގެ ފުރިހަމަ ކަމަށް ހިތް ނުކިޔާ އަންހެންކުއްޖަކު އޭނާ ފަސްދީ ނުދެއެވެ. ކަމަނަ އާއި ހަމްދާނުގެ ޖޯޑަކީ އެންމެ ގުޅޭ ޖޯޑެވެ. އެކަކު އަނެކަކަށްޓަކައި ދުނިޔެއަށް އައިސްފައި ތިބި ދެމީހުން ކަހަލައެވެ.

ކައިވެނީގެ ފުރަތަމަ ހަމަސް ނިމިގެން ދިޔައީ މާމުއި ހަނދުގެ ދުވަސްތައް ފަދައިންނެވެ. ކަމަނަގެ ތުންފަތުން ހިނިތުންވުން ފިލާ ވަގުތެއް ނާދެއެވެ. މަސައްކަތުގައި ނޫޅޭ ވަގުތެއްވިއްޔާ ހަމްދާން އަބަދުހެން ހުންނާނީ ކަމަނަގެ ފަހަތުގައި ޖައްސައިފައެވެ. ހަތްވަނަ މަހަށް އެޅުނުތަނާ ކަމަނަ ބަލިވެއިންކަން އެނގުނެވެ. ހަމްދާން ބަދަލުވާން ފެށީ ދެނެވެ. އޮފީހުގައި ހޭދަކުރާ ވަގުތު ގިނަ ވާން ފެށިއެވެ. ރޭގަނޑު ބޭރުގައި އުޅުން އާންމުކަމަކަށް ވިއެވެ. އޮފީހަށް ގުޅާލާއިރު އަބަދުވެސް ބިޒީއެވެ. ކަމަނަ ޝަކުވާއެއް ނުކުރެއެވެ. ހަމްދާންއަށް ކުރާ އިތުބާރާއި ވާ ލޯތްބަކަށް ކުޑަވެސް ބަދަލެއް ނާދެއެވެ. ކަމަނައަށް ހަމްދާނު އުޅޭ ގޮތް ވިސްނެއެވެ. ލިބެން އުޅޭ ދަރިފުޅާއެކު ޒިންމާތައް އިތުރުވެގެން ދާނެއެވެ. ކުރަންޖެހޭ ޚަރަދުތައް ދެގުނައަށް ބަދަލުވާނެއެވެ.

ރައްޓެއްސަކު ގެއަށް ގުޅާފައި ހަމްދާނު އެހެން އަންހެނަކު ގޮވައިގެން އުޅޭ ވާހަކަ ބުނީ ކަމަނަ ބަނޑު ދައްކާފައި އައި ދުވަހެއްގައެވެ. ހަމްދާނު އޭރުވެސް ވީ އޮފީސް ދަތުރެއްގައި ރަށުން ބޭރުގައެވެ. ކަމަނަ އެވާހަކަ ޤަބޫލެއް ނުކުރެއެވެ. ހަމްދާނު އެފަދަ ވިޔާނުދާ ކަމެއް ނުކުރާނެއެވެ. އެއަށްވުރެ ބޮޑަށް ހަމްދާނު އޭނާދެކެ ލޯބިވެއެވެ.

ހަމްދާނު އުޅޭ ގޮތުގެ ވާހަކަ އެކި މީހުން ގުޅައިގެންނާއި ބައްދަލުކޮށްގެން ކަމަނައަށް ކިޔައިދެމުން ދިޔައެވެ. ޤަބޫލު ކުރަން ދެކޮޅު ހެދުމުން އެންމެފަހުން މަންޒަރުވެސް ލޮލަށް ދެއްކިއެވެ. ކަމަނައަށް ރޮވުނެވެ. ހަމްދާނުގެ ފަރާތުން އެފަދަ ކަމަކަށް ކަމަނަ އުންމީދެއް ނުކުރެއެވެ. ރޮއި ރޮއިފައި ކަމަނަ އާދޭސް ކުރިއެވެ. އެއުޅުން ހުއްޓައިލުމަށް އެދުނެވެ. ހަމްދާނު އައީ ރުޅިއެވެ. އެވާހަކަ ދެއްކި ރޭ ގެއިން ނިކުމެގެން ދިޔަ މީހާ ހަފްތާއެއް ވަންދެން ގެއިން ނުކައި އުޅުނެވެ. ކަމަނައަށް ރަނގަޅަށް އަނގައިން ބުނަން އިނގޭ ކަމަކަށް ނުވެއެވެ. އަބަދުމެ ހުންނަނީ ރުންކުރުވެ ރުޅި އައިސްފައެވެ. ކަމަނަ ރޮއި ހިތާމަ ކުރިއެވެ. ކެތްކުރެވޭނެ އެންމެ މައްޗަކަށް ކެތްކޮށްލައިގެން އާއިލާ މީހުންނަށް އެކަން ސިއްރު ކުރިއެވެ. އުންމީދަކީ ދަރިފުޅު އައުމުން ހަމްދާނުއަށް ވިސްނޭނެ ކަމުގައެވެ. ބަދަލުވެދާނެ ކަމުގައެވެ. އެކަމަކު އެއީ ހަމައެކަނި ކުށްހީއެކެވެ.

