އަރަބި މީޑިއަމުން އެއް ވަނަ ދަރިވަރުންނަށް ވެސް ރައީސްގެ ސްކޮލަޝިޕް
އަރަބި މީޑިއަމުން އެއް ވަނަ ދަރިވަރުންނަށް ވެސް ރައީސްގެ ސްކޮލަޝިޕް

އަރަބި މީޑިއަމުން އޭ ލެވެލް ނުވަތަ ޝަހާދާ ސާނަވީ ހަދާ ދަރިވަރުންގެ ތެރެއިން އެއް ވަނަ އަށް އަންނަ ހުރިހާ ދަރިވަރުންނަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަޝިޕް ދޭ ގޮތަށް، ސަރުކާރުން ހަމަޖައްސައިފި އެވެ.

މީގެ ކުރިން ޝަހާދާ ސާނަވީ އަށް ރައީސުލްޖުމްހޫރިއްޔާ ދެއްވަނީ އެންމެ ސްކޮލަޝިޕެކެވެ. އެކަމަކު ޑިޕާޓްމަންޓް އޮފް ހަޔާ އެޑިޔުކޭޝަނުން މި މަހު 22 ގައި ގެޒެޓްކުރި އުސޫލުގައިވާ ގޮތުން ޝަހާދާ ސާނަވީ އިމްތިހާނުން އެއް ވަނަ ހޯދާ ހުރިހާ ދަރިވަރުންނަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަޝިޕް ލިބޭނެ އެވެ.

އޭ ލެވެލް އިން އެއްވަނަ ދެނީ ތިން މާއްދާ އިންނާއި އެޗުއެސްސީގެ ދިވެހި އަދި އިސްލާމުން އޭ ސްޓާ ހޯދާ ކުދިންނަށެވެ. އެކަމަކު ޝަހާދާ ސާނަވީގައި އޭ ސްޓާ ނޯންނާތީ ހަޔާ އެޑިޔުކޭޝަނުން ވަނީ އެ އިމްތިހާނުން އެއް ވަނަ ހޯދާ ދަރިވަރުން ކަނޑައަޅާނެ އުސޫލެއް ހަމަޖައްސައިފަ އެވެ. އެގޮތުން ހުރިހާ މާއްދާއަކުން "އިމްތިޔާޒު" (އެކްސެލެންޓް) ހޯދުން ހިމެނެ އެވެ. އެހެން ނޫނީ އެއް ވަނަ ދަރިވަރުން ކަނޑައަޅާނީ ހުރިހާ މާއްދާއަކުން ފާސްވުމާ އެކު ގްރޭޑް ޕޮއިންޓްގެ 85 ޕަސެންޓަށް ވުރެ މަތިން ފާސްވާ ދަރިވަރުންގެ ތެރެއިން އެންމެ މަތީ ގްރޭޑް ޕޮއިންޓް އެވްރެޖަށް ބަލައިގެންނެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މިއީ އަރަބި މީޑިއަމަށް ކިޔަވާ ދަރިވަރުންނަށް ވަރަށް ބޮޑު ފުރުސަތެކެވެ.

"ކުރިން ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަޝިޕް ދެމުން މި އަންނަނީ އެންމެ ކުއްޖަކަށް. އެކަމަކު މިހާރު އެންމެ މަތިން ފާސްވާ ހުރިހާ ދަރިވަރުން އެބަ ހިމެނޭ އޭގެ ތެރޭގައި،" އޮފިޝަލް ވިދާޅުވި އެވެ.

ރާއްޖޭގައި މި ވަގުތު ޝަހާދާ ސާނަވީ ހަދަނީ އަރަބިއްޔާ ސްކޫލްގައި އެކަންޏެވެ. އެކަމަކު ބައެއް އެހެން ރަށްރަށުގައި އަރަބި މީޑިއަމަށް ކިޔަވައިދޭ ސްކޫލްތައް ހިންގާތީ، އެ ތަންތަނުގައި ޝަހާދާ ސާނަވީ ހަދަން ފަށާއިރު މި ފުރުސަތު އެ ދަރިވަރުންނަށް ވެސް ހުޅުވޭނެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަޝިޕްގައި ދުނިޔޭގެ ކޮންމެ ގައުމަކުން ވެސް ކިޔެވުމުގެ ފުރުސަތު ލިބެ އެވެ.

އޭ ލެވެލްގެ އެއް ވަނަ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލަޝިޕްގެ އިތުރުން "ހައި އެޗީވާސް ސްކޮލަޝިޕް"ގެ ނަމުގައި، މަތީ ތައުލީމުގެ އާ ފުރުސަތެއް ތައާރަފުކުރަން އަމަލްކުރާނެ އުސޫލު މޭ 22 ގައި ވަނީ ގެޒެޓްކޮށްފަ އެވެ. މިއީ އޭ ލެވެލްގެ ދެ ވަނަ އަށް ދާ ކުދިންނަށް ޚާއްސަ ސްކޮލަޝިޕްތަކެކެވެ. އެކަމަކު މި ސްކޮލަޝިޕްތަކުގައި ކިޔެވުމުގެ ފުރުސަތު ދެނީ މައިގަނޑު ގޮތެއްގައި ސާކްގެ ގައުމުތަކުންނެވެ.

މިދިއަ އަހަރު އޭ ލެވެލްގެ އެއް ވަނަ ހޯދައިގެން ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަޝިޕް 38 ކުއްޖަކަށް ލިބޭނެ އެވެ. ހައި އެޗީވާސް ސްކޮލަޝިޕް ވެސް ގާތްގަނޑަކަށް އެވަރުގެ އަދަދަކަށް ލިބޭނެ ކަމަށް ބެލެވެ އެވެ.

ސަރުކާރުގެ މި ސްކޮލަޝިޕްތަކުގައި ކިޔަވާ ކުދިން ސަރުކާރަށް ވަކި މުއްދަތަކަށް ޚިދުމަތްކުރަން ޖެހެ އެވެ. އެގޮތުން ދެ އަހަރާއި ހަތަރު އަހަރުގެ ކޯހެއް ފުރިހަމަކޮށްފި ނަމަ ފަސް އަހަރު އަދި ހަތަރު އަހަރަށް ވުރެ ދިގު މުއްދަތުގެ ކޯސްތަކަށް ހަތް އަހަރުގެ ބޮންޑެއްގައި ސަރުކާރުގައި އުޅެން ޖެހޭނެ އެވެ.