ޗައިނާގެ ބޯޑަރު ކައިރީ އިންޑިއާގެ އެންމެ ދިގު ބްރިޖް ހުޅުވައިފި
ޗައިނާގެ ބޯޑަރު ކައިރީ އިންޑިއާގެ އެންމެ ދިގު ބްރިޖް ހުޅުވައިފި

އާސާމް (މެއި 26) - އިންޑިއާގެ އިރު އުތުރުގެ އާސާމް ސްޓޭޓާއި އަރުނާޗަލް ޕްރަދޭޝް ގުޅުވާލުމަށް ހެދި 9.15 ކިލޯ މީޓަރު (5.68 މޭލު) ގެ ދިގު ބްރިޖް މިއަދު ހުޅުވައިފި އެވެ.

ޗައިނާގެ ބޯޑަރު ކައިރީ އިންޑިއާގެ އެންމެ ދިގު ބްރިޖް ހުޅުވައިފި
ޗައިނާގެ ބޯޑަރު ކައިރީ އިންޑިއާގެ އެންމެ ދިގު ބްރިޖް ހުޅުވައިފި

ޗައިނާގެ ބޯޑަރާ ކައިރީގައި ހެދި މި ބްރިޖް މިއަދު ހުޅުވިއިރު ޗައިނާ އިން ދަނީ އަރޫނާޗަލް ޕްރަދޭޝް އަކީ އެ ގައުމުގެ ބައެއް ކަމަށް ބުނަމުންނެވެ. އަދި ޗައިނާ އިން ދެކެނީ އެ ސްޓޭޓަކީ "ދެކުނު ޓިބެޓް" ކަމަށެވެ.

އަރޫނާޗަލް ޕްރަދޭޝް އަށް ނިސްބަތްވާ އިންޑިއާގެ ޖޫނިއާ ހޯމް މިނިސްޓަރު ކިރެން ރިޖިޖޫ ވިދާޅުވީ ޗައިނާ އިން ބާރުގަދަކަން ދައްކަމުންދާ އިރު އިންޑިއާ އިން ވެސް އިންފްރާސްޓްރަކްޗާ ވަރުގަދަ ކުރަން ޖެހޭ ކަމަށެވެ. އަދި އަރޫނާޗަލް ޕްރަދޭޝް އަކީ އިންޑިއާގެ ތަނެއް ކަމަށާއި އެކަން އެއްވެސް ބަޔަކަށް ބަދަލު ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިންޑިއާގެ ހޯމް މިނިސްޓަރު ރަޖްނާތު ސިންގު ވެސް ވިދާޅުވެފައި ވަނީ ޗައިނާގެ ބޯޑަރު ކައިރީ އޮންނަ ތަނަކަށް ވާތީ އަރޫނާޗަލް ޕްރަދޭޝްގައި އިންފްރާސްޓްރަކްޗާ ވަރުގަދަ ކުރާނެ ކަމަށެވެ.

ދޯލާ ސާދިޔާގެ ނަން ދީފައިވާ ބްރިޖުގެ މަސައްކަތް ފެށީ 2011 ވަނަ އަހަރު އެވެ. ބްރިޖް ހެދި ނަވަޔުގާ އިންޖިނޭރިން ކުންފުނިން ބުނެފައި ވަނީ ބްރިޖް ހެދުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށެވެ. އަދި މަސައްކަތް ލަސްވީ ވެސް ބަދަލު ދިނުން ފަދަ މައްސަލަތައް ހައްލު ކުރަން ޖެހުމުން ކަމަށް ބުންޏެވެ.

ބްރިޖުގެ މަސައްކަތް މީގެ ހައެއްކަ އަހަރު ކުރިން ފެށީ ކޮންގްރެސް ޕާޓީގެ ވެރިކަމުގައި ބޮޑު ވަޒީރު މަންމޯހަން ސިންގުގެ ސަރުކާރުންނެވެ. ދެހާސް ސާދަ ވަނަ އަހަރު އިންޑިއާގެ ވެރިކަމާ ހަވާލުވި ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން ވަނީ އިންފްރާސްޓްރަކްޗާ މަޝްރޫއުތައް އަވަސް ކުރުމުގެ ޕްރޮގްރާމެއް ފަށައިފަ އެވެ.

އާސާމްގެ ބްރިޖަކީ މުމްބާއީގެ ބަންދްރާ-ވޮރްލީ ސީލިންކަށް ވުރެ 30 ޕަސެންޓް ދިގު ބްރިޖެކެވެ. މި ބްރިޖު ހުޅުވުމުން އާސާމް އާއި އަރުނާޗަލް ޕްރަދޭޝްއާ ދެމެދު ކުރާ ދަތުރު ހަތަރު ގަޑިއިރަށް ކުރު ކުރެވޭނެ އެވެ. އަރުނާޗަލްގައި އެއާޕޯޓެއް ނޯވެ އެވެ. އަރޫނާޗަލް ޕްރަދޭޝް އަށް އެއްގަމު މަގުން ސިފައިން ވަނުމަށް، އަސްކަރީ ގޮތުން ވެސް ބްރިޖުގެ މުހިންމުކަން ބޮޑެވެ. ބްރިޖް ޑިޒައިންކޮށްފައި ވަނީ 60 ޓަނުގެ ޓޭންކް ވެސް ދަތުރު ކުރެވޭ ގޮތަށެވެ.

އާސާމް ބްރިޖަށް 9،500 މިލިއަން ރުޕީސް (147.2 މިލިއަން ޑޮލަރު) ޚަރަދުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.