ފުރަތަމަ ދަރިފުޅަށް އަހަރެއް ނުފުރިގެން އުޅެނިކޮށް ދެވަނަ ދަރިއަކަށް ބަލިވެ އިނެވެ. ކަމަނަ އެޚަބަރު ދިން ދުވަހު އަނެއްކާވެސް އާދޭސް ކުރިއެވެ. ވެދިޔަ ތަން ހަނދާން ނައްތާލައި ކުށަށް މަޢާފް ކޮށްދޭނެ ކަމުގައި ބުނީ އަމިއްލަ އަށެވެ. ބަދަލުގައި އޭނާ އެދުނީ ހަމްދާނުގެ ލޯބި އަނބުރާ ދިނުމެވެ. ކުދިންގެ ބައްޕަ އެކުދިންނަށް އަނބުރާ ރައްދު ކޮށްދިނުމަށެވެ. އެކަމަކު އެވާހަކައަކުން ވެސް ހަމްދާނުގެ ހިތަކަށް އަސަރެއް ނުކުރިއެވެ. ކައިވެނީގެ ކުރިންވެސް އަދި ފަހުން ވެސް ހަމްދާނުއަށް އަންހެނުން ވެއެވެ. އޭނާފަދަ ފުރިހަމަ މީހަކު އެންމެ އަންހެނެއްގެ މީހެއްގެ ގޮތުގައި އުމުރު ހުސްކޮށްލައިގެން ހުރުމަކީ ހަމްދާނު ޤަބޫލުކުރާ އުސޫލެއް ނޫނެވެ. ހަމްދާނު ދެކުނު ގޮތުގައި އޭނާގެ އަންބަކަށް ވީ ކަމަށްޓަކައި ކަމަނަ ޖެހޭނީ ޝުކުރު ކުރާށެވެ. އެހެން އެއްވެސް އަންހެނަކަށް ނުލިބުނު ޝަރަފެއް ލިބުމުން ޖެހޭނީ އެކަމާއި އުފާކުރާށެވެ.

ތުއްތު ކުއްޖަކު ބަލަމުން އަދި ބަނޑުގައި އޮތް އިތުރު ދަރިއަކާއެކު ކަމަނަ އުޅެމުން ދިޔައީ ހިތްދަތި ދިރިއުޅުމެކެވެ. މުސްކުޅިވީ ދުވަހު މައިންބަފައިން ހިތުގައި ޖައްސާކަށް އޭނާއަކަށް ނުކެރުނެވެ. ހަމްދާނު ކަންކުރަމުން ދިޔަ ގޮތުގެ ވާހަކަ ސިއްރު ކޮށްލައިގެން ކަމަނަ ހުންނަނީއެވެ. ލޯބިވެރިންނަށް ޚަރަދު ކުރަން ހަދައިގެން އާއިލާއަށް ދޭނެ އެއްޗެއް ވެސް ހަމްދާނު އަތަކު އޮންނަ ކަމަކަށް ނުވެއެވެ. ދުވަސް ފުރެމުން އައިއިރު ކަމަނަ އުޅުނީ އަބަދު ވެސް ބަލިވެއެވެ. ފިޓް ޖެހިގެން ހޮސްޕިޓަލަށް ނުގެންދާ ހަފްތާއެއް ނާދެއެވެ. ހަކުރު މައްޗެވެ. ކެވެނީ އެހާ މަދުންނެވެ. ގައިގައި ހަކަތައެއް ނުހުރެއެވެ. ހޮސްޕިޓަލުގައި އޮތްއިރުވެސް ކަމަނަ ބެލީ އާއިލާއިންނެވެ. ހަމްދާނުގެ އަޅައިލުން އެހާ ކުޑައިރު އެއާއިލާ މީހަކުވެސް ޚަބަރު ބަލައެއް ނުލައެވެ. ތުއްތު ދަރިފުޅު ބަލަނީ ކަމަނަގެ ދެފަހަރީން ވެގެންނެވެ.

ކަމަނަގެ ދެވަނަ ދަރިފުޅު އާޝިޔާ ދުނިޔެއަށް އައީ ނުކުޅެދޭ ކުއްޖެއްގެ ގޮތުގައެވެ. އެކަން އެނގުނީ އަށެއްކަ މަސް ވެގެން އައިއިރުވެސް އެއުމުރުގެ އެހެން ކުދިން ފަދައިން އިށީންދެ ވާހަކަދައްކައި ނޫޅޭތީއެވެ. ރޯން ފަށާއިރަށް ކުއްޖާ ހިނދިގެން ގޮސް ފިޓް ޖެހެއެވެ. އަބަދު ގެންގުޅެން ޖެހެނީ އުރައިގެން ނޫނީ ކޮންމެވެސް ތަނެއްގައި ބާއްވައިގެންނެވެ. އާޝިޔާގެ ނުކުޅެދުންތެރިކަމުގެ ސަބަބުން ކަމަނަ އެކުއްޖާއަށްދޭ ސަމާލުކަން ބޮޑެވެ. ވާ ލޯބި އިތުރެވެ. އަބަދު ގެންގުޅެނީ އަތުތެރޭގައެވެ. ވިހެއުމަށްފަހު ކަމަނަގެ ހާލުވެސް ކުރިއަށްވުރެ ރަނގަޅެވެ. ތުއްތު ދެކުދީންނަކީ ކަމަނަގެ ދިރިހުރުމެވެ. އުފަލެވެ. އެކަމަކު ކަމަނަ އަދިވެސް އުންމީދު ގެއްލުވައެއް ނުލައެވެ. ކޮންމެވެސް ދުވަހަކު ހަމްދާނުއަށް ވިސްނިގެން އައިސް މަޢާފަށް އެދިފައި ކުރީގެ އުޅުމަށް އިއާދަ ވާނެ ކަމުގައި ހިތާއި ހިތުން އެދެވެއެވެ.

ބޭރަށް ނިކުމެ އުޅުނު ދުވަހެއްގައި އާޝިޔާ ރޯންފެށިއެވެ. ކުއްޖާ ހިނދިގެންގޮސް ފިޓް ޖެހޭގޮތްވިއެވެ. އެކުއްޖާ ހިމޭންވީ ކަމަނަގެ އަތުތެރޭގައި އޮވެއެވެ. ކަމަނަ ވަގުތުން ހޮސްޕިޓަލަށް ދިޔައެވެ. އެކަމަކު ކުއްޖާ ސަލާމަތެއް ނުވިއެވެ. ހޮސްޕިޓަލަށް ދެވުނުއިރު ވެސް ތުއްތު އާޝިޔާގެ ފުރާނަ ވަނީ މިދުނިޔެއަށް އަލްވަދާޢު ކިޔައިފައެވެ. އެއީ ކަމަނަ އަމިއްލަ ދެފައިމައްޗަށް ތެދުވެ ހުއްޓާ ފެނުނު ފަހު ދުވަހެވެ.

އެ ޚަބަރު ލިބުމާއެކު ކަމަނަ ހޭނެތިގެން ވެއްޓުނީއެވެ. ހޭއެރި ނަމަވެސް ހާލު ދިޔައީ ދަށަށެވެ. ހިތާމައިން ކަމަނަގެ ހިތް ވަނީ ކުދިކުދިވެފައެވެ. ދިރިހުރުމުގެ އުންމީދު ވަނީ ނިގުޅައިގަނެވިފައެވެ. ކާއެއްޗެއް އަރުން އެތެރެއެއް ނުވެއެވެ. ފެނެއް ނުބޮވެއެވެ. ލޮލުން ކަރުނަ ހިކޭ އެންމެ ހިނދުކޮޅެއް ނާދެއެވެ. ހޮސްޕިޓަލުގައި ގިނަ ދުވަސްތަކެއް ވަންދެން ކަމަނައަށް ފަރުވާ ކުރިއެވެ. ރާއްޖެއިން ބޭރަށް ވެސް ގެންދިޔައެވެ. އެކަމަކު ހާލަތަކަށް ބަދަލެއް ނާދެއެވެ. އެގޮތުގައި ދުވަސްތަކެއް ވަންދެން އޮތުމަށްފަހު ހޮސްޕިޓަލުން ނެރުނީ ކަމަނަގެ ފުރާނަ ނެތް މަސްގަނޑެވެ. ހައަހަރުގެ އަލްހާން މަންމަގެ ލޯބިން މަހުރޫމުވިއެވެ. ހަމްދާނުގެ އުޅުން ހުރީ ކުރިއެކޭ އެއްގޮތަށެވެ. ތިމާ ދިން ހިތާމަތަކަށް ކެތްނުވެގެން އަންބަކު ދުނިޔެ ދޫކޮށްފައި ދިޔަކަން ހިތަކަށް ނާރައެވެ. ހިތާމައަކީ ކޯއްޗެއްކަންވެސް ނޭނގި ޒުވާން އުމުރާ ބައްދަލު ކުރި ކަމަނަގެ ދިރިއުޅުން ކަރުނައިގެ ފުން ކަނޑަކަށް ބަދަލުކޮށްލީ އެ ދެ އަތުންނެވެ. -- ނިމުނީ --