26 މެއި 2017 - 07:07

ލަލީތާ ބެންބަންސީ ހާއްސަވަނީ އެސިޑް ހަމަލާޔަކުން ސަލާމަތްވާން ކުރި ވަރުގަދަ ހަނގުރާމައިގެ ސަބަބުންނެވެ. މީގެ ފަސް އަހަރު ކުރިން ލަލީތާ އަށް އެސިޑް ހަމަލަ ދިނީ އޭނާގެ ދެބެންގެ ދެ ދަރި މީހަކު، އާއިލީ އަރާރުމެއްގެ ސަބަބުންނެވެ. މި ހަމަލައިގައި އޭނާގެ މޫނުގެ ބޮޑު ބައެއްގެ މަސްތައް ވިރިގެން ދިޔަ އެވެ. އަދި 17 އޮޕަރޭޝަން ކުރަން ޖެހުނެވެ. ނަމަވެސް އޭގެ މަދު އަހަރުތަކެއް ފަހުން އޭނާގެ ހަޔާތަށް އުފާވެރިކަން ލިބިދާނެ ކަމަށް ގަބޫލު ކުރާނެ އެއްވެސް މީހަކު އޭރަކު ހުންނާނެ ކަމަކަށް ނުބެލެވެ އެވެ.

ލަލީތާގެ ހަޔާތަށް މުޅިން އާ ދިރުމެއް ލިބިގެންދިޔައީ "ނުބައި ނަންބަރަކަށް" ކުރެވުނު އެންމެ ފޯނު ކޯލަކުންނެވެ. ރާހޫލް ކުމާރު ކިޔާ މީހަކަށް އޮޅިގެން ލަލީތާގެ ނަންބަރަށް ގުޅުނީ މީގެ ދެ މަހެއްހާ ދުވަސް ކުރިންނެވެ. އެ ދުވަހު ވާހަކަ ދައްކަން ފެށި ގޮތަށް ދެ މީހުން ވާހަކަ ދައްކަމުން ގޮސް އެކަކު އަނެކަކު ރަނގަޅަށް ދަސްވެ ކައިވެންޏާ ހަމައަށް ވަނީ ގޮސްފަ އެވެ.
ލަލީތާ އާއި ރާހޫލްގެ ކައިވެންޏަށް ހާޒިރުވި އެންމެ ޝަރަފުވެރި މެހެމާނަކީ ބޮލީވުޑް އެކްޓަރު ވިވެކް އޮބްރޯއީ އެވެ. ވިވެކް އަކީ އިންސާނިއްޔަތަށް ޚިދުމަތްކުރުމުގައި ބޮލީވުޑް އެހެން ތަރިންނަށް މިސާލެއް ފަދަ އެކްޓަރެކެވެ. އޭނާ ހަމައެކަނި މި ކައިވެނީގެ ރަސްމިއްޔާތުގައި ބައިވެރިވީ އެއް ނޫނެވެ. ކައިވެނީގެ ހަދިޔާއެއްގެ ގޮތުން ގެއެއް ވެސް ލަލީތާ އަށް ވިވެކް ވަނީ ހަދިޔާ ކޮށްފަ އެވެ. މީގެ އެތައް ހަފުތާއެއް ކުރިން ވިވެކް ވަނީ ހަނގުރާމައިގައި މަރުވި އިންޑިޔާގެ ސިފައިންގެ 25 އޮފިސަރެއްގެ އާއިލާއަށް 25 ފްލެޓް ހަދިޔާ ކޮށްފަ އެވެ.
ވިވެކް އާއި ލަލީތާ ފުރަތަމަ ބައްދަލުވީ މިދިޔަ މާޗް މަހު އޮތް ހަފުލާ އަކުންނެވެ. ލަލީތާގެ ހާލަތާއި އޭނާއަކީ ވަންނާނެ ގެދޮރު ނެތް ފަގީރެއްކަން އެ ފަހަރު ވިވެކް އަށް އެނގުނެވެ. އެހެންކަމުން ލަލީތާ އަށް ގެއެއް ހަދިޔާކުރުމަށް ވިވެކް އެ ދުވަހު ވައުދުވި އެވެ. އަދި އޭނާ ވައުދު ފުއްދުމުގެ ގޮތުން ކައިވެނީގެ ހަދިޔާއެއްގެ ގޮތުން ލަލީތާ އަށް ގެއެއް ހަދިޔާ ކުރީ އެވެ.
ލަލީތާ އާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ވިވެކް ބުނީ ލަލީތާ އަކީ އަސްލު ހީރޯއެއް ކަމަށާއި އޭނާ ދައްކާފައިވާ ހިތްވަރާއި އެސިޑް ހަމަލައިގައި ޝިކާރައަކަށް ވެފައިވާ އެތައް ހާސް މީހުންނަށް ލިބުނު އާ އުންމީދެއް ކަމަށެވެ. އަދި އެފަދަ މީހުންނަށް ވެސް އުފާވެރި ދިރިއުޅުމެއް އުޅެވިދާނެ ކަން ލަލީތާ ވަނީ ސާބިތު ކޮށްދީފައި ކަމަށް ވިވެކް ބުންޏެވެ.