ރޯދަމަހު ދުވާލު މުސްލިމް ނޫން މީހުންނަށް ކެއުންބުއިމުގެ ޚިދުމަތް ދޭން 36 ތަނަކަށް ހުއްދަދީފި
ރޯދަމަހު ދުވާލު މުސްލިމް ނޫން މީހުންނަށް ކެއުންބުއިމުގެ ޚިދުމަތް ދޭން 36 ތަނަކަށް ހުއްދަދީފި

މުސްލިމް ނޫން މީހުންނަށް މި ފެށޭ ރޯދަމަހު ކެއުންބުއިމުގެ ޚިދުމަތް ދޭން 36 ތަނަކަށް އިކޮނޮމިކް މިނިސްޓްރީން ހުއްދަ ދީފި އެވެ.

އިކޮނޮމިކް މިނިސްޓަރުގެ ނައިބު އާދަމް ތައުފީގް ވިދާޅުވީ ޝަރުތުތަކަކާއެކު، މާލެ އާއި ހުޅުމާލޭގައި ހިންގާ 34 ކެފޭއަކަށާއި ދެ ގެސްޓްހައުސްއަކަށް ހުއްދަ ދީފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މި ހުއްދަ ދިނީ މިނިސްޓްރީން ކުރި އިއުލާނަކާ ގުޅިގެން ހުއްދައަށް އެދުނު ފަރާތްތަކަށް ވަކި ޝަރުތުތަކަކާއެކު. އެގޮތުން އެތަންތަނުގައި ކެއުންބުއިމުގެ ކަންތައްތައް ހިނގާކަން އާއްމުންނަށް ފެނިގެން ނުވާނެ ގޮތަށް ހަދަން ޖެހޭނެ،" ތައުފީގް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރު ވެސް ރޯދަމަހު ދުވާލު، މާލެ އާއި ހުޅުމާލޭގައި ކެފޭ އާއި ރެސްޓޯރަންޓްތަކަށާއި ގެސްޓް ހައުސް އަދި ހޮޓާތަކަށް ކެއުންބުއިމުގެ ހުއްދަ ދިނީ ގިނަ އަދަދެއްގެ މުސްލިމު ނޫން ބިދޭސީން މަސައްކަތް ކުރާތީ އެވެ. އަދި ގެސްޓް ހައުސްތަކަށް ހުއްދަ ދެނީ އެ ތަންތަނުގައި ޗުއްޓީ ހޭދަކުރާ ގެސްޓުންނަށް ހިދުމަތް ދިނުމަށް ކަމަށް ވެސް ތައުފީގް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ތަންތަނަށް ކެއުންބުއިމުގެ ހުއްދަ ދިނީ ވަކި އެއްބަސްވުމެއްގެ ދަށުން ކަމަށެވެ. އަދި އެ ހުއްދަ ނެތި އެ ޚިދުމަތް ދޭ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ވެސް ތައުފީގު ވިދާޅުވި އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ އެހެން އަހަރުތަކޭ އެއްގޮތަށް ރޯދަމަސް ފެށުމާއެކު، ކެފޭ ރެސްޓޯރަންޓްތައް ރޯދަ ވީއްލާ ވަގުތުން ފެށިގެން ދަންވަރު ތިނެއް ޖަހަންދެން ހުޅުވާފައި ބެހެއްޓޭނެ ކަމަށެވެ. އަދި ފިހާރަތައް ރޭގަނޑު 11 ޖަހަންދެން ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ މިދިޔަ ހަފުތާއިން ފެށިގެން ހަ ރޯދަ ނިމެންދެން އޮންނާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.