26 މެއި 2017 - 20:02

މާދަމާ ފަށާ މި އަހަރުގެ ރޯދަމަހުގެ ދުވަސްތަކާއި ރޭތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ރައީސް އަބްދުﷲ ޔާމީން މިއަދު އިލްތިމާސް ކުރައްވައިފި އެވެ.
ރޯދަމަސް ފެށުމުގެ މުނާސަބަތުގައި، ދިވެހި ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ހިތާބުގައި ރައީސް ޔާމީން ފާހަގަކުރެއްވި ގޮތުގައި، ރޯދަމަހަކީ އިސްލާމީ އުއްމަތަށް މާތް ﷲ މިންވަރު ކުރައްވާފައިވާ ވަރަށް މަތިވެރި މައްސަރެކެވެ. ރަހުމަތާއި ނިއުމަތުގެ މައްސަރެކެވެ. އަޅުކަމާއި ތަގުވާގެ އަގުހުރި ފުރުސަތެކެވެ. ތައުބާ ވުމާއި ހެޔޮކަންތައް ކުރުމުގެ ރޫހާނީ މޫސުމެކެވެ.
"ހަމައެއާއެކު، މި މައްސަރަކީ ކީރިތި ޤުރްއާން ބާވައިލެއްވި މައްސަރު ކަމަށް ވީހިނދު، މި މައްސަރުގެ މާތްކަމާއި އިތުރުކަން އެތައް ގުނަޔަކަށް ބޮޑުވެގެންވެ އެވެ. އެހެންކަމުން، ރޯދައިގެ މަތިވެރި އަޅުކަން ފުރިހަމަގޮތުގައި އަދާކޮށް، ފަރުޟު ފަސްނަމާދަށް ރައްކާތެރިވެވަޑައިގެން، ކީރިތި ޤުރްއާނަށް ޚާއްޞަ އަހަންމިއްޔަތު ކަމެއް ދެއްވައިގެން، މި މައްސަރުގެ ދުވަސްތަކާއި ރޭތަކުގެ ބޭނުން ހެޔޮގޮތުގައި ހިއްޕެވުމަށް ރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ،" ރައީސްގެ ހިތާބުގައި ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ ރޯދަމަހުގެ ތަހުނިއްޔާ ދިވެހި ރައްޔިތުންގެ އިތުރުން އިސްލާމީ ގައުމުތަކުގެ ވެރިންނަށާއި އެ ގައުމުތަކުގެ ރައްޔިތުންނަށް އަދި ބައިނަލްއަގްވާމީ ޖަމާއަތްތަކުގެ ވެރިންނަށް ވެސް ދަންނަވާ ކަމަށެވެ.