21 ޖޫން 2016 - 07:58

ބަނޑު ބޮޑު ކަމަށް ބުނެ، ހޮލީވުޑްގެ މަޝްހޫރު ބަތަލާ ޖެނިފާ އެނިސްޓަން އާ ބެހޭ ގޮތުން މީޑިއާތަކުން ފަތުރަމުންދާ ވާހަކަތައް އޭނާ ދޮގުކޮށްފި އެވެ.

ޓީވީ ޝޯ "ފްރެންޑްސް" އިން ވިދާލި އެނިސްޓަން ބަނޑު ބޮޑު ކަމަށް ބުނެ މި މަހުގެ ކުރީކޮޅު ވެސް ވަރަށް ގަދަ އަށް މިޑިއާތަކުގައި ހަބަތައް ފެތުރުނެވެ. އެއީ ފިރިމީހާ ޖަސްޓިން ތެރޮކްސް އާ އެކު ބަހާމާސްގައި ޗުއްޓީއަކަށް ގޮސް އުޅެނިކޮށް އާންމުވި ފޮޓޯތަކަކާ ގުޅިގެންނެވެ.
އޭރު މީޑިއާތަކުން ބުނެފައި ވަނީ ނިވާކަން ކުޑަ ހެދުމެއްގައި އެނިސްޓަން ފެނުނު އިރު، އޭނާގެ ބަނޑުން މާބަނޑު ކަމުގެ ނިޝާންތަކެއް ފެނިފައިވާ ކަމަށެވެ. މި ވާހަކަތައް ދެކެވިފައި ވަނިކޮށް ހުކުރު ދުވަހު އަނެއްކާ ފިރިމީހާ އެކު ޑިނާއަކަށް ނިކުމެ އުޅެނިކޮށް މީޑިއާތަކުން ތިލަ ކުރި ފޮޓޯތަކާ އެކު ބުނެފައި ވަނީ އެނިސްޓަން އިނީ ބަލިވެ ކަމަށެވެ.
އަދި ބަނޑު ބޮޑުކަން ފޮރުވުމަށް އޭނާ ލައިގެން އިން ހެދުމުން މަސައްކަތްކޮށްފައިވާ ކަމަށް ވެސް މީޑިއާތަކުން ބުނެފައިވެ އެވެ.
އެހެން ނަމަވެސް އެނިސްޓަން، 47، ވަނީ އޭނާ ބަނޑު ބޮޑު ނޫން ކަމަށް ބުނެފަ އެވެ.
މީގެ ކުރިން އެނިސްޓަން ބުނެފައި ވަނީ އޭނާ ކުއްޖަކު ނުހޯދައި ލަސް ކުރަނީ، ފިލްމީ ކެރިއާ އަށް އޮތް ދަހިވެތި ކަމެއްގެ ސަބަބުން ކަމަށް ބުނެ މީޑިއާތަކުން ތުހުމަތުގެ އިނގިލި ދިއްކޮށްފައިވާ ކަމަށެވެ.
އެކަމަކު އެއީ ހަގީގަތެއް ނޫން ކަމަށާއި ވަގުތު ޖެހުމުން ކުއްޖަކު ހޯދާނެ ކަމަށް ބުނެފައިވެ އެވެ. އަދި އޭނާއަކީ އެހާ "އަމިއްލަ އެދުން ބޮޑު މީހެއް ނޫން ކަމަށް" އެނިސްޓަން ބުންޏެވެ.
ކުރިން އެކްޓަރު ބްރެޑް ޕިޓާ ކައިވެނިކޮށްގެން އުޅުނު އެނިސްޓަން އާއި ޖަސްޓިން ކައިވެނި ކުރީ އޮގަސްޓް 5، 2015 ގަ އެވެ.
އެނިސްޓަންގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރެއިން ދެން އެންމެ އަވަހަށް އޭނާ ފެނިގެން ދާނީ "އޮފިސް ކްރިސްމަސް ޕާޓީ" އިންނެވެ. އެ ފިލްމް ރިލީޒް ކުރަން ހަމަޖެހިފައި ވަނީ ޑިސެމްބަރު 9 ގަ އެވެ.