26 މެއި 2017 - 07:08

އާމިރު ޚާނަކީ ކޮންމެ ފިލްމަކަށް ވެސް ޚާއްސަ ތައްޔާރީތަކެއް ވާ އެކްޓަރެކެވެ. އެގޮތުން އާމިރުގެ އެންމެ ފަހުން ރިލީޒްވި "ދަންގަލް" އަށް އޭނާ ވަނީ 90 ކިލޯ އަށް ހަށިގަޑުގެ ބަރުދަން އިތުރުކޮށްފަ އެވެ. އަދި ފިލްމު ނިމުމުން އަލުން އިތުރުވި ބަރުދަން ލުއިކޮށް މިހާރު އަނެއްކާވެސް އާ ފިލްމެއްގެ ތައްޔާރީތައް އޭނާ ވަނީ ފަށާފަ އެވެ.
މި ދުވަސްވަރު އަނެއްކާވެސް އާމިރު އަންނަނީ ޖޫން މަހު ފަށާ "ތަގްސް އޮފް ހިންދުސްތާން" އަށް ތައްޔާރުވުމުގެ ގޮތުން ސިފަޔަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންނެވެ. ކުރިން ކުރުކޮށް ކޮށާފައި އޮތް އިސްތަށިގަނޑު މިހާރު ދިގުކުރަން ފަށާފައި ވާއިރު މިދުވަސްކޮޅު އޭނާ ފެންނަނީ ބޮލުގައި ކަޅުކުލައިގެ ބޭންޑެއް އަޅައިގެން ހުއްޓަ އެވެ. އިސްތަށިގަނޑު ދިގުކަމުން ލޯ މައްޗަށް ވެއްޓޭތީ އަޅާފައި ހުންނަ ބޭންޑެއް ކަމަށް ލަފާ ކުރެވެ އެވެ.
އަދި ކަންފަތާއި ނޭފަތް ތޮރުފައި އެތަންތަނުގައި މުދި ލާފައިވެ އެވެ. މިހާރު އޭނާ ހެދުން އަޅަނީ ވެސް އެންމެ މިޒަމާނުގެ ޒުވާނުން ހެދުން އަޅާގޮތަށް ޓީޝާޓާއި ކުރު ސޯޓުބުރިއެކެވެ.
އާމިރާ އެކު އަމީތާބު ބައްޗަން ވެސް މުހިއްމު ރޯލެއް އަދާކުރާ "ތަގްސް އޮފް ހިންދުސްތާން" ގެ ބަތަލާއިންނަކީ ފާތިމާ ސަނާ ޝޭޚް އާއި ކެޓުރީނާ ކައިފް އެވެ. ޑައިރެކްޓަރަކީ "ދޫމް 3" ގައި ވެސް އާމިރު އާއެކު މަސައްކަތް ކޮށްފައިވާ ވިޖޭ ކްރިޝްނާ އަޗާރިޔާ އެވެ.
އާމިރު ބުނެފައިވާ ގޮތުގައި "ތަގްސް އޮފް ހިންދޮސްތާން" އަކީ ހޮލީވުޑް މަޝްހޫރު ފިލްމު "ޕައިރޭޓްސް އޮފް ކެރީބިއަން"ގެ ކޮޕީއެއް ނޫނެވެ.