ވެލެންސިއާ އަށް ދިވެހި ޕްރިމިއާ ލީގުން ފުރުސަތު ގެއްލިއްޖެ
ވެލެންސިއާ އަށް ދިވެހި ޕްރިމިއާ ލީގުން ފުރުސަތު ގެއްލިއްޖެ

ޓީސީ ސްޕޯޓްސް ކްލަބް އަތުން މިއަދު 6-3 އިން ބަލިވެ އެސްޓީއޯ މާލޭ ލީގުގެ ގަދަ ހަތަރެއްގައި ލައްވާ ނުލައި ދިވެހި ޕްރިމިއާ ލީގުން ކްލަބް ވެލެންސިއާ އަށް ޖާގަ ގެއްލިއްޖެ އެވެ.

ކުޅުނު ނުވަ މެޗުން ލިބުނު އެއް ޕޮއިންޓާ އެކު ވެލެންސިއާ އޮތީ ތާވަލުގެ އެންމެ ފުލުގަ އެވެ. ބާކީ އޮތް ފަސް މެޗުން އެ ޓީމަށް ގިނަވެގެން އެއްކުރެވޭނީ 16 ޕޮއިންޓެވެ. މާޒިޔާ އާއި ނިއު ރޭޑިއަންޓް، މިހާރު ވެސް އެ އަށް ވުރެ ގިނައިން ޕޮއިންޓް ހޯދާފައިވާއިރު، އީގަލްސް އާއި ވިކްޓަރީ އާއި ގްރީން ސްޓްރީޓްސް އަދި ޓީސީ، ކޮންމެ ޓީމަކާ ވާދަކުރާނެތީ އެއަށް ވުރެ ގިނައިން ޕޮއިންޓް ހޯދުމުގެ ފުރުސަތު އެބައޮތެވެ.

މި އަހަރުގެ ދިވެހި ލީގުން ފުރުސަތު ލިބޭނީ މާލޭ ލީގުގެ ގަދަ ހަތަރަކަށެވެ. އަނެއް ހަތަރު ޓީމަށް ޖެހޭނީ ދެ ވަނަ ޑިވިޝަނުގެ ގަދަ ދެ ޓީމާ އެކު މާލޭ ލީގު ކޮލިފައިންގައި ކުޅޭށެވެ. އަންނަ އަހަރުގެ މާލޭ ލީގުން ފުރުސަތު ލިބެނީ އެ މުބާރާތުން ކުރި ލިބޭ ހަތަރު ޓީމަށެވެ.

މިދިޔަ އަހަރުގެ އެފްްއޭ ކަޕް ކާމިޔާބުކޮށް މި އަހަރުގެ އޭއެފްސީ ކަޕުގެ ޕްރިލިމިނަރީގައި ވެސް ވާދަކުރި ވެލެންސިއާ ވަނީ ދިވެހި ލީގުގެ ޗެމްޕިއަންކަން ފަސް ފަހަރު ހޯދައިފަ އެވެ. އެކަމަކު ފަހަކަށް އައިސް އެ ޓީމުގެ ވިދުވަރު ވަނީ ފަނޑުވެފަ އެވެ.

މިއަދުގެ މޮޅާ އެކު ޓީސީ ތިން ވަނަ އަށް ޖެހިލީ ނުވަ މެޗުން 14 ޕޮއިންޓް ހޯދައިގެންނެވެ. ހަތަރު ވަނައިގައި އޮތް ގްރީން ސްޓްރީޓްސް އަށް އަށް މެޗުން 14 ޕޮއިންޓް ލިބިފައިވާއިރު، މާދަމާރޭ ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅޭ މެޗުން ގްރީން ސްޓްރީޓްސް ބަލިނުވެ ފަރުޖައްސާލައިފިނަމަ އެ ޓީމަށް އަލުން ތިން ވަނަ ލިބޭނެ އެވެ. މި ވަގުތު ޓީސީ ކުރީގައި އޮތީ ފައިދާ ލަނޑުގެ ގޮތުންނެވެ.

ބޯ ވާރޭގެތެރޭގައި ކުޅުނު މި މެޗުގައި ދެ ޓީމަށް ވެސް މާ އެދެވޭ ކުޅުމެއް ނުދެއްކުނެވެ. ދަނޑުގައި ޗަކަ ހެދިފައިހުރުމުން ދެ ޓީމަށް ވެސް ތިރިން ޕާސްދީގެން ކުޅެވޭގޮތް ނުވުމުން ދެ ޓީމުން ވެސް ކުޅުނީ ދިގު ބޯޅަ ތަކެއް ޖަހައިގެންނެވެ.

މެޗުގެ ފުރަތަމަ މިނިޓްގައި ފޭދޫ އިއްބެ ވަނީ ޓީސީ އަށް ލީޑުނަަގައިދީފަ އެވެ. އޭގެ ހަތް މިނިޓް ފަހުން ޓީސީގެ ދެ ވަނަ ލަނޑު ޖެހީ ވެސް ފޭދޫ އިއްބެ އެވެ.

ޓީސީން ދެ ލަނޑުގެ ލީޑެއް ނެގުމާ އެކު ވެލެންސިއާ އިން ކުރިއަށް ޖެހިގެން ކުޅުން ރަނގަޅުކުރި އެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 13 ވަނަ މިނިޓްގައި އިބްރާހިމް ހަމްދާން ވަނީ ވެލެންސިއާ އަށް ލަނޑެއް ކާމިޔާބު ކޮށްދީފަ އެވެ.

ވެލެންސިއާ އިން ފަރަގު ކުޑަކުރިތާ ފަސް މިނިޓް ފަހުން ޓީސީގެ ތިން ވަނަ ލަނޑު ޖެހީ ނާއިޒު ހަސަން (ދާދު) އެވެ. އޭގެ ފަހުން ވެސް އިތުރު ލަނޑެއް ޖަހަން ޓީސީ އަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވި އެެވެ.

ދެ ލަނޑުގެ ލީޑާ އެކު ޓީސީ އަށް ހަމަޖެހި ނުލެވެނީސް ވެލެންސިއާ އިން ވަނީ ގާތްގާތުގައި ދެ ލަނޑު ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. މެޗުގެ 30 ވަނަ މިނިޓްގައި ވެލެންސިއާގެ ދެ ވަނަ ލަނޑު އޮމޮދޫ ގޮޑްފްރޭ ވެސްޓް ޖެހިއިރު، އޭގެ ތިން މިނިޓް ފަހުން ވެލެންސިއާ އަށް އެއްވަރުކޮށްދިނީ ހަމްދާން އެވެ.

ނަތީޖާ ހަމަހަމަވެގެން ފުރަތަމަ ނިމެން ދަނިކޮށް ހާފްގެ ފަހު މިނިޓްގައި ޓީސީ އަށް ލީޑުނަގައިދިނީ ކެޕްޓަން އަލީ ނާފިއު (ކަޅޭ) އެވެ. ދެ ވަނަ ހާފް ފެށިގެން ދެ ވަނަ މިނިޓް ތެރޭ ފޭދޫ އިއްބެ ވަނީ ޓީސީގެ ފަސް ވަނަ ލަނޑު ޖަހައި އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފަ އެެވެ.

މެޗުގެ 57 ވަނަ މިނިޓްގައި ވެލެންސިއާ އަށް ހަތަރު ވަނަ ލަނޑެއް ޖަހައިދޭން އެ ޓީމުގެ އަހުމަދު ރިލްވާން (ރިލޭ) އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. އެހެން ނަމަވެސް އޭރިއާ ތެރޭގައި ހުސްކޮށްހުރެ އޭނާ ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރަށެވެ.

ޓީސީގެ ހަ ވަނަ ލަނޑު މެޗުގެ 73 ވަނަ މިނިޓްގައި ޖެހީ އިބްރާހިމް ވަހީދު ހަސަން (އިއްބެ) އެވެ. ވެލެންސިއާ އޭރިއާ ތެރެއިން އިއްބެ އަށް ލިބުނު ބޯޅަ އޭނާ ވަނީ ގޯލުގެ ދުރު ކަނަށް އަމާޒުކޮށްލައިފަ އެވެ.

މެޗުގެ އިތުރު ވަގުތުގައި ހަތް ވަނަ ލަނޑު ޖަހަން ޓީސީގެ ނާފިއު އަށް ހުސް ފުރުސަތެއް ލިބުނެވެ. ފޭދޫ އިއްބެ ހުސްކޮށްލާފައި ކަޅޭ އަށް ދިން ބޯޅަ އޭނާ ފޮނުވާލުމުން އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

މުބާރާތުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ޔުނައިޓެޑް ވިކްޓަރީ ނުކުންނާނީ ވިކްޓަރީއާ ދެކޮޅަށެވެ. މާދަމާރޭ ނިއު ބައްދަލުކުރާނީ ގްރީން ސްޓްރީޓްސްއާ އެވެ.