ނުކުޅެދުންތެރިކަން ހުންނަ ދަރިފުޅާއެކު ކްލާސްތަކަށް ދިޔަ މަންމައަށް ޚާއްސަ ޑިގްރީއެއް
ނުކުޅެދުންތެރިކަން ހުންނަ ދަރިފުޅާއެކު ކްލާސްތަކަށް ދިޔަ މަންމައަށް ޚާއްސަ ޑިގްރީއެއް

އެމެރިކާގެ ކެލިފޯނިއާގެ ދެކުނުގައި ހުންނަ ޔުނިވަސިޓީއެއްގައި ބިޒްނަސް އެޑްމިނިސްޓްރޭޝަނުން މާސްޓާޒް އަށް ކިޔަވަމުން ދިޔަ ނުކުޅެދުންތެރިކަން ހުންނަ ދަރިފުޅާއެކު ކޮންމެ ދުވަހަކު ކްލާސްތަކަށް ހާޒިރުވެ ނޯޓްސް ލިޔެދިން މަންމައަކަށް އެ ޔުނިވަސިޓީން އޮނަރަރީ ޑިގްރީއެއް ދީފި އެވެ.

އިލެމެންޓްރީ ސްކޫލް ޓީޗަރެއް ކަމަށްވާ ޖޫޑީ އޯ ކޮނާ ވަޒީފާއިން އިސްތިއުފާ ދިނީ އޭނާގެ ފިރިހެން ދަރިފުޅު މާޓީ ނުކުޅެދޭ މީހަކަށް ވުމުން އޭނާއަށް ކިޔަވައިދިނުމަށެވެ.

އޮރެންޖްގެ ޗެޕްމެން ޔުނިވަސިޓީގެ މިއަހަރުގެ ގްރެޖުއޭޝަން އޮތީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އެ ރަސްމިއްޔާތުގައި މާޓީ އަށް ވަނީ އޭނާގެ މާސްޓާޒް ޑިގްރީ ލިބިފަ އެވެ. ފުރޮޅުލީ ގޮނޑީގައި، ޑިގްރީ ބަލާ މާޓީ ގެންދިޔައީ އޭނާގެ މަންމަ އެވެ.

އަންހެންމީހާ އަށް އޮނަރަރީ ޑިގްރީ ދޭކަން އިއުލާން ކުރި ވަގުތު އެ ނަންތައް އިއުލާން ކުރަން ހުރި މީހާއަށް ވެސް އަސަރުކޮށްގެން އަޑުބެދި ވާހަކަ ވެސް ނުދެއްކިފައި އިރުކޮޅަކު ހުއްޓެވެ. އެއަށްފަހު ސްކޫލްގެ ފެކަލްޓީ އާއި ބޯޑް އޮފް ޓްރަސްޓީސްގެ ފަރާތުން މާޓިންގެ މަންމައަށް އެމްބީއޭ އޮނާސް ޑިގްރީއެއް ދޭން ނިންމާފައިވާކަން އޭނާ އިއުލާން ކުރި އެވެ. ހަގީގަތުގައި އެ ޚިޔާލު ދިނީ ވެސް މަންމައަށް ސަޕްރައިޒެއް ދިނުމުގެ ގޮތުން މާޓިން އެވެ.

މި ޑިގްރީ ލިބުމުން ވާހަކަ ދައްކަމުން ޖޫޑީ ބުނީ އޭނާ ސްކޫލަށް ދިއުމަށް ލޯބިކުރާ ކަމަށެވެ. ސްކޫލްގައި ކޮންމެ މިނެޓެއް ވެސް ހޭދަކުރީ ވަރަށް އުފަލުން ކަމަށް ވެސް އޭނާ ބުންޏެވެ.

މާޓީ އޯކޮނާ ވަނީ ޔުނިވަސިޓީ އޮފް ކޮލަރާޑޯ އިން އަންޑަގްރެޖުއޭޓް ޑިގްރީއެއް ހާސިލް ކޮށްފަ އެވެ. އަދި އޭގެ ފަހުން އޭނާ ދިޔައީ ޕެކޭޖިން އިންޑަސްޓްރީގެ ކުންފުންޏެއްގައި ވަޒީފާ އަދާކުރަމުންނެވެ. އޭނާ ނުކުޅެދޭ މީހަކަށް ވީ 2012 ގައި ހިނގި އެކްސިޑެންޓެއްގައި ސިޑިން ވެއްޓި މުޅި ހަށިގަނޑުން ވާގި ދިއުމުގެ ސަބަބުންނެވެ.

މާޓީ ބުނި ގޮތުގައި އަނިޔާވެ ނުކުޅެދޭ މީހަކަށް ވުމުން އޭނާއަށް ކުރިއަށް ދާންވީ މަގު ބަންދުވި އެވެ. އަދި އަމިއްލަ ނަފްސަށް ހުރި ގޮންޖެހުންތަކާ ހެދި އޭނާއަށް ހަދާނެ ގޮތް ހުސްވި އެވެ. ފްލޮރިޑާގައި ދިރިއުޅެމުންދިޔަ އޭނާގެ މަންމަ ސައުތު ކެލިފޯނިއާ އަށް މާޓީގެ ކައިރިއަށް ބަދަލުވީ ދަރިފުޅަށް އެމްބީއޭ ޑީގްރީ ހޯދާދިނުމުގެ މަގްސަދުގަ އެވެ.

ކިޔެވުމަށް އޭނާ ބޭނުންކުރަނީ އައިޕެޑް އަކާއި ލެޕްޓޮޕެއް އަދި ވޮއިސް-ރިކޮގްނިޝަން ސޮފްޓްވެއާ އެކެވެ. އަދި މީހުންނާ މުއާމަލާތް ކުރެވޭ ކަހަލަ ޚާއްސަ އެއްޗެއް ބޭނުންކޮށް އޭނާ މީހުންނާ މުއާމަލާތް ކުރަން ފެށި އެވެ. ނަމަވެސް އޭނާގެ ދެ އަތް ވެސް ވާގިނެތިފައިވާތީ ނޯޓްސް ނެގުމާއި ޓެސްޓް ހެދުން އެއީ އޭނާއަށް ކުރެވޭ ވަރުގެ ކަމެއް ނޫނެވެ. އެހެންކަމުން އޭނާ ބުނާ ޖަވާބުތައް ކަރުދާހުގައި ލިޔެދެނީ މަންމަ އެވެ.