25 މެއި 2017 - 11:54

މި މަހުގެ ހަވަނަދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ނާކާމިޔާބީ އަށް ފަހު ޕީޕީއެމް-އެމްޑީއޭގެ ކޯލިޝަނުން ފެށި ޖަގަހަ ޖަލްސާތަކަށް އާއްމު މެމްބަރުން ނުގޮސްގެން ޝަކުވާ ކުރާނެ ކަމެއް ނެތް ކަމަށާއި ކޯޓުތައް މެދުވެރިކޮށް، ރައްޔިތުންގެ ލޯބި ނުހޯދޭނެ ކަން އެ ޖަލްސާތަކުން މިހާރު ސާފުވާނެ ކަމަށް މަޑުއްވަރީ ދާއިރާގެ ޕީޕީއެމްގެ ކުރީގެ މެމްބަރު މުހައްމަދު އަމީތު މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ ޕީޕީއެމް ކޯލިޝަންގެ ޖަލްސާތަކަށް މީހުން ނުދާތީވެ، އެ ޕާޓީގެ ވައިބާ ގްރޫޕެއްގައި ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ކަންބޮޑުވުން ފާޅުކުރެއްވި މެސެޖެއް އާއްމުވެފައި ވަނިކޮށެވެ. އޭނާ ވިދާޅުވެފައި ވަނީ، އެ ޖަލްސާތައް ފެށީ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެގެން ނަމަވެސް ޖަލްސާގެ ހާޒިރީން ބުނެދެނީ މުޅިން އެހެން ވާހަކައެއް ކަމަށެވެ.
މި ވާހަކަ އަށް ރައްދު ދެއްވަމުން އަމީތު ވިދާޅުވީ ޖަގަހަ ޖަލްސާތަކަށް އާއްމު މެމްބަރުން ނުދަނީ ސަބަބުތަކެއް އޮވެގެން ކަމަށެވެ. ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މަގާމުން ވަކިކޮށް، ސައްހަ ކައުންސިލެއް އޮއްވައި އެ ކައުންސިލް އެއްފަރާތްކޮށް ވަކި ފެކްޝަނެއްގެ ގޮތުގައި ޕާޓީ ހިންގަން ފެށުމުން އާއްމު މެމްބަރުން އެކަން ބަލައި ނުގަންނަ ކަމަށް އަމީތު ވިދާޅުވި އެވެ.
"ޖަލްސާތަކުން ސާފުވަނީ ސަރުކާރަށް އާއްމުންގެ ތާއީދު ނެތް ކަން. ރައްޔިތުންގެ އިހްސާސްތަކާ ގުޅޭ އެތައް ކަމަކާއި އަސާސީ ހިދުމަތްތަކުގެ އަގުބޮޑުކޮށް ރައްޔިތުންގެ ހިތުގައި ޖެއްސުމުން، އަތްތިލަބަޑި ޖަހަން ޖަގަހައަކަށް ނުދާނެ،" އަމީތު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޖަގަހަ ޖަލްސާތަކާއި ސިޔާސީ ހަރަކާތްތަކަށް މިނިވަން މާހައުލެއް އޮންނަން ޖެހޭނެ ކަން ސަރުކާރަށް ވިސްނުނީ ވެރިކަމަށް ހަތަރު އަހަރު ފުރި، އިންތިހާބަކުން ބަލިވުމުންނެވެ. އޭގެ ކުރިން، ރައްޔިތުންނަށް ގާނޫނުތަކުން ލިބިދީފައިވާ މިނިވަންކަން ހަނިކޮށްފައިވާ ކަމަށާއި އެކަން ރައްޔިތުންނަށް ވަރަށް ބޮޑަށް ސާފުވެފައިވާ ކަމަށް އަމީތު ވިދާޅުވި އެވެ.
ޕީޕީއެމާއި އެމްޑީއޭ ކޯލިޝަނުން މިހާރު އަންނަނީ ސިލްސިލާ ޖަލްސާތަކެއް ބާއްވަމުންނެވެ. އެ ޖަލްސާތަކުގައި ސަރުކާރުގެ އެކި ސިޔާސަތުތައް ދިފާއުކޮށް، ޕީޕީއެމްގެ މަޖިލިސް މެމްބަރުން ގެންދަވަނީ އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.