26 މެއި 2017 - 18:55

ރިޔާޒް (މެއި 26 - ސައުދީ އަރަބިއާގެ ރައްޔިތެއް ކަމަށްވާ ސާލިމް އަލް އަންޒީ އަށް ލިބުނު ދަރިފުޅަށް އޭނާ ދިން ނަމަކީ އިވަންކާ އެވެ.
ސާލިމް ބުނީ އެމެރިކާ އަށް ގޮސް ރައީސް ޑޮނަލްޑް ޓްރަމްޕުގެ ދަރިކަނބަލުން އިވަންކާއާ ދަރިފުޅު ބައްދަލު ކުރަން ބޭނުންވާ ކަމަށެވެ. އަދި އޭނާގެ ދަރިފުޅު ޓްރަމްޕުގެ ދަރިކަނބަލުން އިވަންކާއާ ވައްތަރު ކަމަށް ވެސް ސާލިމް ބުންޏެވެ. އޭނާ ބުނީ ރައީސް ޓްރަމްޕް ސައުދީ އަށް ކުރެއްވި ދަތުރުފުޅުގައި ވެސް އިވާންކާއާ، ދަރިފުޅު ބައްދަލު ކުރުވަން ބޭނުންވި ކަމަށެވެ. ނަމަވެސް އިވަންކާގެ ޝެޑިއުލް ތާށިވުމުން ފުރުސަތު ނުލިބުނީ ކަމަށް އޭނާ ބުންޏެވެ.
ސާލިމް ބުނީ އަލަތު ދަރިފުޅަށް އިވަންކާގެ ނަން ދިނީ ވެސް އޭނާ ޓްރަމްޕުގެ ދަރިކަނބަލުންނާ ގަޔާވާލެއް ބޮޑު ކަމުން ކަމަށެވެ.
"ދަރިފުޅުގެ ނަން މިހާރު ލާމާ އަށް ބަދަލު ކުރި ނަމަވެސް އަހަރެން އެ ދަރިފުޅަށް ގޮވަނީ އިވަންކާގެ ނަމުން. ނަން ބަދަލު ކުރަން ޖެހުނީ ސައުދީގެ ގާނޫނުތަކަށް ތަބާވުމުގެ ގޮތުން،" ސާލިމް ބުންޏެވެ.
ނޯދަން ޕްރޮވިންސްގެ މެޓާނިޓީ އެންޑް ޗައިލްޑް ހޮސްޕިޓަލުން ސާލިމަށް ދިން ސެޓްފިކެޓުގައި ދަރިފުޅުގެ ނަމަކަށް އޮތީ އިވަންކާ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ސައުދީ ކުއްޖާ އަށް އިވަންކާގެ ނަން ދިނުމުން އިވަންކާ ޓްރަމްޕް ހުންނެވީ އުފާވެފަ އެވެ. އަދި ހާލަތު ތަންދީފި ނަމަ އެ ކުއްޖާއާ ބައްދަލު ކުރަން އިވަންކާ ޓްރަމްޕް ވެސް ހުންނެވީ ތައްޔާރަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ.