މިހާރުގެ ރެސިޕީ: ފޮލާ
މިހާރުގެ ރެސިޕީ: ފޮލާ

2 ޖޯޑު ހަނޑޫ (ބާސްމަތީރައިސް)

2 ފިޔާ (ބޮޑު، ތެއްލާ ގޮތަށް ތުނިކޮށް ކޮށައިފައި)

7 ޖޯޑު ފެން

30 ގުރާމު ކަނަމަދު

30 ގުރާމު ހިކި މޭބިސްކަދުރު

1 ސައިސަމުސާ ދަވިއްގަނދު (ހިމުންކޮށް މުގުރި)

8 ކަރަންފޫ (ހިމުންކޮށް މުގުރި)

⅓ ސައިސަމުސާ ފޮނިތޮށި (ހިމުންކޮށް މުގުރި)

⅓ ސައިސަމުސާ ކާފޫރުތޮޅި (ހިމުންކޮށް މުގުރި)

2 މޭޒުމަތީސަމުސާ ގިތެޔޮ

8 އިންޗީގެ ރާނބާފަތް

2 ހިކަނދިފަތް

ތެޔޮ، ލޮނު

ފިޔާގެ ދެބައިކުޅަ އެއްބައި ތެއްލުން. ފިޔާކޮޅަށް މުށިކުލަ އަރަން ފެށީމައި، އޭގެ ތެރެއަށް ހިކަނދިފަތް އެޅުން. ރަނގަޅަށް ފިޔާކޮޅު މުރަނަވީމައި، ފިޔާކޮޅާއި ހިކަނދިފަތްކޮޅު ނެގުން. އެ ތެޔޮގަނޑުގައި ކަނަމަދު ތެއްލުން. ކަނަމަދު ވެސް މުރަނަވީމައި ނަގައިފައި، ހިކި މޭބިސްކަދުރު ތެއްލުން. ހިކި މޭބިސްކަދުރުތައް ފުފުނީމައި، ތެޔޮގަނޑުން ނެގުން. ފިޔާ، ހިކަނދިފަތް، ކަނަމަދު، ހިކި މޭބިސްކަދުރު ވެސް ތެޔޮގަނޑުން ނަގައިފައި (ޓިޝޫ ފަތުރައިފައިވާ) ތަށްޓަކަށް އެޅުން.

ބާކީ ހުރި ފިޔާ، ރާނބާފަތުގެ ދެބައިކުޅަ އެއްބައި ލައިގެން ގިތެލުގައި މީރުކުރުން. ފިޔާކޮޅު މޯޅިވީމައި، އޭގެ ތެރެއަށް (ކުރިން ދޮވެފައި، އެއްޗަކަށް ނަގައިފައި ހުރި) ހަނޑޫ އެޅުން. ހަނޑޫ މުރަނަ ވާން ފެށުމުން، ރަނގަޅަށް އެއްކުރަމުން ދަވިއްގަނދު، ފޮނިތޮށިކާފޫރުތޮޅި، ކަރަންފޫ އެޅުމަށް ފަހު ފެން އަޅައިފައި، ލޮނު ހެޔޮވަރު ކުރުން. ބައްތަވާގެ މަތި ރަނގަޅަށް ހިނދުނީމައި މަތިޖަހައިގެން، މަޑުގިނީގައި (އަޑީގައި ހުރި ފެންފޮދު ހިނދެންދެން) ކައްކައިލުން. ފެންފޮދު ހިނދުނީމައި، އުނދުން ނިއްވައިލައިފައި މޭބިސްކަދުރު، ފިޔާ، ހިކަނދިފަތް، ކަނަމަދު އެޅުމަށް ފަހު، (އުލަކުން) މަޑުމަޑުން އެއްކޮށްލުން. ބާރަށް އެއްކޮށްފިއްޔާ ބަތްތައް ޗަސްވެދާނެ. ބަތްތަވާގެ މައްޗަށް ރާނބާފަތް އަޅައިފައި، އަނެއްކާ ވެސް މަތިޖެހުން.

ހަނޑޫ މުރަނަވާކަން އެނގޭނެ ގޮތަކީ، ހަނޑޫކޮޅު އެއްކުރާއިރު ތެލީގައި ހަނޑޫފުށްތައް ޖެހޭ އަޑު ތޫނުވާން ފެށުން. ތަންދޫރީ ކުކުޅު ނުވަތަ ފިހުނު މަހާ އެއްކޮށް މި ބަތް ވަރަށް މީރު ވާނެ.

މި ރޯދަ މަހު "މިހާރު"ގެ ކިޔުންތެރިންނަށް މި ގެނެސްދެނީ ފާތިމަތު ޚުރުޝިދާގެ ރެސިޕީތަކެކެވެ. އޭނާ ވަނީ ދިވެހި ރަހަތައް ހިމެނޭ ގޮތަށް ވަރަށް ގިނަ އަދަދަކަށް އަމިއްލަ ރެސިޕީތައް ހަދައި، އާންމުންނަށް ދޫކޮށްލައިފަ އެވެ. އެ ހުރިހާ ރެސިޕީއެެއް އޭނާ ވަނީ https://web.facebook.com/Rumaa-495764227208278 ގައި ހިމަނައިފަ އެވެ.