ބާސާގެ އަގު ރަނގަޅު، އެކަމަކު ވިނީޝަސް ބޭނުންވީ މެޑްރިޑް
ބާސާގެ އަގު ރަނގަޅު، އެކަމަކު ވިނީޝަސް ބޭނުންވީ މެޑްރިޑް

މެޑްރިޑް (މެއި 26) – ބްރެޒިލްގެ އުމުރުން 16 އަހަރުގެ ހުނަރުވެރި ފުޓްބޯޅަ ތަރި ވިނީޝަސް ޖޫނިއާ އަށް ސްޕެއިނުގެ ބާސެލޯނާ އިން މާ ބޮޑު އަދަދެއް ހުށަހެޅި ކަމަށާއި އެކަމަކު އޭނާ އިހުތިޔާރުކުރީ ރެއާލް މެޑްރިޑް ކަމަށް އޭޖެންޓް ފެޑެރިކޯ ޕެނާ ބުނެފި އެވެ.

ރެއާލް މެޑްރިޑުން، ބްރެޒިލްގެ ފްލެމިންގޯގެ ސީނިއާ ޓީމަށް މިދިޔަ މޭ މަހު ފުރަތަމަ ފަހަރަށް ކުޅުނު ވިނީޝަސް ގަތީ 45 މިލިއަން ޔޫރޯ އަށެވެ. އެކަމަކު އޭނާ އަށް އެންމެ އަވަހަށް ވެސް މެޑްރިޑަށް ކުޅެވޭނީ އަންނަ އަހަރުގެ ޖުލައި މަހު 18 އަހަރު ފުރުމުންނެވެ. އެހެންވިޔަސް ރެއާލުން ވަނީ އޭނާ 2019 ވަނަ އަހަރުގެ ނިޔަލަށް ފްލެމިންގޯގައި ބަހައްޓަން ނިންމައިފަ އެވެ.

ވިނީޝަސްގެ އޭޖެންޓް ބުނީ ބޮޑު އަގެއް ދިނުމުން ރެއާލް މެޑްރިޑަށް ފާޑުކިޔުން އަތުވެދާނެ ކަމަށާއި އެކަމަކު އޭނާ ގަތުމަށް ގިނަ ކްލަބްތަކަކުން ޝައުގުވެރިވި އެވެ.

"ބާސެލޯނާ އިން އޮފާކުރި މާ ރަނގަޅު ޕެޖޭކެއް. އެކަމަކު އޭނާ ގަޔާވީ ރެއާލް މެޑްރިޑުގެ ޕްރޮޖެކްޓާ،" އޭޖެންޓް ބުންޏެވެ. "މީހުންނަށް ހީވެދާނެ އޭނާ އެ ނިންމުން ނިންމީ ފައިސާއަށްޓަކައޭ. އެކަމަކު އެއީ ހަގީގަތެއް ނޫން."

ވިނީޝަސް ވަނީ މި އަހަރުގެ 17 އަހަރުން ދަށުގެ ސައުތު އެމެރިކަން ޗެމްޕިއަންޝިޕް ބްރެޒިލަށް ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. މުބާރާތުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދިއިރު ހަތް ގޯލް ޖަހާފައިވެ އެވެ. އޭނާ އަކީ ބާސެލޯނާ އަށް ކުޅޭ ބްރެޒިލްގެ ނޭމާ ސްޓައިލުގެ ކުޅުންތެރިއެކެވެ.